އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭއެސް ރޯމާގެ ސްޕޮންސާއަކަށް ޤަަތަރު އެއާވޭސް ހަމަޖައްސައިފި

އޭއެސް ރޯމާގެ ސްޕޮންސާއަކަށް ޤަަތަރު އެއާވޭސް ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އިޓަލީގެ އޭއެސް ރޯމާގެ ޖާޒީ ސްޕޮންސާއަކަށް ޤަތަރު އެއާވޭސް ހަމަޖައްސައިފިއެވެ.

ޤަތަރު އެއާވޭސްއާއެކު ސްޕޮންސާޝިޕް އެއްބަސްވުމުގައި ރޯމާއިން ސޮއިކޮށްފައިވަނީ އިއްޔެއެވެ. އެއަށްފަހުގައި ރޯމާގެ ޖާޒީގައި ޤަތަރު އެއާވޭސްގެ ނަމާއެކު އެ ޓީމުގެ ކުޅުންތެރިން ވަނީ ދައްކާލައިފައެވެ.
ރޯމާއިން މި ސްޕޮންސާޝިޕް އެއްބަސްވުން ހާމަކޮށްފައި މިވަނީ، ރޯމާގެ ތާރީޚުގައި ވެސް އެ ކްލަބް ކުރިމަތިލާނެ އެންމެ ބޮޑު މެޗަށް ދުވަހެއްވެފައި ވަނިކޮށެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ރޯމާ ނުކުންނާނީ އިނގިރޭސި ވިލާތުގެ ލިވަޕޫލްއާ ދެކޮޅަށެވެ.

މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މިރޭ މެޗަށް ރޯމާއިން ނުކުންނާނީ އެ ޓީމުގެ ހުދު ކުލައިގެ އަވޭ ޖާޒީގައި ޤަތަރު އެއާވޭސްގެ ސްޕޮންސާޝިޕް ލިޔެގެންނެވެ.
ލިވަޕޫލަކީ ފަސް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. ރޯމާއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވާއިރު، ޗެމްޕިއަންސް ލީގުގައި ރޯމާއިން ކުޅުނު ހަމައެކަނި ފައިނަލުގައި ބަލިވީ ވެސް ލިވަޕޫލްގެ އަތުންނެވެ.

ޤަތަރު އެއާވޭސްއަކީ މިދިޔަ ތިން އަހަރުގައި ސްޕެއިންގެ އެންމެ ބޮޑު އެއް ކްލަބް ބާސެލޯނާގެ ސްޕޮންސާއެވެ. ޤަތަރު އެއާވޭސްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު، ބާސެލޯނާއިން ނިންމީ އެއްބަސްވުން އާ ނުކުރުމަށެވެ. ބާސެލޯނާގެ ޖާޒީ ސްޕޮންސާއަކަށް ދެން ހަމަޖެހުނީ ޖަޕާންގެ ރަކުޓެންއެވެ. ޗެމްޕިއަންސް ލީގުގެ ސެމީއަށް ރޯމާއިން މި ފަހަރު ދަތުރުކުރީ ވެސް ކުއާޓާ ފައިނަލުގައި ބާސެލޯނާ ބަލިކުރުމަށް ފަހުގައެވެ.

ރޯމާގެ ސްޕޮންސާއަކަށް ޤަތަރު އެއާވޭސް ހަމަޖެހިގެން ދިޔައިރު، 2012 ވަނަ އަހަރަށްފަހު އެ ކްލަބްގެެ ސްޕޮންސާއެއް ހަމަޖެހިގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ.

ޤަތަރު އެއާވޭސްއަކީ ސްކައިޓްރެކްސްއުން ފަސް ތަރީގެ ރޭޓެއް ދީފައިވާ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިނެކެވެ. އެ އެއާލައިނުން ވަނީ 2011، 2012، 2015، އަދި 2017 ވަނަ އަހަރުގައި 'އެއާލައިން އޮފް ދި އިޔާ' ގެ އެވޯޑު ވެސް ހޯދައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް