އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެހެންދޫއިން މާޅޮސް ބަލިކުރިއިރު، ކުޑަހުވަދޫއާއި ހިތަދޫއަށް ހަމަހަމަ ނިމުމެއް

ފެހެންދޫއިން މާޅޮސް ބަލިކުރިއިރު، ކުޑަހުވަދޫއާއި ހިތަދޫއަށް ހަމަހަމަ ނިމުމެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު



އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި ބ.ފެހެންދޫއިން އއ.މާޅޮސް ބަލިކުރިއިރު، ގްރޫޕް އެކެއްގައި ދ.ކުޑަހުވަދޫއާއި ސ.ހިތަދޫ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ށ.ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޅޮސްގެ މައްޗަށް ފެެހެންދޫއިން ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެހެންދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން އީމާންއާއި ހަސަން ޝުޖާއުއެވެ. މާޅޮސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޚާލިދު ގަމާލްއެވެ.

މި މެޗާއެކު މާޅޮސްއިން ގްރޫޕް ބުރުގައި ކުޅެން ޖެހޭ ހުރިހާ މެޗެއް ހަމަކުރިއިރު، މާޅޮސް އޮތީ 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ފޯކައިދޫއަށް ވެސް 7 ޕޮއިންޓް ލިބޭއިރު، ގްރޫޕްގައި ފޯކައިދޫއަށް ބާކީ އެއް މެޗު އެބައޮތެވެ. އިއްޔެގެ މެޗުން މޮޅުވި ފެހެންދޫއަށް 6 ޕޮއިންޓް ލިބޭއިރު، އެ ޓީމަށް ވެސް ގްރޫޕްގައި ބާކީ އެއް މެޗު އެބައޮތެވެ. ހަތަރުވަނައިގައި އޮތް ހއ.މުރައިދޫއަށް 3 ޕޮއިންޓް ލިބޭއިރު، އެ ޓީމު ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ގެއްލިފައެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތް އދ.ފެންފުއްޓަށް އެންމެ ޕޮއިންޓެއް ލިބިފައި ނެތްއިރު، އެ ޓީމު ވެސް ވަނީ މުބާރާތުން ކަޓައިފައެވެ.

ފ.ނިލަންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ދ.ކުޑަހުވަދޫއާއި ސ.ހިތަދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ހިތަދޫގެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސިރާޖެެވެ. ކުޑަހުވަދޫގެ ލަނޑު ކާމިޔާބުކޮށްދިނީ ނެލްސަން ބޯހެނޭއެވެ.

ގްރޫޕް އެކެއްގައި އެއްވަނައިގައި 6 ޕޮއިންޓާއެކު ތ.ތިމަރަފުށި އޮތްއިރު، އެ ޓީމަށް ގްރޫޕްގައި ބާކީ އެއް މެޗު އެބައޮތެވެ. ދެވަނައިގައި އޮތް ސ.ހިތަދޫއަށް 5 ޕޮއިންޓް ލިބިފައި އޮތްއިރު، އެ ޓީމަށް ވެސް ގްރޫޕްގައި ބާކީ އެއް މެޗު އެބައޮތެވެ. ތިންވަނައިގައި އޮތް ދ.ކުޑަހުވަދޫއަށް ވެސް 5 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގައި އެ ޓީމަށް ބާކީ މެޗެއް ނެތެެވެ. އެހެންވުމާއެކު، ކުޑަހުވަދޫއަށް ސެމީ ފައިނަލަށް ދަތުރުކުރުމުގެ އަމިއްލަ ބާރު ގެއްލި، ސެމީގެ ޖާގަ ވަނީ ހަނިވެފައެވެ. ހަތަރުވަނައިގައި އޮތް ފ.ނިލަންދޫއަށް ވެސް 5 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ގްރޫޕްގައި ބާކީ އޮތް އެއް މެޗާއެކު ސެމީއަށް ދިޔުމުގެ ފުރުސަތު އަދި އެބައޮތެވެ. އެންމެ ފުލުގައި އޮތް ހޯނޑެއްދޫ ވަނީ ޕޮއިންޓެއް ވެސް ނުލިބި މުބާރާތުގެ ސެމީގެ ފުރުސަތު ނަގާލައިފައެވެ.

މުބާރާތުގައި މިއަދު ހަވީރު ވެސް ދެ މެޗެއް ކުޅޭނެއެވެ. ގްރޫޕް ދޭއްގައި ފޯކައިދޫއާއި މުރައިދޫ ބައްދަލުކުރާއިރު، މި މެޗުން މޮޅުވެގެން ނުވަތަ އެއްވަރުކޮށްލައިގެން ވެސް ފޯކައިދޫއަށް މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ. ގްރޫޕް އެކެއްގައި ނިލަންދޫއާއި ހޯނޑެއްދޫ ބައްދަލުކުރާއިރު، މުބާރާތުގެ ސެމީއަށް ދަތުުރުކުރުމަށް ނިލަންދޫއަށް މިއީ މުހިންމު މެޗެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް