އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތެއް އެޅުމުގެ ނަމުގަ ފައިސާ ހޯދައިގެން ފެށި ވިޔަފާރި އަނދައިދިއައީ މީހާގެ ދެފައާވެސް އެކު!

މިސްކިތެއް އެޅުމުގެ ނަމުގަ ފައިސާ ހޯދައިގެން ފެށި ވިޔަފާރި އަނދައިދިއައީ މީހާގެ ދެފައާވެސް އެކު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

މިއީ މާކުރީގެ ވާހަކައެއް ނޫނެވެ. މީގެ ހައެއްކަ އަހަރު ކުރީގެ ވާހަކައެކެވެ. ނައިޖީރިއާގެ މީހަކު ޓޫރިސްޓް ވިސާގައި ދުބާއީއަށް ގޮސް ކުރެހުންތަކާއި ލިޔުންތައް ދައްކައި މީހުން ހައްދުވައިގެން ރަށްފުށު ސަރަހައްދެއްގައި މިސްކިތެއް އެޅުމުގެ ނަމުގައި 1.2 މިލިއަން ދިރުހަމް ޖަމާކުރިއެވެ.

އެ ފައިސާތައް ހިފައިގެން އެނބުރި ޤައުމަށް ގޮސް ފެށީ ބޮޑު ވިޔަފާރިއެކެވެ. ވިޔަފާރި ފަށައި 88 ވަނަ ދުވަހު ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ކަރަންޓް ޝޯޓެއްވެގެންނެވެ.

އަލިފާން ނިއްވާ މީހުންއައިސް ކުރި މަސައްކަތުން އޭނާ ސަލާމަތްކޮށްގެން ފިހާރައިން ނެރެވުނުއިރު ހަށިގަނޑުގެ އެތައް މިތަނުގެ އިތުރުން ދެފައި އެކުގައި ވަނީ ފިހިފައެވެ. ނަތީޖާއަކަށްވީ ކަކުލާއި ހަމައިން ދެ ފައި ވެސް ބުރިކޮށްލަންޖެހުމެވެ. ހާދިސާގައި ފިހާރަ ވަނީ އެކުގައި އަނދައި ހުލިވެފައެވެ. އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވުނެވެ.

ފިހާރަވެސް އަނދައި ދިއައީއެވެ. މީހާ ނުކުޅެދޭ މީހަކަށްވެސް ވެގެންދިއައީއެވެ. ކުރި ފާފައިގެ އަޒާބު މިދުނިޔޭގައި ވެސް އުފުލަންޖެހުނީއެވެ.

މިފަދަ ކަންކަން ފެންނަމުން ދިއަ ނަމަވެސް އިބްރަތް ހާޞިލުކުރަނީ މަދުމީހެކެވެ. ދުބާއީގެ މިއަދުގެ ޚަބަރުތަކަށް ބެލި ނަމަވެސް އެންމެ ފާހަގަކުރެވޭ އެއް ޚަބަރަކީ އަރަބި ޤައުމެއްގެ މީހަކު ދުބާއީއަށް ގޮސް މިސްކިތެއް އެޅުމުގެ ނަމުގައި އޮޅުވާލައިގެން މީހުން އަތުން 300،000 ދިރުހަމަށްވުރެ ގިނަ ފައިސާ ހޯދިފަހުން ހަޤީޤަތް ހާމަވެގެން ފުލުހުން އޭނާ ހައްޔަރުކުރި ޚަބަރެވެ.

ހަމަ އެއާއިއެކު އޭސިއާޤައުމަކަށް ނިޞްބަތްވާ 3 މީހަކު ހަމަ މިސްކިތެއް އެޅުމުގެ ނަމުގައި ސަލާންޖަހައިގެން ފައިސާ ހޯދަމުން ދަނިކޮށް ހައްޔަރުކުރި ޚަބަރާއި އެމީހުން އަތުން 30،000 ދިރުހަމް ފުލުހުން ހޯދާފައިވާ ޚަބަރެވެ.

މިސްކިތް އެޅުމުގެ ނަމުގައި ހޯދާ ފައިސާއަކީ އަދި މިސްކިތްތަކަށް އެހީތެރިވުމުގެ ނަމުގައި ހޯދާ ފައިސާއަކީވެސް އެއްވެސް މީހެއްގެ އަމިއްލަ ޙައްޤެއް ނޫނެވެ. އެއީ އެމީހާގެ އަތުގައި ހުރި މާތް ﷲ ގެ އަމާނާތެކެވެ. އެ އަމާނާތަށް ޚިޔާނަތްތެރިވެއްޖެނަމަ އެކަމުގެ ކޯފާ ކޮންމެވެސް ސިފައެއްގައި އުފުލަން ނުޖެހި ނުދާނެއެވެ. މިއަދު އުފުލަން ނުޖެހުނު ނަމަ މާދަމާ ނަމަވެސް އުފުލަންޖެހޭނެއެވެ.

މިކަންކަން ނުއެނގޭ ހަމަ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. އެހެންކަމާއިއެކުވެސް މިބާވަތުގެ ކަންކަން ކުރުން މިދަނީ އިތުރުވަމުންނެވެ. މާތް ﷲ ގެ ކޯފާއަށް ބިރުވެތި ނުވެވެނީއެވެ. ދުނިޔޭގެ އެދުން ކުރިއަށް ނެރެވެނީއެވެ.

މިސްކިތު ފަންޑާއި ވަޤްފް ފަންޑާއި ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވުމަކީ ހާދަހާ ބިރުހުރި ކަމެކެވެ. ނަމަވެސް އެކަންކަން ޤަބޫލުނުކުރެވި ދުނިޔޭގެ އެދުން ކުރިއަށް ނެރެވޭކަން އެއީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހިތާމައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް