އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ބާސެލޯނާއިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ބާސެލޯނާއިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ބާސެލޯނާއިން ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ބާސެލޯނާއިން ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށްގެންނެވެ.

މި އަަހަރުގެ މުބާރާތް ކާމިޔާބުކުރުމާއެކު ބާސެލޯނާއިން ވަނީ ޖެހިޖެހިގެން ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ބާސެލޯނާއަކީ މި މުބާރާތް ޖެހިޖެހިގެން ހަތަރު ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ވެސް ބާސެލޯނާއިންނެވެ. ބާސެލޯނާ ވަނީ މި މުބާރާތް 30 ފަހަރު މަތިން ކާމިޔާބުކޮށްފައެވެ. ބާސެލޯނާއާ ޖެހިގެން ދެން އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރި އެތްލެޓިކޯ މެޑްރިޑަށް މި މުބާރާތް ކާމިޔާބުކުރެވުނީ 23 ފަހަރެވެ.

ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބާސެލޯނާއިން މެޗުގެ ލީޑު ނެގީ މެޗުގެ 14 ވަނަ މިނެޓުގައެވެ. ބާސެލޯނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފިލިޕޭ ކުޓީނިއޯ ނަގައިދިން ހުރަހަކުން ލުއިސް ސުއަރޭޒެވެ. ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސުއަރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބާސެލޯނާއަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާގެ ތަރި މެސީ ތަނަވަސްކޮށްދިން ފުރަސަތަކުން ބާސެލޯނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަންދްރެސް އިނިއެސްޓާއެވެ. މެޗުގައި ފެނިގެންދިޔަ ބާސެލޯނާގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފިލިޕޭ ކުޓީނިއޯއެވެ.

އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން ބާސެލޯނާއިން އަންނަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން، ސްޕެނިޝް ކަޕް ކާމިޔާބުކުރިއިރު ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެންމެ ބޮޑީ ބާސެލޯނާއަށެވެ. އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގައި ފުރަތަމަ މޮޅު ކުޅުމެއް ދެއްކުމަށްފަހު ކުއާޓާ ފައިނަލްގައި ވަނީ އިޓަލީގެ ރޯމާ އަތުން ބަލިވެ މުބާރާތުން ކަޓައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް