އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓޮޓެންހަމް ބަލިކޮށް ސިޓީ ލީގު ނެގުމާ ފިޔަވަޅެއް ގާތަށް

ޓޮޓެންހަމް ބަލިކޮށް ސިޓީ ލީގު ނެގުމާ ފިޔަވަޅެއް ގާތަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު



އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް 1-3 ގެ ނަތީޖާއިން ބަލިކޮށް މެންޗެސްޓާ ސިޓީއިން ލީގު ނެގުމާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

މި މެޗުން ލިބުނު މޮޅާއެކު، ލީގުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 33 މެޗުން 87 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އޮތީ ކުޅުނު 32 މެޗުން 71 ޕޮއިންޓް ލިބިގެންނެވެ. ލީގުގައި ސިޓީއަށް ބާކީ 5 މެޗު އޮތްއިރު، ލީގު ކަށަވަރުކުރުމަށް ސިޓީއަށް ދެން ބޭނުންވަނީ ގާތްގަނޑަކަށް ތިން ޕޮއިންޓެވެ. ލީގުގައި މިރޭ ވެސްޓް ބްރޯމާ ދެކޮޅަށް ޔުނައިޓެޑް ނުކުންނައިރު، މި މެޗުން ޔުނައިޓެޑް ބަލިވެއްޖެނަމަ ސިޓީއަށް މިރެއިން ލީގު ކަށަވަރުވެގެން ދާނެއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ލީޑު ނެގީ ސިޓީއިންނެވެ. ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 22 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސްއެވެ. އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ސިޓީއަށް ލީޑު ފުޅާކޮށްދިނީ އިލްކޭ ގުންޑޮގަންއެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން ލަނޑެއް ޖަހައި މެޗުގެ ލީޑު ހަނިކުރި ނަމަވެސް، މެޗުގެ 72 ވަނަ މިނެޓުގައި ސިޓީގެ ރަހީމް ސްޓާލިން ވަނީ ލަނޑެއް ޖަހައި ސިޓީއަށް މެޗުގެ ތިން ޕޮއިންޓް ޔަޤީންކޮށްދީފައެވެ.

އިނގިރޭސި ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލިވަޕޫލާއި ބޯންމައުތް ބައްދަލުކުރި މެޗު ނިމުނީ 0-3 ގެ ނަތީޖާއިން ލިވަޕޫލް މޮޅުވެގެންނެެވެ. މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭ، މުހައްމަދު ސަލާހު، އަދި ރޮބާޓޯ ފަމީނިއޯއެވެ. ރޭ ސަލާހު ކާމިޔާބުކުރި ލަނޑާއެކު، އޭނާ ވަނީ މި ސީޒަންގައި އިނގިރޭސި ލީގުގައި 30 ލަނޑު ހަމަކޮށްފައެވެ. އަދި މި ސީޒަންގައި ހުރިހާ މުބާރާތެއްގައި ކާމިޔާބުކުރި ލަނޑުގެ އަދަދު 40 އަށް އަރައިފައެވެ.

ޗެލްސީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު ނިމުނީ 2-3 ގެ ނަތީޖާއިން ޗެލްސީ މޮޅުވެގެންނެެވެ. މި މެޗުން ޗެލްސީ މޮޅުވީ ސައުތެމްޓަނުން ދެ ލަނޑުގެ ލީޑެއްގައި އޮއްވާ ފަހަތުން އަރައި ތިން ލަނޑު ޖަަހައިގެންނެވެ. މި މެޗުގައި ސައުތެމްޓަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޑުސާން ޓަޑިޗްއާއި ޖޭން ބެޑްނަޔެކްއެވެ. ޗެލްސީގެ އޮލިވާ ޖިރޫޑް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑެވެ.
ރޭގެ މެޗުތަކުގެ ނަތީޖާއާއެކު ތާވަލުގެ ތިންވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 34 މެޗުން 70 ޕޮއިންޓް ލިބިގެންނެވެ. ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ ކުޅުނު 33 މެޗުން 67 ޕޮއިންޓް ލިބިގެންނެވެ. ޗެލްސީ އޮތީ ކުޅުނު 33 މެޗުން 60 ޕޮއިންްޓް ލިބިގެން ފަސްވަނައިގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް