އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެގްރިގޭޓް ނަތީޖާއިން މޮޅުވެ ލިވަޕޫލް ފައިނަލަށް

އެގްރިގޭޓް ނަތީޖާއިން މޮޅުވެ ލިވަޕޫލް ފައިނަލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިޓަލީގެ އޭއެސް ރޯމާގެ މައްޗަށް އެގްރިގޭޓް ނަތީޖާއިން މޮޅުވެ ލިވަޕޫލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޯމާގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން 2-4 ގެ ނަތީޖާއިން ލިވަޕޫލް ބަލިވި ނަމަވެސް، ލިވަޕޫލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-5 ގެ ނަތީޖާއިން ލިވަޕޫލް މޮޅުވެގެންނެވެ. އެހެންވެ، މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރީ 6-7 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗު ފަށައިގެން މެޗުގެ 9 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ލިވަޕޫލަށް މި ލަނޑު ކާމިޔާބުކޮށްދިނީ ރޮބާޓޯ ފަމީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ސާޑިއޯ މާނޭއެވެ. އެއަށްފަހު މެޗުގެ 16 ވަނަ މިނެޓުގައި ލިވަޕޫލްގެ ޖޭމްސް މިލްނާ އަތުން ބައިކޮޅަށް ވަން ލަނޑަކުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ނެގި ހުރަހެއްގައި ލިވަޕޫލްގެ ޖޯޖީނިއޯ ވައިނަލްޑަމް ވަނީ ލަނޑެއް ޖަހައި ލިވަޕޫލްއަށް އަލުން މެޗުގެ ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ލިވަޕޫލް ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މެޗުގެ 52 ވަނަ މިނެޓުގައި ރޯމާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އަލުން ހަމަހަމަކޮށްފައެވެ. ރޯމާގެ އެލްޝާރަވީ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ގޯލްކީޕަރު ލޮރިސް ކެރިއަސް ދިފާއުކޮށް ކުރިއަށް އައި ބޯޅަ އެޑިން ޒެކޯއަށް ލިބުމާއެކު އޭނާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. އެއަށްފަހުގައި ވެސް ލަނޑު ޖަހަން ރޯމާއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އޭގެ ތެރޭގައި ޒެކޯއާއި، އެލްޝާރަވީއާއި، ޕެޓްރިކް ޝިކްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އެ ފުރުސަތުތަކުގެ ބޭނުމެއް އެންމެ އެދެވޭ ގޮތުގައި ރޯމާގެ ކުޅުންތެރިންނަށް ނުހިފުނެވެ.

ރޯމާއިން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގީ މެޗުގެ 86 ވަނަ މިނެޓުގައެވެ. ރޯމާގެ އަލެކްސެންޑާ ކޮލަރޯވް ދިން ބޯޅައަކުން ރޯމާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ރާޖާ ނައިންގޮލާންއެވެ. މެޗުގެ ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ރޯމާގެ ހަތަރުވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން ނައިންގޮލާންއެވެ. މި ޕެނަލްޓީއަކީ ޕެނަލްޓީ އޭރިއާ ތެރެއިން ލިވަޕޫލްގެ ރެގްނާ ކްލެވެންގެ އަތުގައި ބޯޅަ ޖެހުމުން މެޗުގެ ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލް ނުކުންނާނީ މިދިޔަ ދެ ސީޒަންގެ ވެސް ޗެމްޕިއަން ރެއާލް މެޑްރިޑްއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮތީ މި މަހުގެ 26 ވަނަ ދުވަހު ޔޫކްރައިންގެ އެންއެސްސީ އޮލިމްޕިސްކީ ސްޓޭޑިއަމްގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް