އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިލަންދޫއާއި ފޯކައިދޫ ދިވެހި ޕްރެމިއާ ލީގަށް

ނިލަންދޫއާއި ފޯކައިދޫ ދިވެހި ޕްރެމިއާ ލީގަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުން މޮޅުވެގެން ސެމީ ފައިނަލަށް ދަތުރުކޮށް ފ.ނިލަންދޫއާއި ށ.ފޯކައިދޫއިން ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފިއެވެ.

ފ.ނިލަންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ގްރޫޕް އެކެއްގައި ނިލަންދޫއާއި ގދ.ހޯނޑެއްދޫ ބައްދަލުކުރި މެޗު ނިމުނީ 2-8 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނިލަންދޫ މޮޅުވެގެންނެވެ. މި މެޗުގައި ނިލަންދޫގެ ހުސައިން އިބްތިޝާމް ހެޓްރިކެއް ފުރިހަމަ ކޮށްފައިވާއިރު، އާދިލް ޢަލީ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ޢަބްދުލް ބާސިތާއި، އިބްރާހިމް ފުރުގާނާއި، ފްރެޑުއާ އަޔެމަން، މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ހޯނޑެއްދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ޒައިދު މުހައްމަދު ނައީމާއި، ޝިނާޒު މުހައްމަދެވެ.

ނިލަންދޫގައި ކުޅުނު މި މެޗާއެކު، ނިލަންދޫ އޮތީ ގްރޫޕްގެ އެއްވަނައިގައި 8 ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ ދެވަނައިގައި ތ.ތިމަރަފުށި 6 ޕޮއިންޓާއެކުގައި އޮތްއިރު، ގްރޫޕްގައި ތިމަރަފުއްޓަށް ބާކީ އެއް މެޗު އެބައޮތެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް ސ.ހިތަދޫއާއި ހަތަރުވަނައިގައި އޮތް ދ.ކުޑަހުވަދޫއަށް 5 ޕޮއިންޓް ލިބިފައިވާއިރު، ހިތަދޫއަށް ބާކީ އެއް މެޗު އެބައޮތެވެ. ގްރޫޕްގެ އެންމެ ފުލުގައި ނިންމާލި ހޯނޑެއްދޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނެތެވެ. މުޅި ގްރޫޕްގައި ބާކީ އެންމެ މެޗެއް އޮތްއިރު، އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ނިލަންދޫއަށް މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ލިބޭނެއެވެ. ގްރޫޕްގެ ފަހު މެޗުގައި މިއަދު ހަވީރު ނުކުންނާނީ ތިމަރަފުއްޓާއި ހިތަދޫއެވެ. މި މުބާރާތުގެ ސެމީއަށް ދަތުރުކުރުމުގެ ފުރުސަތު މި ދެ ޓީމަށް ވެސް އެބައޮތެވެ.

ށ.ފޯކައިދޫގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހއ.މުރައިދޫގެ މައްޗަށް ފޯކައިދޫއިން ކުރިހޯދީ 2-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފޯކައިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނަދީމާއި، ހަސަން ޞަބާހާއި، މުހައްމަދު ފާރިޝް އިބްރާހިމެވެ. މުރައިދޫގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޢަބްދުﷲ އިކްވާނެވެ.

ފޯކައިދޫގައި ކުޅުނު މި މެޗާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކު ފޯކައިދޫއެވެ. ދެވަނައިގައި އއ.މާޅޮސް އޮތީ 7 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ބ.ފެހެންދޫއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ހއ.މުރައިދޫއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތް އދ.ފެންފުއްޓަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނެތެވެ. މި ގްރޫޕްގެ ފަހު މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ފެހެންދޫއާއި ފެންފުއްޓެވެ. މި މެޗުން މޮޅުވެގެން ފެހެންދޫއަށް ސެމީއަށް ދަތުރުކުރުމުގެ ފުރުސަތު އޮތްއިރު، މެޗު އެއްވަރުވެގެން ވެސް ފެހެންދޫ މުބާރާތުން ކަޓާނެއެވެ

މި ފަހަރުގެ ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު އޮތީ، މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ ހަތަރު ޓީމުގެ އިތުރުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމަށެވެ. ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު މިހާތަނަށް ކަށަވަރުކޮށްފައިވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީއިން ޖާގަ ހޯދާފައިވާ ށ.ފޯކައިދޫއާއި ފ.ނިލަންދޫއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް