އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެސްޓް ބްރޮމް އަތުން ޔުނައިޓެޑް ބަލިވެ، ސިޓީއަށް ލީގު ކަށަވަރުވެއްޖެ

ވެސްޓް ބްރޮމް އަތުން ޔުނައިޓެޑް ބަލިވެ، ސިޓީއަށް ލީގު ކަށަވަރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު


އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ވެސްޓް ބްރޮމް އަތުން 0-1 ގެ ނަތީޖާއިން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން މެންޗެސްޓާ ސިޓީއަށް ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެއްޖެއެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ބާކީ ނުކުޅެ ފަސް މެޗު އޮއްވައި ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ، ދެން ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، އެއްވެސް ޓީމަކަށް ސިޓީއާ އަރާ ހަމަނުކުރެވޭނެތީއެވެ. ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 33 މެޗުން 87 ޕޮއިންޓް ލިބިގެންނެވެ. ޔުނައިޓެޑް ދެވަނައިގައި އޮތީ ކުޅުނު 33 މެޗުން 71 ޕޮއިންޓް ލިބިގެންނެވެ.


ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، ލީގުގެ އެންމެ ފުލުގައި އޮތް ވެސްޓް ބްރޮމް އަތުން ބަލިވިއިރު، މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ވެސްޓް ބްރޮމަށް ކާމިޔާބުކޮށްދިނީ މެޗުގެ 73 ވަނަ މިނެޓުގައި ޖޭ ރޮޑްރިގުއޭޒެވެ.

ސިޓީއިން އިނގިރޭސި ލީގު ކާމިޔާބުކުރިއިރު، މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއިން ކާމިޔާބުކުރި ދެވަނަ ތަށްޓެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއިން ވަނީ މި ސީޒަންގައި އިންގްލިޝް ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އިނގިރޭސި އެފްއޭ ކަޕުން ސިޓީ ކެޓީ ވިގަން އެތްލެޓިކް އަތުން ބަލިވެގެންނެވެ. ސިޓީއަށް ޗެމްޕިއަންސް ލީގު ނިމުނީ ކުއާޓާ ފައިނަލްގައި ލިވަޕޫލް އަތުން ބަލިވެގެންނެވެ.

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއިން ލީގު ކާމިޔާބުކޮށްފައިވާއިރު، ޕެޕް ގާޑިއޯލާ ވަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ތިން ލީގެއް ކާމިޔާބުކުރި ކޯޗަކަށެވެ. ސިޓީއަށް އިރުޝާދު ދިނުމުގެ ކުރިން، ގާޑިއޯލާ ވަނީ ސްޕެއިންގެ ބާސެލޯނާއާއި ޖަރުމަންގެ ބަޔާން މިއުނިކާއެކު ވެސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މިއީ ގާޑިއޯލާ ކާމިޔާބުކުރި 24 ވަނަ ލީގު ތަށްޓެވެ.

ސިޓީއިން އިނގިރޭސި ކާމިޔާބުކޮށްފައިވަނީ ގިނަ އަދަދެއްގެ ރެކޯޑު ވެސް މުގުރާލުމަށް ފަހުގައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިނގިރޭސި ލީގުގެ ތާރީޚުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗު ކާމިޔާބުކުރި ރެކޯޑެވެ. ސިޓީއިން ވަނީ މި ސީޒަންގެ ލީގުގައި ޖެހިޖެހިގެން 18 މެޗުން މޮޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް