އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގަދަފަދަ ނިއުގެ ބަލިނުވުމުގެ ސިލްސިލާއަށް ވިކްޓަރީއިން ނިމުން ގެނެސްފި

ގަދަފަދަ ނިއުގެ ބަލިނުވުމުގެ ސިލްސިލާއަށް ވިކްޓަރީއިން ނިމުން ގެނެސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

ލޯކަލް މުބާރާތްތަކުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހިފަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ނިމުން ގެނެސްފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ ނިއު ރޭޑިއަންޓްއާއި ވިކްޓަރީ ބައްދަލުކުރި މެޗަށް ނިއު ނުކުތީ ރާއްޖޭގައި ކުޅޭ ލޯކަލް ކްލަބް މުބާރާތްތަކުގައި ބަލިނުވެ 22 މެޗު ހަމަކުރުމަށް ފަހުގައެވެ. ނިއުއިން ދަމަހައްޓަމުން އައި ބަލިނުވުމުގެ މި ސިލްސިލާއަށް ރޭ ވިކްޓަރީއިން ނިމުން ގެނައީ 1-2 ގެ ނަތީޖާއިން ނިއު ބަލިކޮށްގެންނެވެ. ނިއު އެންމެ ފަހުން ރާއްޖޭގެ މުބާރާތަކުން ބަލިވެފައިވަނީ މިދިޔަ އަހަރު ދިވެހި ޕްރެމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާގެ އަތުންނެވެ.

ވިކްޓަރީއާއި ނިއުއަކީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ޒަމާންވީ ދެ ވާދަވެރި ކްލަބެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ވިކްޓަރީ އަޑިއަޅާލާފައިވާއިރު، 2012 ގެ ފަހުން ވިކްޓަރީއަށް ނިއު އަތުން މޮޅުވެފައިވަނީ އެންމެ ދެ ފަހަރެވެ. އެއީ ރޭގެ މެޗުގެ އިތުރުން 2016 ވަނަ އަހަރެވެ. އެ ދެ މެޗުގައި ވެސް ވިކްޓަރީގެ ކޯޗަކަށް ކިސް ހުރިއިރު، އެ ދެ ފަހަރު ވެސް ވިކްޓަރީ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ.

މި ސީޒަން ފަށައިގެން މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިއުއިން ރޭގެ މެޗުގައި ވެސް ފެނިގެން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ތަނެވެ. އެ ގޮތުން، މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ނިއުގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ދިޔައެވެ. އެހެން ނަމަވެސް ގުއިލެމް މާޓީއާއި މުހައްމަދު އުމައިރު ފޮނުވާލި މި ހަމަލާތައް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
އެއަށްފަހުގައި ނިއުގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި ޢަލީ ފާސިރު (ސެންޓޭ) ގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ. މި ހަމަލާތައް ހިފެހެއްޓުމުގައި ވިކްޓަރީގެ ޑިފެންސުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ނިއުއިން މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުން ދަނިކޮށް، ވިކްޓަރީއިން ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ވިކްޓަރީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސައިމަން ޓީބޯއެވެ. ސައިމަންގެ ގޯލަށް ފަހުގައި ވެސް މެޗު ބޮޑަށް ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔައީ ނިއުއިންނެވެ. ވިކްޓަރީއިން ދިޔައީ ބޮޑަށް ޑިފެންސިވްކޮށް ކުޅެމުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައިރު، ނިއުއަށް ވިކްޓަރީގެ ގޯލް ފޫއަޅުވާލެވޭނެ ގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ބޮޑަށް ކުރިއަށް ޖެހިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ނިއު ރޭޑިއަންޓެވެ. ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވްކޮށް ކުޅެމުން ދިޔަ ވިކްޓަރީއިން ވެސް ދިޔައީ ލިބުނު ކައުންޓާ އެޓޭކްތަކުގައި ނިއުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެ ގޮތުން ލިބުނު ކައުންޓާ އެޓޭކެއްގެ ބޭނުން ހިފައި، މެޗުގެ 64 ވަނަ މިނެޓުގައި ވިކްޓަރީގެ ޢަލީ ނާޝިދު ވަނީ ލަނޑެއް ޖަހައި ވިކްޓަރީއަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއް ވިކްޓަރީއިން ނެގުމާއެކު ނިއުއިން ވަނީ ފުލުފުލުގައި ވިކްޓަރީގެ ގޯލަށް ނުރައްކާކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން ނިއުއިން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ލަނޑެއް ޖަހައިފައެވެ. ނިއުއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް އަތީގެވެ. އެއަށްފަހުގައި ވެސް ނަތީޖާ ބަދަލުކުރުމަށް ނިއުއިން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ ވިކްޓަރީ މޮޅުވެގެންނެވެ. ދެވަނަ ހާފުގައި ނިއު ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރުމުގައި ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާންގެ ހުޝިޔާރުކަން ވެސް ފެނިގެން ގޮސްފައިވެއެވެ.

މި ނަތީޖާއެކު ވިކްޓަރީ ވަނީ ލީގުގެ ދެވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި ވިކްޓަރީ އޮތީ ކުޅުނު ހަތް މެޗުން 12 ޕޮއިންޓް ލިބިގެންނެވެ. އެއްވަނައިގައި ނިއު އޮތީ 13 ޕޮއިންޓް ލިބިގެންނެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީއެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް އީގަލްސްއެވެ. އީގަލްސް މެޗުން މޮޅުވެގެން އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް