އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕްގައި ހިތަދޫއާއި ފެހެންދޫއަށް ބޮޑު މޮޅެއް

މިނިވަން ޗެމްޕިއަންޝިޕްގައި ހިތަދޫއާއި ފެހެންދޫއަށް ބޮޑު މޮޅެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު



އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި އިއްޔެ ހަވީރު ހއ.މުރައިދޫގެ މައްޗަށް ބ.ފެހެންދޫއިން ބޮޑު މޮޅެއް ހޯދިއިރު، ގދ.ހޯނޑެއްދޫ ބަލިކޮށް ސ.ހިތަދޫއިން ވެސް ބޮޑު މޮޅެއް ހޯދައިފިއެވެ.

ށ.ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި ފެހެންދޫއިން މުރައިދޫ ބަލިކުރީ 0-4 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެހެންދޫއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް މާޖިދު، އާދަމް ނިޒާމް، ހުސައިން އީމާން، ހަސަން ޝުޖާއެވެ.

ގްރޫޕް ދޭއްގައި ކޮންމެ ޓީމަކުން ވެސް ދެ މެޗު ކުޅެފައިވާއިރު، މި ގްރޫޕްގެ އެއްވަނައިގައި އއ.މާޅޮސް އޮތީ 6 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ށ.ފޯކައިދޫއަށް ވެސް 6 ޕޮއިންޓް ލިބުނު ނަމަވެސް މާޅޮހަށް ކުރި ލިބެނީ ފައިދާ ގޯލުން ކުރީގައި އޮތީމައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުން މޮޅުވި ފެހެންދޫ ތިންވަނައިގައި އޮތީ 3 ޕޮއިންްޓް ލިބިގެންނެވެ. ގްރޫޕްގެ އެންމެ ފުލުގައި އދ.ފެންފުށި އެއްވެސް ޕޮއިންޓެއް ނެތި އޮތްއިރު، ހަތަރުވަނައިގައި އޮތް މުރައިދޫއަށް ވެސް ޕޮއިންޓެއް ނުލިބެއެވެ. ގްރޫޕްގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެ މެޗު އޮތްއިރު މުބާރާތުގެ ސެމީއަށް ދިޔުމުގެ ފުރުސަތު ހުރިހާ ޓީމަކަށް ވެސް އަދި އެބައޮތެވެ.

ފ.ނިލަންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ގްރޫޕް އެކެއްގައި ސ.ހިތަދޫއާއި ގދ.ހޯނޑެއްދޫ ބައްދަލުކުރި މެޗު ނިމުނީ 1-4 ގެ ނަތީޖާއިން ހިތަދޫ މޮޅުވެގެންނެވެ. މި މެޗުގައި ހިތަދޫއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، އަޓަންގަނާ އޮނަމްބެލޭ، އާދަމް ޝަހީމް، މުހައްމަދު ސައީދު، އަދި އަޑެލެކޭ ޑޭވިޑެވެ. ހޯނޑެއްދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އުސާމެވެ.

ގްރޫޕް އެކެއްގައި ކޮންމެ ޓީމަކު ވަނީ ދެ މެޗު ކުޅެފައެވެ. މިހާތަނަށް ގްރޫޕްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތީ ހިތަދޫއެވެ. ދެވަނައިގައި އޮތް ނިލަންދޫއަށް ވެސް 4 ޕޮއިންޓް ލިބިފައިވާއިރު، ހިތަދޫއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ދ.ކުޑަހުވަދޫއަށާއި ހަތަރުވަނައިގައި އޮތް ތ.ތިމަރަފުއްޓަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި ހޯނޑެއްދޫ އޮތީ އެއްވެސް ޕޮއިންޓެއް ނެތިއެވެ. މި ގްރޫޕްގައި ވެސް ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، ސެމީއަށް ދަތުރުކުރުމުގެ ފުރުސަތު އަދި ކޮންމެ ޓީމަކަށް ވެސް އެބައޮތެވެ.

މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ކޮންމެ ޓީމަކުން ވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެކެވެ. ސެމީއަށް ދަތުރުކުރާ ހަތަރު ޓީމަށް މި އަހަރުގެ ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
މި މުބާރާތުގެ މެޗުތަކެއް ދެން ކުޅޭނީ މާދަމާ ހަވީރެވެ. ގްރޫޕް އެކެއްގައި ބައްދަލުކުރާނީ ށ.ފޯކައިދޫއާއި އއ.މާޅޮހެވެ. ގްރޫޕް ދޭއްގައި ބައްދަލުކުރާނީ ފ.ނިލަންދޫއާއި ދ.ކުޑަހުވަދޫއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް