އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

40 އަހަރުވަންދެން ފާފަ ކުރުމުން އަޒާބެއް ނުދެއްވަވާތީ ސުވާލު ކުރިމީހާއަށް ލިބުނު ޖަވާބު - އެންމެންނަށް ޢިބްރަތެއް!

40 އަހަރުވަންދެން ފާފަ ކުރުމުން އަޒާބެއް ނުދެއްވަވާތީ ސުވާލު ކުރިމީހާއަށް ލިބުނު ޖަވާބު - އެންމެންނަށް ޢިބްރަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

އޭނާއަކީ އެއްވެސް ބިރުވެތިކަމެއް ނެތި ކުރަން ބޭނުންވާ ކޮންމެ ފާފައެއް ކުރަމުންދިއަ މީހެކެވެ. އެގޮތުގައި 40 އަހަރު އޭނާ ހޭދަކުރިފަހުން އެއް ދުވަހު ހިތަށް އެރިއެވެ.

ސްކޫލުގައި އުޅުނު ދުވަސްވަރު ކުށެއް ކުރެވޭއިރަށް އަދަބު ދެއެވެ. ގޭތެރޭގައި ކުށެއް ކޮށްފިނަމަ މައިން ބަފައިން އަދަބުދެއެވެ. އަބަދުވެސް މިއުޅެންޖެހެނީ އަނބިންގެ އަދަބުތަކުން ސަލާމަތް ނުވެވިގެންނެވެ. އެހެންނަމަވެސް މާތް ﷲ އަހަރެންނަށް ހަމަ އެއްވެސް އަދަބެއް އަދިއެއް ނުދެއްވަވައެވެ. މިކަމުގައި ވަރަށް ބޮޑު ސަބަބެއް އޮންނާނެއެވެ.

އޭނާ ހިތަށް އެރިއެވެ. އަހަރެންގެ އުމުރު މިހާރު ދެން ނިމުމަކަށްދަނީއެވެ. މަރު ދާދި ގާތްވެދާނެއެވެ. އަހަރެންނަށް މިހައި ގިނަ ފާފަތައް ކުރެވުނު އިރުވެސް މާތް ﷲ އަހަރެންނަށް އެއްވެސް އަޒާބެއް ނުދެއްވެވީ ކީއްވެގެންބާވައެވެ؟

މިސުވާލުގެ ޖަވާބު ހޯދަން އޭނާ ދެ ތިން ޢިލްމުވެރިންނާއި ސުވާލުކުރިއެވެ. ނަމަވެސް އެއްވެސް އިލްމުވެރިއަކު އޭނާއަށް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އެކަންވީ އެމީހާ އަދި އިތުރަށް ކަންބޮޑުވި ކަމަކަށެވެ.

ކޮންމެއަކަސް އެންމެފަހުން އޭނާ އަމިއްލައަށް ނިންމީ މިސުވާލު މާތް ﷲ ގެ ޙަޟްރަތާއި ކުރުމަށެވެ. އެދުވަހު އިރުއޮއްސެމުންދިއައިރު އޭނާ އިނީ ގޮނޑުދޮށުގައި އެކަނިމާ އެކެންޏެވެ. އެހެން އިނދެ ސުވާލު ކުރަމުން ގެންދިއައެވެ. "ޔާ ﷲ! މިއަޅާ ހާދަ ގިނަ ފާފަތަކެއް ކޮށްފީމެވެ. އިނބަ ﷲ މިއަޅާއަށް އެއްވެސް އަޒާބެއް ނުދެއްވަވަމުއެވެ. އެއީ ކީއްވެގެންތޯއެވެ؟"

މިގޮތަށް އޭނާ ކޮންމެ ދުވަހަކު ކަންތައްތައް ކުރާތާ މަހެއްހައި ދުވަސްފަހުން އެއްރޭގެ ނިދީގައި އޭނާއަށް ހުވަފެނެއް ފެނުނެވެ. އޭނާއަށް ހުރެވެނީ ހަނަފަސް ސަހަރާއެއްގައެވެ. އެއްވެސް މީހަކު ފެންނާކަށް ވެސް ނެތެވެ. ދާންވީ ކޮޅެއް ނުއެނގިފައި ހުއްޓާ އިވެނީ އަޑެކެވެ.

އޭ އާދަމްގެދަރިޔާއެވެ. ދުނިޔޭގައި ބޭނުންހައި ގޮތަކަށް އުޅުމުގެ ފުރުޞަތު ކަލެއަށް މާތް ﷲ ދެއްވެވީމަ މުޅި ހަޔާތް ތިއަ ވޭތިކޮށްލީ ފާފަތައް ކުރުމުގައެވެ. އަދި އެ ފާފަތަކަށް މާތް ﷲ އަޒާބު ނުދެއްވަވާތީ ކަލޭ އެބަ ސުވާލުކުރަމުއެވެ.

އެހެން އެވަނީ ކަލޭގެ ކުރިމަތީގައި އެތައް ބައަކަށް މިދުނިޔޭގައިވެސް އަޒާބުލިބިފައިވާތީއެވެ. މާތް ﷲ މީސްތަކުންނަށް މިދުނިޔޭގައިވެސް އަޒާބު ދެއްވަވައެވެ. ހަމައެފަދައިން މިދުނިޔޭގައި އެއްވެސް އަޒާބެއް ނުދެއްވަވައި ހުރިހާ އަޒާބެއް އެކުގައި ޤިޔާމަތް ދުވަހު ވެސް އެބަ ދެއްވަވައެވެ. އަޒާބު ދެއްވަވާނެ ވަގުތަކާއި ތަނެއް ކަނޑައަޅުއްވަވަނީ މާތް ﷲ އެވެ.

އޭ އާދަމްގެދަރިޔާއެވެ. މީސްތަކުން ފާފައެއް ކުރާ ކޮންމެ ފަހަރަކު މާތް ﷲ އަޒާބު ދެއްވަވާނަމަ މިދުނިޔޭގައި ހަމައެކަކުވެސް ނުހުންނާނެއެވެ. ފާފަ ނުކުރަނީ ކާކުހެއްޔެވެ؟ ފާފައެއް ކުރިކަމަށްވަނީ ހަމައެކަނި މާތް ﷲ ޙަރާމް ކުރެއްވެވި ކަމަކަށް އަރައިގަތުމަކުން ނޫނެވެ. ނަމާދު ނުކުރުމަކީވެސް ފާފައެކެވެ. މާތް ﷲ ކުރަން އަންގަވާފައިވާ ހަމަ އެއްވެސް ކަމެއް ނުކުރުމަކީ ވެސް ފާފައެކެވެ.

އޭ އާދަމްގެދަރިޔާއެވެ. މާތް ﷲ އީ ޣަފޫރުއްރަޙީމްއެވެ. އެންމެ ދީލަތިވަންތަ އިލާހްއެވެ. މާތް ﷲ ތިބާއަށް އަދިވެސް އެވަނީ ފުރުޞަތު ދެއްވަވައިފައެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. ކުރެވުނު ކުށްތަކާއިމެދު ހިތާމަކުރަން ފަށާށެވެ. އެ ފާފަތަކަށް ޢަފޫކޮށްދެއްވެވުން އެދި ރޮއި އާދޭސް ދަންނަވާށެވެ! ކުރެވިފައިވާ ކޮންމެ ފާފައަކަށް 10 ހެޔޮކަން ކުރެވޭތޯ ގަދައަޅައި އަވަހަށް މަސައްކަތް ފަށާށެވެ!

އަޑު އެހުމަށް ވަރަށް ޝައުޤުވެރިވެގެން ހުއްޓައި ކުއްލިއަކަށް އަޑު ކެނޑިއްޖެއެވެ. ނިދީން ހޭލެވިއްޖެއެވެ. މުޅި ގައިން ހޫނު ައަރައެވެ. އޮތީ ދާހިއްލައި ފޯވެފައެވެ. ގަޑި ބަލައިލިއިރު ފަތިހު 4 ޖަހަނީއެވެ.

މިއީ ފާއިތުވި 40 އަހަރު ތެރޭގައި އޭނާ ކުރި ފުރަތަމަ ވުޟޫ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ވުޟޫކޮށްގެން ދިއައީ މިސްކިތަށެވެ.
އައު ދުވަހަކަށް އިރުއެރީއެވެ. އޭނާގެ ހަޔާތަށްވެސް މުޅިން ތަފާތު ދުވަހަކަށް އިރުއެރީއެވެ. މީހާ އެވަނީ މުޅިން ބަދަލުވެފައެވެ. މާތް ﷲ އަށް ބިރުވެތިވާ ތަޤްވާވެރިއަކަށެވެ. ހަމަ އެންމެ ފާފައެއްވެސް ކުރަން ބޭނުން ނުވާ މީހަކަށެވެ. އަދި އެވަރުންވެސް ފުދުނީއެއް ނޫނެވެ. އޭނާ ބަދަލުވީ މީސްތަކުންނަށް ދީލަތި އަދި އިސްލާމް ދީނަށް ދައުވަތުވެސް ދޭ މީހަކަށެވެ.

އޭނާ މަރުވީ އެއިގެ 20 އަހަރު ފަހުންނެވެ. އުމުރުން 80 ގެ ކުރީކޮޅުއެވެ. މަރުވީ ވަރަށް ހެވިފައި އޮވެގެންނެވެ. އެވަގުތު އެތަނުން ދުވި މީރުވަހަކީ އެއިގެ ކުރިން އެއްވެސް މީހަކަށް ތަޖުރިބާ ކުރެވިފައިވާ ވަހެއް ނޫނެވެ. އެހައިވެސް މީރު ވަހެކެވެ. އެތައް ހިސާބު ދުރަށް އެ މީރުވެސް ދުވިކަމަށްވެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް