އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ މަޢާފްކުރައްވަވާނެ ކަމަށް ބަލައި ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަތުމަކީ އެންމެ ބިރުހުރި އެއްކަންތައް!

ﷲ މަޢާފްކުރައްވަވާނެ ކަމަށް ބަލައި ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަތުމަކީ އެންމެ ބިރުހުރި އެއްކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

މީހަކު އަޅެއް ގެންގުޅުނެވެ. އޭނާއަށް އަންގާފައިވަނީ ސާހިބު މީހާ ދައްކާފައިވާ އިމުގެތެރޭގައި ހުރުމަށެވެ. އެ އިމުން އެއްވެސް ގޮތަކަށް ބޭރު ނުވުމަށެވެ. ނަމަވެސް އަޅުކަލޭގެ ކޮންމެ ދުވަހަކުހެން އިމުން ބޭރުވެއެވެ. އެކަން ސާހިބު މިހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ހަމަ އެނގޭ ކަމަށްވެސް ނުހަދައެވެ.

ފަހަކަށް އައިސް ގިނަ ވަގުތު އޭނާ އުޅެނީވެސް އިންތަކުން ބޭރުގައެވެ. އެހެންކަމާއިއެކުވެސް ސާހިބުމީހާ އަޅައެއް ނުލައެވެ. އަޅުކަލޭގެއަށް ޤަބޫލުކުރެވުނީ މިއުޅެވެނީ ހަމަ ރަނގަޅަށް ކަމަށެވެ.

މިހެން އުޅެނިކޮށް އެއްދުވަހަކު ސާހިބު މީހާ އަޅުކަލޭގެއަށް ގޮވައި ގެންދިއައެވެ. އަދި ކަންތައްތައް ކިހިނެއްތޯ ސުވާލުކުރިއެވެ. ޖަވާބުގައި ކަންތައްތައް ހަމަ ރަނގަޅު ކަމަށް ބުނުމުން ސާހިބުމީހާ ބުންޏެވެ. ނޫނެކެވެ. ރަނގަޅެއް ނޫނެވެ. ކަލެއަށް އުޅެން އަހަރެން އިންތަކެއް ދެއްކީމެވެ. އެކަމަކު ތިއަ އުޅުނީ އެ އިންތަކުން ބޭރުގައެވެ. އެހެންވީމާ އަހަރެން މިއަދު ކަލެއަށް އަދަބުދޭނަމެވެ. ހުރިހާ ދުވަހަކަށް އެއްކޮށެވެ.

އެވަގުތު އަޅުކަލޭގެއަށް ވާނެ ގޮތް ހިތަށް ގެންނާށެވެ. ގަންނާނެ ބިރު ހިތަށް ގެންނާށެވެ. އެއަށްފަހު ދެން އަލުން ވިސްނައިލާށެވެ. މިކިޔައިދިން ވާހަކައިގައި ސާހިބު މީހާއަކީ މާތް ﷲ އެވެ. އަޅުކަލޭގެއަކީ ތިބާއެވެ. ތިބާއަށް ތިއަ ހުރެވެނީ މަޙްޝަރު މައިދާނުގައެވެ. މީޒާނުގައި ތިބާ ކުޅަ އަމަލުތައް ކުރުމުގެ މަގުތު ޖެހުނީއެވެ.

ލޮބުވެތި އަޚުންނޭވެ. މާތް ﷲ ކަނޑައަޅުއްވަވާފައިވާ އިންތަކުގައި ހިފަހައްޓަން ޖެހެނީ މިސަބަބަށްޓަކައެވެ.

މާތް ﷲ ހަރާމް ކުރައްވަވާފައިވާ ކަންކަން ހުރިހާ މުސްލިމުންނަށްވެސް އެނގެއެވެ. ކުޑަކުދިންނަށްވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކު ގެންދަނީ މާތް ﷲ ޙަރާމްކުރެއްވެވި ކަންކަމަށް އަރައިގަންނަމުންނެވެ.

އެކަންތައް ކުރަމުން އެބަބުނެއެވެ. "މާތް ﷲ އީ ޣަފޫރުއްރަޙީމް އެވެ. އެހެންވީމާ މިހައި ކުޑަ ކުށެއް ކޮށްލި ނަމަވެސް މަޢާފްކުރައްވަވާނެއެވެ. އަހަރެން މިކުށް ކޮށްލަނީ ހަފްތާ ބަންދުގައި ނުވަތަ އެނޫންވެސް ދުވަހަކު އެކަންޏެވެ. މިއީ ދެން އެވަރުގެ ބޮޑު ކަމެއް ނޫނެއް ނޫން ހެއްޔެވެ؟"
މުސްލިމް އަޚުންނާއި އުޚުތުންނޭވެ. އެކަން އޮތީ ތިއަ ހީކުރާ ފަދައަކުން ނޫނެވެ. އެއީ ވަރަށް ބޮޑު ކަމެކެވެ. މިސާލަކަށް ކޮންމެ ހަފްތާ ބަންދަކީ ފާފަތައް ކުރާ ދުވަސްތަކަކަށް ހަދައިފިނަމަ އެކަމުން އެނގޭ ފުރަތަމަ ކަމަކީ ތިމާގެ ކިބައިގައި އީމާންތެރިކަމެއް ނެތްކަމެވެ. މާތް ﷲ އަށް ބިރުވެތިކަމެއް ނެތް ކަމެވެ. މިއީ ކުޑަކަމަކީ ހެއްޔެވެ؟

ދެން އޮތީ ފާފަފުއްސެވުމެވެ. މާތް ﷲ ފާފަ ފުއްސަވައެވެ. ނަމަވެސް ކުށްކުރުން ދެމިހުންނަ މީހާ، އެމީހާގެ ފާފަތައް ފުއްސަވާނެކަމަށް ޤަބޫލުކުރަންވާނެ ހެއްޔެވެ؟ ކުށް ކުރެވޭނެއެވެ. ކުށެއް ކުރެވުމުން އޮތީ ތައުބާވުމެވެ. ފަހަކުން ނޫނެވެ. ވަގުތުންނެވެ. ފުރިހަމައަށް ތައުބާވެއްޖެ މީހާ އެފަދަ ކުށެއް ތަކުރާރެއް ނުކުރާނެއެވެ. ހަމަ އެކުށް ތަކުރާރުކުރުންމަތީގައި ދެމިހުންނަނަމަ އެއީ ތައުބާވެގެން ހުރި މީހެއް ނޫނެވެ.

އެހެންކަމަށްވާއިރު ތިބާ ފުރިހަމަ ތައުބާއަކުން ތައުބާ ނުވެ ހުއްޓައި މަރު އައިސް ތިބާ އާއި ކުރިމަތިލައިފިނަމަ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ ސަލާމަތްކަމެއް ލިބޭނެ އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ؟

މާތް ﷲ މަޢާފްކުރައްވަވާނެ ކަމަށް ބަލައި ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަތުމަކީ އެންމެ ބިރުހުރި އެއްކަންތަކަށް ވެގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް