އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލީގުގައި ބާކީ ހަތަރު މެޗު، ނަޕޯލީ ޔުވެންޓަސްއާ ޕޮއިންޓަކާ ގާތަށް

ލީގުގައި ބާކީ ހަތަރު މެޗު، ނަޕޯލީ ޔުވެންޓަސްއާ ޕޮއިންޓަކާ ގާތަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު


އިޓަލީ ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު، ލީގުގެ އެއްވަނައިގައި އޮތް ޔުވެންޓަސްއާ ނަޕޯލީއިން ޕޮއިންޓަކާ ގާތަށް ޖެހި، އެ ލީގުގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ.
ނަޕޯލީއިން ޔުވެންޓަސްއާ ޕޮއިންޓަކާ ގާތަށް ޖެހިލާފައިވަނީ އިޓަލީ ލީގުގައި ރޭ ޔުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗުގައި 0-1 ގެ ނަތީޖާއިން ނަޕޯލީ މޮޅުވެގެންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގިނަ ހަމަލާތައް އުފައްދާފައި ވަނީ ވެސް ނަޕޯލީއިންނެވެ. ނަޕޯލީއިން 12 ހަމަލާއެއް ރޭގެ މެޗުގައި އުފެއްދިއިރު، އޭގެ ތެރެއިން ޔުވެންޓަސްގެ ގޯލާ ސީދާކޮށްލެވުނީ ހަތަރު ހަމަލާއެކެވެ. ޔުވެންޓަސްއިން ހަތަރު ހަމަލާއެއް އުފެއްދި ނަމަވެސް ނަޕޯލީގެ ގޯލާ ސީދާކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވައެއް ނުލެވުނެވެ.

ނަޕޯލީއިން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި މެޗުގައި ނަޕޯލީއަށް ޔުވެންޓަސްގެ ގޯލު ފޫއަޅުވައިލެވުނީ އެންމެ ފަހު މިނެޓުގައެވެ. ޔުވެންޓަސްގެ އެތައް ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ނަޕޯލީއަށް މެޗު ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ކަލިޑޮއު ކޫލިބަލީއެވެ.
މި މެޗުން ބަލިވި ނަމަވެސް ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ޔުވެންޓަސްއެވެ. ޔުވެންޓަސްއިން ކުޅުނު 34 މެޗުން ލިބިފައިވަނީ 85 ޕޮއިންޓެވެ. ދެވަނައިގައި ނަޕޯލީ އޮތީ ކުޅުނު 34 މެޗުން 84 ޕޮއިންޓް ލިބިގެންނެވެ.

މިދިޔަ ހަ ސީޒަނުގައި ވެސް ލީގު ކާމިޔާބުކުރި ޔުވެންޓަސްއަށް ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން ދެ މެޗަކީ ވާދަވެރި ރޯމާއާއި އިންޓަ މިލާނާ ދެކޮޅަށް ނުކުންނަ ދެ މެޗެވެ. އަނެއް ދެ މެޗުގައި ބައްދަލުކުރަންޖެހެނީ ބޮލޯނިއާއާއި ހެލަސް ވެރޯނާ މެޗެވެ. ނަޕޯލީ ބާކީ އޮތް ހަތަރު މެޗުގައި ބައްދަލުކުރަންޖެހޭ ޓީމުތަކަކީ ފިއޮރެންޓީނާ، ޓޮރިނޯ، ސަމްޕްޑޯރިއާ، އަދި ކްރޮޓޯނޭއާއެެވެ.

1990 ވަނަ އަހަރުގައި ނަޕޯލީއިން ލީގު ނެގުމަށް މިހާތަނަށް އެ ޓީމަކަށް ލީގުގެ ތަށީގައި އަތްލެވޭ ގޮތެއް ނުވެއެވެ. މި ސީޒަންގައި ނަޕޯލީއަށް ކާމިޔާބުކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ވެސް އިޓަލީ ލީގެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް