އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސައްކަތްތެރިންގެ ދުވަސް: ދުނިޔެއަށް ރާއްޖެ ފެނިގެން ދިއައީ އެއްވެސް ހައްޤެއް ނެތި ދިވެހިން ކުރި ބުރަ މަސައްކަތްތަކުން-

މަސައްކަތްތެރިންގެ ދުވަސް: ދުނިޔެއަށް ރާއްޖެ ފެނިގެން ދިއައީ އެއްވެސް ހައްޤެއް ނެތި ދިވެހިން ކުރި ބުރަ މަސައްކަތްތަކުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު


ކޮންމެ ޤައުމަކަށް ބެލި ނަމަވެސް ކަމެއް ފެށިގެން އަންނަނީ އެކަމަކަށް މާ ގިނަ ޤަވާއިދުތަކެއް ހަދަައި މަސައްކަތްކުރާ މީހުންނަށް ޙައްޤުތަކެއް ދީގެނެއް ނޫނެވެ. ޤަވާއިދުތަކާއި ހައްޤުތައް އަންނަނީ އެއިގެ ފަހަތުންނެވެ. އެހެންކަމުން ރާއްޖެއަކީވެސް މިކަމުގައި އިސްތިސްނާ ޤައުމެއް ނޫނެވެ.
ރާއްޖޭގައި މިހާރު އެންމެ ކުރިއަރާފައިވާ ދަތުރުވެރިކަމުގެ ސިނާއަތް ފެށިގެން އައި ގޮތަށް ބަލައިލުމުން ވެސް ފެންނާނީ މިދެންނެވި ފަދަ ގޮތްގޮތަށް ކަންކަން ހިނގާފައިވާތަނެވެ.

ރާއްޖޭގައި ފުރަތަމަ ރިޒޯޓްތައް ތަރައްޤީކުރަމުން އައީ ހަމައެކަނި ދިވެހިންގެ މަސައްކަތުންނެވެ. މަސައްކަތްކުރާ މުވައްޒިފުންނަށް ޗުއްޓީ އެއް ލިބޭނެ އެއްވެސް އުޞޫލެއް ކަނޑައަޅާފައެއް ނުވެއެވެ. ޑިޔުޓީގެ ގޮތުގައި އޮންނަނީ ކުރާ މަސައްކަތެއް ނިމުމެވެ. އެ ގޮތަށް ވަޒީފާ އަދާކުރަމުން ދިއައީ މަހަކު 60 ވަރަކަށް ރުފިޔާގެ މުސާރައެއްގައި ކަމަށް ބުނުމުން މިއަދު އެކަން ޤަބޫލުކުރަން އުނދަގޫވާނެއެވެ. ނަމަވެސް އެ މުސާރައިގައި ރިޒޯޓުތަކުގައި މަސައްކަތްކުރަންފެށި މުވައްޒިފުން މިހާރުވެސް ވަޒީފާތަކުގައި އެބަތިބިކަން ފާހަގަކުރެވެއެވެ.

ރިޒޯޓުތަކުގައި ވަޒީފާ އަދާކުރަމުންދިއަ ރާއްޖެތެރޭގެ މީހުން އެއިރު އޮފް ދުވަހަކަށް ނުވަތަ ޗުއްޓީ ދުވަހަކަށް އެދޭނީ ރަށު ދޯނި މާލެ އައުމުންނެވެ. އެއީ ރަށަށް ފޮނުވަންޖެހޭ އެތިކޮޅު ފޮނުވައިލުމަށެވެ. އެހެންކަމާއިއެކުވެސް އެދުވަސް ވެސް ޗުއްޓީ ދުވަހެއްގެ ގޮތުގައި ނުދީގެން ވަޒީފާއިން ވަކިވި މީހުންވެސް މަދެއް ނުވާނެއެވެ. އަނބިމީހާ ބަލިވެގެން ބޭސްކުރަން މާލެ އައުމުން ޑޮކްޓަރަށް ދައްކާލަން މާލެ ނުފޮނުވައިގެން ވަޒީފާއިން ވަކިވާންޖެހުނު މީހުންވެސް މަދެއް ނުވާނެއެވެ.

ކެއުމަށް ބަލައިފިނަމަ، މަސްރިހަ، މުގުރިހަ، ބަރަބޯރިހަ، އަލުވިރިހަ، ފަލަ ހަނޑުލުގެ ބަތާއި ރޮށި ނޫން އެއްޗެއް ކާކަށް ނުލިބޭނެއެވެ. ހެނދުނު ސައާއި މެންދުރު ކެއުމާއި ދޭތެރޭ ލިބޭނީ ރެޑް މޭން ޖޫސްތަށްޓެކެވެ. މީހަކު ކިތަންމެ ބަލިވި ނަމަވެސް ކާނެ ޚާއްޞަ ކެއުމެއް ނުލިބޭނެއެވެ. ވަޒިފާ އާއިބެހޭ އެއްބަސްވުމަކީ އޮންނަންޖެހޭ އެއްޗެއްކަމެއް ވެސް ނުއެނގެއެވެ.
މިއީ ރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތް ދުވަސްވަރު ބައެއް ރިޒޯޓުތަކުގައި މަސައްކަތްކުރި މުވައްޒިފުންނަށް ކުރިމަތިވި ބައެއް މައްސަލަތަކެވެ. އުޅެންޖެހުނު ހާލެވެ.
މިއަދަކީ މިހާލަތާއިމެދު ޝަކުވާ ކުރުމުގެ ދުވަހެއް ނޫނެވެ. ފަށައިގަންނަމުން ބުނި ފަދައިން ކޮންމެ ޤައުމެއްގައިވެސް ކަންކަން ފެށިގެން އަންނަނީ މިފަދަ ދަތިތަކާއިއެކުގައެވެ. ބައެއްގެ ޤްރްބާނ ތަކަކުންނެވެ. ދުނިޔެއަށް ރާއްޖެ ފެނުނީ މިގޮތަށް ދިވެހިން ކުރި މަސައްކަތުންނެވެ.

ޝަކުވާކުރަންވީ ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު މުވައްޒިފުންނަށް ޚިދުމަތް ލިބެން ހުރިއިރު އަދިވެސް ބައެއް ދިވެހިންނަށް އަމަލުތައް ކުރެވޭ ގޮތާއިމެދުގައެވެ. ޝަކުވާ ކުރަންވީ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރަށް ކުރިއަރައިގެންދިއައިރު އަދި ވަޒީފާ އާއި ބެހޭ އެއްބަސްވުންތައް ހަދައިގެން މަސައްކަތްކުރާއިރު އަދިވެސް ބައެއް ރިޒޯޓުތަކުން މުވައްޒިފުންނަށް ދިވެހި މުވައްޒިފުންނަށް ދޭންޖެހޭ ޙައްޤުތައް ނުދޭތީއެވެ. ސަރވިސް ޗާޖަށް މަހަކު 1000 ރުފިޔާ ނުދޭ ރިޒޯޓުތައް ހުރީތީއެވެ. އެވަރުގެ ކުޑަ އަދަދެއް ދޭއިރު އެފައިސާކޮޅުވެސް މުވައްޒިފުންނަށް ނުދީ މަސްތަކަށް ދަންމަމުން ގެންދާތީއެވެ.

ޝަކުވާކުރަންވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު ޤައުމުތަކުގެ މުވައްޒިފުންނަށް ދޭ ޙައްޤުތައް ދިވެހިންނަށް ނުދޭ ރިޒޯޓްތައް ހުރީތީއެވެ. އެފަދަ މައްސަލަތައް ހައްލުކޮށް ދިވެހިންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދޭން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީއެވެ. އެކަން ކުރެވޭނެ ގޮތެއްވެސް ނެތީތީއެވެ.
ރާއްޖޭގައި މަސްވެރިކަން ފިޔަވައި އެންމެ ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. ދިވެހިންނަށް އަދާކުރެވިދާނެ އެންމެ ގިނަ ވަޒީފާތަކުގައި ބިދޭސީން ގެންގުޅެނީވެސް ފަތުރުވެރިކަމުގެ ސިނާއަތުގައެވެ. އެހެންކަމުން މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު މިކަންކަމަށް ބަލައިލުންވެސް ރަނގަޅުވާނެއެވެ.

މިސަރުކާރު ވެރިކަމަށް އަންނަން ވެފައިވާ ވައުދުތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް އިހްމާލްވެފައިވަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުައި މަސައްކަތްކުރާ މުވައްޒިފުންނަށް ވެފައިވާ ވައުދުތަކަށެވެ. ބެޔަސް ނުބެޔަސް މަހަކު ދޭންބުނި 10،000 ރުފިޔާ ބަދަލުކުރީ އަރަތަކަށެވެ. އެ އަރަތް ފުރިހަަކުރަން މަސްވެރިން ބޭނުމެއް ނުވެއެވެ. ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ރިޒޯޓުތަކުން ހިއްޞާ ހޯދައިދޭން ބުނިކަން ހަނދާންހުރި މީހަކުވެސް މިހާރަކު ނެތެވެ. އެހެންވެ އެކަންކަމުގެ ވާހަކަ ދައްކާނެ ފަރާތެއްވެސް މިހާރަކު ނެތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް