އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާފު ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާއާއި އިންޑިއާ އެއް ގްރޫޕަކަށް

ސާފު ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ލަންކާއާއި އިންޑިއާ އެއް ގްރޫޕަކަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު



މި ސަރަހައްދުގައި ބޭއްވެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތްކަމަށްވާ ސާފު ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖެއާއި ސްރީލަންކާއާއި އިންޑިއާ އެއް ގްރޫޕެއްގައި ވާދަކުރަންޖެހިއްޖެއެވެ.

ސާފު ސުޒުކީ ކަޕްގެ ނަމުގައި މި އަހަރުގެ ސެޕްޓެމްބަރު 15-4 އަށް ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި މި އަަހަރު ބައިވެރިވެފައިވަނީ ހަތް ޓީމެވެ. 2013 ވަނަ އަހަރުގައި މި މުބާރާތް ކާމިޔާބުކުރި އަފްޣާނިސްތާން މި އަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެެވެ. އަފްޣާނިސްތާން މުބާރާތުގައި ބައިވެރިނުވަނީ ސާފް އެސޯސިއޭޝަނުން ކެނޑިގެން އެ ޤައުމު ސެންޓްރަލް އޭޝިއާ ސަރަހައްދަށް ބަދަލުވުމުންނެވެ.

މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖް އުސޫލުންނެވެ. އެ ގޮތުން، މުބާރާތުގައި ބައިވެރިވި ޓީމުތައް ގްރޫޕްތަކަށް ބެހުމަށް ގުރުއަތު ނެގުން ކުރިއަށްގެން ގޮސްފައިވަނީ މިއަދު ބަންގްލަދޭޝްގެ ޑާކާގައެވެ.

މުބާރާތުގައި ރާއްޖެ ހިމެނުނީ ގްރޫޕް ބީގައެވެ. ރާއްޖެއާއެކު މި ގްރޫޕްގައި ދެން ހިމެނެނީ މި މުބާރާތުގެ އެންމެ ކާމިޔާބު އަދި ފަހުގެ ޗެމްޕިއަން އިންޑިއާއެވެ. އިންޑިއާ ވަނީ މި މުބާރާތް ހަތް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އޭގެ އިތުުރުން، އިންޑިއާއަކީ އެއް ފަހަރަށްވުރެ ގިނައިން މި މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ. ގްރޫޕް ބީގައި ދެން ހިމެނެނީ ސްރީލަންކާއެވެ. ލަންކާ ވެސް ވަނީ މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރުގައި ފައިނަލްގައި އިންޑިއާ ބަލިކުރުމަށް ފަހުގައެވެ.

ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝްއާއި، ބޫޓާންއާއި، ނޭޕާލްގެ އިތުރުން ޕާކިސްތާނެވެ. މި ގްރޫޕްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ބޫޓާންއާއި ނޭޕާލްއާއި ޕާކިސްތާން މިހާތަނަށް މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނެތެވެ. މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝްއިން 2003 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރިއިރު، އެ ފަހަރު މުބާރާތް ބޭއްވީ ބަންގްލަދޭޝްގައެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގައެވެ. ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

މިއީ ސާފު ޗެމްޕިއަންޝިޕްގެ 12 ވަނަ މުބާރާތެވެ. މި އަހަރުގެ މުބާރާތް ބަންގްލަދޭޝްގައި ބާއްވާއިރު، 2020 ވަނަ އަަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޕާކިސްތާނުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް