އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސް ލީގުގެ އެއްވަނައަށް

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސް ލީގުގެ އެއްވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު



އެސްޓީއޯ މާލޭ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު 2-4 ގެ ނަތީޖާއިން އީގަލްސް މޮޅުވެ ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މި މެޗުގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އީގަލްސް އޮތީ ކުޅުނު ހަ މެޗުން 11 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ދެ މެޗު މަދުން ކުޅެފައިވާއިރު، ހަތަރު މެޗުން ނިއުއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިންވަަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ލިބިފައިވަނީ 10 ޕޮއިންޓެޑެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އީގަލްސްއިންނެވެ. އީގަލްސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި މުހައްމަދު ނައީމެވެ. ނައީމް މި ލަނޑު ކާމިޔާބުކުރީ ޔޫވީއިން އެއް ކުޅުންތެރިޔަކު މަދުން ކުޅެމުން ދަނިކޮށެވެ. އެއީ ޔޫވީގެ އަހުމަދު އަވީނަށް ލިބުނު އަނިޔާއާ ގުޅިގެން ދަނޑުން ބޭރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މެޗުގެ 33 ވަނަ މިނެޓުގައި، އަނިޔާގެ ސަބަބުން ދަނޑުން ބޭރުގައި ފަރުވާދެމުން ދިޔަ ޔޫވީގެ އަވީންގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު އެރުވިއެވެ. އަވީންގެ އިތުރުން ޔޫވީގެ ބްރެޒިލް މިޑްފިލްޑަރު ޕައޮލޯ ރިބެރޯ ވެސް ވަނީ އެ ވަގުތު ބަދަލުކޮށްފައެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި ކުޅެން އެރުވީ ހަސަން ފައިރޫޒް (ލަކީ) އާއި އިސްމާއިލް ޝާފިއުއެވެ.

މި ދެ ބަދަލާއެކު ޔޫވީން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 41 ވަނަ މިނެޓުގައި ޔޫވީއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ލަކީ ވަނީ ލަނޑެއް ޖަހައި ޔޫވީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ޔޫވީއިން ވަނީ ކުޅުން ވަރުގަދަކޮށް ލީގު ނަގަން މަސައްކަތްކޮށްފައެވެ. އެ ގޮތުން، ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ޔޫވީގެ ރަފީނިއާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެހެން ނަމަވެސް، ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 51 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ޔޫވީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޓްރިނިއާޑް ފޯވާޑް ސެމިއުލް ކޯޑެލްއެވެ.

ޔޫވީއަށް މެޗުގެ ލީޑު ހިފަހައްޓާލެވުނީ މިނެޓެއް ވަންދެނެވެ. ޔޫވީއިން ލީޑު ނެގިތާ މިނެެޓެއް ފަހުން އީގަލްސްގެ ލުއިޒް އެޑުއާޑޯ ވަނީ ލަނޑެއް ޖަަހައި މެޗުގެ ނަތީޖާ އަލުން ހަމަކޮށްފައެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ހުއްޓައި އީގަލްސްއަށް އަލުން މެޗުގެ ލީޑު ނަގައިދިނީ ވެސް ލުއިޒް އެޑުއާޑޯއެވެ. އޭގެ ދެ މިނެޓު ފަހުން ލުއިޒް އެޑުއާޑޯ ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މާލޭ ލީގުގައި އިއްޔެ ހަވީރު މާޒިޔާއާއި ޓީސީ ބައްދަލުކުރި މެޗު ނިމުނީ 0-2 ގެ ނަތީޖާއިން ޓީސީ މޮޅުވެގެންނެވެ. މި މެޗުގައި ޓީސީއިން ކާމިޔާބުކުރި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމެވެ.

މާލޭ ލީގުގައި މިއަދު ހަވީރާއި މިރޭ ވެސް މެޗެއް ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ. މި މެޗުން މޮޅުވެގެން ލީގުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ނިއުއަށް އެބައޮތެެވެ. ލީގުގައި މިރޭ ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް