އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި ސީޒަން ނިމުމުން އާސެނަލް ދޫކޮށްލުމަށް ވެންގާ ނިންމައިފި

މި ސީޒަން ނިމުމުން އާސެނަލް ދޫކޮށްލުމަށް ވެންގާ ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

އާސެނަލަށް ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ އެ ޓީމުގެ ކޯޗު އާސެން ވެންގާ މި ސީޒަން ނިމުމުން އެ ކްލަބްގެ ކޯޗުކަން ދޫކޮށްލަން ނިންމައިފިއެވެ.

އާސެނަލް ދޫކޮށްލަން ނިންމާފައިވާކަން ރޭގެ ވަގުތެއްގައި ވެންގާ އިއުލާންކޮށްފައިވާއިރު، އާސެނަލާއެކު ވެންގާ ވަނީ 22 ސީޒަން ހޭދަކޮށްފައެވެ. 1996 ވަނަ އަހަރުގައި އާސެނަލްގެ ކޯޗުކަމާ ހަވާލުވި ވެންގާ ވަނީ އެ ޓީމަށް އިނގިރޭސި ޕްރެމިއާ ލީގު ތިން ފަހަރު އަދި އެފްއޭކަޕް ހަތް ފަހަރު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން 2004 ވަނަ އަހަރުގެ ސީޒަންގައި އާސެނަލްއިން އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލި ނުވެއެެވެ. އަދި އެއީ ފަހުގެ ތާރީޚެއްގައި އެއްވެސް މެޗަކުން ބަލިނުވެ ޓީމަކު އިނގިރޭސި ލީގު ކާމިޔާބުކުރި ހަމައެކަނި ފަހަރެވެ.

އާސެނަލާއެކު ވެންގާއިން ޑޮމޭސްޓިކް ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، މިހާތަނަށް ޔޫރަޕްގައި މާ ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނެތެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ޔޫރަޕްގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2006 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް ދަތުރުކުރެވުނެވެ. އާސެނަލްއިން އެ ފަހަރު މުބާރާތުގެ ފައިނަލުން ބަލިވަނީ ބާސެލޯނާގެ އަތުންނެވެ. އެހެން ނަމަވެސް ވެންގާއަށް މި ސީޒަންގައި އާސެނަލްއާއެކު ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރެވުމުގެ ފުރުސަތު އެބައޮތެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ނުކުންނާނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

އާސެނަލްއާއެކު ކުރީކޮޅުގައި ގިނަ ކާމިޔާބީތަކެއް ވެންގާ ހޯދި ނަމަވެސް، ފަހަކަށް އައިސް އާސެނަލްއިން ލީގާއި ޔޫރަޕްގައި ވެސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އާސެނަލްގެ ގިނަ ސަޕޯޓަރުންގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވާން ފެށިއެވެ. އެއީ 2004 ވަނަ އަހަރުގެ ފަހުން ކޮންމެ ސީޒަނެއް ވެސް ލީގު ކާމިޔާބު ނުކުރެވި ނިމިގެން ދިޔުމުންނެވެ. އަދި މިދިޔަ ސީޒަން ނިމިގެން ދިޔައީ ލީގުގެ ގަދަ ހަތަރަކުން ވެސް ޖާގަ ގެއްލި ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ވެސް ގެއްލިގެންނެވެ.

އާސެން ވެންގާ އެނާގެ ކޯޗިން ކެރިއަރު ފެށީ 1984 ވަނަ އަހަރުގައި ފްރާންސްގެ ނޭންސީއަށެވެ.

ވެންގާ އާސެނަލް ދޫކޮށްލާނެކަން އިއުލާންކުރުމާއެކު، އަންނަ ސީޒަންގައި އެ ކްލަބާ ހަވާލުވެދާނެކަމަށް ބެލެވޭ ނަންތަކެއް އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ. އެ ނަންތަކުގެ ތެރޭގައި 2004 ވަނަ އަހަރު ލީގު ކާމިޔާބުކުރި ކެޕްޓަން ޕެޓްރިކް ވިއެރާއާއި، އާސެނަލްގެ ކުރީގެ ތަރި ތިއެރީ ހެންރީއާއި، ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ ނަން ހިމެނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް