އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޯކައިދޫއިން ފެހެންދޫ ބަލިކުރިއިރު، ނިލަންދޫއާއި ހިތަދޫ މެޗު އެއްވަރު

ފޯކައިދޫއިން ފެހެންދޫ ބަލިކުރިއިރު، ނިލަންދޫއާއި ހިތަދޫ މެޗު އެއްވަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ށ.ފޯކައިދޫއާއި ބ.ފެހެންދޫ ބަލިކުރި މެޗުން ފޯކައިދޫ މޮޅުވިއިރު، ފ.ނިލަންދޫއާއި ސ.ހިތަދޫ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފޯކައިދޫއިން ފެހެންދޫ ބަލިކުރީ 2-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފޯކައިދޫގެ މުހައްމަދު ފާރިޝް އިބްރާހިމް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، ފޯކައިދޫއިން މެޗުގައި ޖެހި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ރަފީނެވެ. މި މެޗުގައި ފެހެންދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް މާޖިދާއި މުހައްމަދު ރީހާންއެވެ.

ނިލަންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ނިލަންދޫއާއި ހިތަދޫގެ ކުރިމަތިލުން ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި ނިލަންދޫގެ އިބްރާހިމް ފުރުޤާން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއިރު، ހިތަދޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އެ ޓީމުގެ އާދަމް ޝަހީމްގެ ލަނޑުން މެޗުގެ 52 ވަނަ މިނެޓުގައެވެ.

މި މުބާރާތުގެ ފައިނަލް ބުރުގައި މި އަހަރު ދިހަ ޓީމު ވާދަކުރާއިރު، ފައިނަލް ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ.ނިލަންދޫ، ދ.ކުޑަހުވަދޫ، ތ.ތިމަރަފުށި، ގދ.ހޯނޑެއްދޫ، އަދި ސ.ހިތަދޫއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އއ.މާޅޮސް، އަދި އދ.ފެންފުށިއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ. މުބާރާތުގެ ސެމީއަށް ދަތުރުކުރާ ހަތުރު ޓީމަށް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ވެސް ދެ މެޗެއް ކުޅޭނެއެވެ. ގްރޫޕް އެކެއްގައި މިއަދު ހަވީރު ނުކުންނާނީ ތިމަރަފުއްޓާއި ކުޑަހުވަދޫއެވެ. ގްރޫޕް ދޭއްގައި ބައްދަލުކުރާނީ ފެންފުއްޓާއި މާޅޮހެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް