އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަބަހާނީ ބަލިކޮށް ނިއުއިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

އަބަހާނީ ބަލިކޮށް ނިއުއިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން ނަގައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ނިއު މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުން ނިއު މޮޅުވުމާއެކު، ނިއު ދެކުނު އޭޝިއާ ގްރޫޕްގައި މިހާތަނަށް ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ލިބިގެން ގްރޫޕްގެ އެއްވަނައިގައެވެ. މި ގްރޫޕްގައި ނިއު ދެން ބައްދަލުކުރަންޖެހޭނީ ގްރޫޕްގެ އެންމެ ފުލުގައި އޮތް އިންޑިއާގެ އައިޒޯލްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ނިއުއަށް މުބާރާތުގެ އަނެއް ބުރު ކަށަވަރުކުރުމުގެ ފުރުސަތު މިވަނީ ލިބިފައެވެ. މިއަދު ހަވީރު ކުޅުނު މެޗުން ބަލިވި އަބަހާނީ ވަނީ މުބާރާތުން ކަޓައިފައެވެ.

މި މެޗު ފަށައިގެން މެޗުގެ 19 ވަަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނިއުގެ ޢަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނިއުއަށް ނަގައިދީފައެވެ. މިއީ ނިއުގެ ކެޕްޓަން ޢަލީ އަޝްފާޤަށް އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރަކު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ލަނޑާއެކު 1-0 ގެ ނަތީޖާއިން ނިއު ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މިނެޓެއް ނުވަނީސް އަބަހާނީގެ ޖަޕާން ފޯވާޑު ސެއިޔާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަބަހާނީއިން ނަތީޖާ ހަމަހަމަކުރިތާ މާ ގިނަ އިރެއްނުވެ ނިއުއިން އަލުން މެޗުގެ ލީޑު ނެގިއެވެ. މެޗުގެ 51 ވަނަ މިނެޓުގައި ނިއުއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސެންޓޭއެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ސެންޓޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ނިއުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ދަގަނޑޭއެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ނިއުގެ ފަހު ލަނޑު ވެސް ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ.

މުބާރާތުގައި މިރޭ އިންޑިއާގެ ބެންގަލޫރު އެފްސީ ނުކުންނާނީ އައިޒޯލްއާ ދެކޮޅަށެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ބެންގަލޫރަށް މި މެޗުން މޮޅުވުން ވަރަށް މުހިންމެވެ. އައިޒޯލް ވެސް ވަނީ މިހާރު މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ގެއްލިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް