އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހަތުން އަރައި ބަޔާން ބަލިކޮށް ރެއާލްއިން ފުރަތަމަ ލެގު ކާމިޔާބުކޮށްފި

ފަހަތުން އަރައި ބަޔާން ބަލިކޮށް ރެއާލްއިން ފުރަތަމަ ލެގު ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު



ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކް ބަލިކޮށް 1-2 ގެ ނަތީޖާއިން ރެއާލް މެޑްރިޑުން ފުރަތަމަ ލެގު ކާމިޔާބުކޮށް ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

ބަޔާންގެ ހޯމް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ބަޔާންއިން ވަނީ ރެއާލްގެ ޑިފެންސަށް ބާރުބޮޑުކުރަން ފަށައިފައެވެ. އެ ގޮތުން، މެޗު ފަށައިގެން ބަޔާންގެ ކުރިއަށް ކުޅެމުން ދިޔަ ރޮބާޓް ލެވަންޑޮސްކީއާއި ތޯމަސް މުލާގެ ފަރާތުން ރެއާލްގެ ޑިފެންސަށް ނުރައްކާ ކުރިމަތިވިއެވެ.

މެޗު ފަށައިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައި ބަޔާންގެ އާރްޔަން ރޮބެންއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކުރަން ޖެހިފައެވެ. އޭނާގެ ބަދަލުގައި ދެން ކުޅެން އެރުވީ ތިއާގޯ އަލްސަންތަރާއެވެ.
ބަޔާންއިން ފެށިގެން ރެއާލްގެ ގޯލަށް ނުރައްކާކުރަމުން ދިޔަކަމުގެ ނަތީޖާއަކަށްވީ ބަޔާންއިން މެޗުގެ ލީޑު ނެގުމެވެ. ބަޔާންއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 27 ވަނަ މިނެޓުގައި ޖޮޝުއާ ކިންމިޗެވެ.
ކިންމިޗު ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ބަޔާންގެ ޑިފެންޑަރު ޖެރޯމް ބޯޓެންގް ވެސް ވަނީ އަނިޔާވުމާ ގުޅިގެން ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރުވީ ނިކްލަސް ސުލޭއެވެ.

އޭގެ އިރުކޮޅެއް ފަހުން ބަޔާންގެ ތިއާގޯ ދިން ބޯޅައަކުން ފްރެންކް ރިބެރީއަށް ވަނީ ލަނޑު ޖަހަން ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ރިބެރީ ޖައްސާލި ބޯޅަ ދިޔައީ މަޑުމަޑުން ރެއާލްގެ ގޯލްކީޕަރު ކޭލާ ނާވަސްގެ އަތަށެެވެ.

ބަޔާން ލީޑުގައި އޮވެ ހާފު ނިންމާލަން ދާން އުޅެނިކޮށް، ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމު ވާތުފަޅި ޑިފެންޑަރު މާސެލޯއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ބަޔާން އިން ވަނީ އަލުން ބޮޑަށް ކުރިއަށް ޖެހިގެން ރެއާލްގެ ޑިފެންސަށް ބާރުކުރަމުންނެވެ. އެހެން ނަމަވެސް ރެއާލްއިން ވެސް ވަނީ ލިބުނު ކައުންޓާ އެޓޭކްތަކުގައި ބަޔާންގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ބަޔާންގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ރިއާލްގެ މާކޯ އަސެންސިއޯ ވަނީ ލަނޑެއް ޖަހައި ރެއާލަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ބަޔާންއިން ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ އެ ވަގުތުގައި އެ ޓީމުގެ ފަހަތަށް އައި ބޯޅަ ރަފީނިއާ ކުރިއަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ލިބުނީ ރެއާލްގެ ލޫކަސް ވަސްކުއޭޒަށެވެ. ވަސްކުއޭޒް ތަނަވަސްކޮށްދިން ފުރުސަތުގައި އަސެންސިއޯ ގޯލް ކާމިޔާބުކުރީ ފަސޭހަކަމާއެކުގައެވެ.

އަސެންސިއޯގެ ގޯލަށްފަހު ބަޔާންއިން ދިޔައީ އިތުރަށް ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެ ގޮތުން، ބަޔާންގެ ރިބެރީ ފޮނުވާލި ހަމަލާތަކާއި މުލާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެެވެއެވެ. އެެހެން ނަމަވެސް ބަޔާންގެ ހަމަލާތައް ދިފާއުކުރުމުގައި ރެއާލްގެ ޑިފެންސް ލައިނާއި ގޯލްކީޕަރުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ މޮޅު ކުޅުމެކެވެ.

މިދިޔަ ދެ އަަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލްއިން ފުރަތަމަ ލެގު ކާމިޔާބުކުރި ނަމަވެސް މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު ބަޔާނަށް ވެސް އެބައޮތެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ރެއާލްގެ ދަނޑުގައި ކުޅޭނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ދެ ޓީމުގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރަމުންދަނީ އިޓަލީގެ ރޯމާއާއި އިނގިރޭސި ވިލާތުގެ ލިވަޕޫލްއެވެ. ލިވަޕޫލްގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-5 ގެ ނަތީޖާއިން ލިވަޕޫލް މޮޅުވެގެންނެވެ. ރޯމާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް