އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ މެޗުތައް ފޯކައިދޫގައާއި ނިލަންދޫގައި

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ މެޗުތައް ފޯކައިދޫގައާއި ނިލަންދޫގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ މެޗުތައް ބާއްވާނެ ދެ ރަށުގެ ގޮތުގައި ށ.ފޯކައިދޫއާއި ފ.ނިލަންދޫ ކަނޑައަޅައިފިއެވެ.

މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ދާނީ، ދިހަ ޓީމެއް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ރަށެއްގައި އެއިން އެއް ގްރޫޕެއްގެ މެޗުތައް ކުޅޭ ގޮތަށެވެ. އެއިން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެެވެ.

އެ ގޮތުން، ށ.ފޯކައިދޫގައި ކުޅޭ ގްރޫޕްގައި ހިމެނޭ ޓީމުތަކަކީ، ޒޯން 1 ގެ ޗެމްޕިއަނުން ހއ.މުރައިދޫ، ޒޯން 2 ގެ ޗެމްޕިއަނުން ށ.ފޯކައިދޫ، ޒޯން 3 ގެ ޗެމްޕިއަނުން ބ.ފެހެންދޫ، ޒޯން 4 ގެ ޗެމްޕިއަން އދ.ފެންފުށި، އަދި މިދިޔަ އަހަރުގެ މުބާރާތުން ގަދަ ހަތަރެއްގެ ޖާގަ ހޯދި އއ.މާޅޮސް އެވެ.

ޒޯން 5 ގެ ޗެމްޕިއަންކަން ހޯދި ފ.ނިލަންދޫގައި ދެވަނަ ގްރޫޕްގެ މެޗުތައް ކުޅޭއިރު، މި ގްރޫޕްގައި ނިލަންދޫގެ އިތުރުން ހިމެނެނީ، ޒޯން 6 ގެ ޗެމްޕިއަނުން ތ.ތިމަރަފުށި، ޒޯން 7 ގެ ޗެމްޕިއަނުން ގދ.ހޯނޑެއްދޫ، ޒޯން 8 ގެ ޗެމްޕިއަނުން ސ.ހިތަދޫ، އަދި މިދިޔަ އަހަރުގެ މުބާރާތުން ގަދަ ހަތަރަކުން ޖާގަ ހޯދި ދ.ކުޑަހުވަދޫއެވެ.

މުބާރާތުގެ އޮނިގަނޑަަށް މި އަހަރު ގެނައި ބަދަލާއެކު، ފައިނަލް ބުރުގައި މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިގެން ދިޔަ ނަމަވެސް، މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ހޯދި ދެ ޓީމެއްކަމަށްވާ، ށ.މިލަންދޫއާއި ގދ.ތިނަދޫ ވަނީ މި އަހަރުގެ މުބާރާތުގައި ބައިވެރިނުވުމަށް ނިންމައިފައެެވެ. އެހެންވުމުން، ފައިނަލް ބުރުގައި މި ދެ ޓީމެއް ވާދައެއް ނުކުރާނެއެެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ މެޗުތައް ފަށާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި އަހަރުގެ މުބާރާތުން ވެސް ސެމީ ފައިނަލަށް ދަތުރުކުރާ މުބާރާތުގެ ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމަށް ފުރުސަތު ލިބިެގެން ދާނެއެވެ. ދިވެހި ޕްރެމިއާ ލީގުގައި ދެން ވާދަކުރާނީ މާލޭ ލީގުން ގަދަ ހަ ޓީމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް