އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަށް ހިނގަން ދަސްކޮށްދިން މައިމީހާ ގެއިން ނެރެލީ އެމައިމީހާއަށް ހިނގަން ދަތިވުމުން

ތިމާއަށް ހިނގަން ދަސްކޮށްދިން މައިމީހާ ގެއިން ނެރެލީ އެމައިމީހާއަށް ހިނގަން ދަތިވުމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 54 ސިކުންތު

މައިންނަކީ ކިހާ މާތް، ކިހާ މުހިންމު ބައެއްކަން ގިނަ މީހުންނަށް އެނގެނީ އެމީހުންގެ މައިންނާއިއެކު ރީތިހެންހީވާ ފޮޓޯއެއް ނަގާލާ ސޯޝަލް މީޑިއާގައި އެފޮޓޯ ޕޯސްޓު ކޮށްލަން ބޭނުންވުމުން އެކަންޏެވެ.

މައިންނަށް ވަގުތުދީ، އެމީހުންނަށް އަޅާލާ، އަހަރުމެންނަށްޓަކައި އެމީހުންވީ ފަދައިން އެމީހުންނަށްޓަކައި އަހަރުމެންވެސްވެ، އެމީހުން ދެކެ ހަގީގަތުގައިވެސް ލޯބިވަނީ މަދު ދަރިންނެވެ. މިއީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ.
ޚާއްސަކޮށް މައިންބަފައިންގެ އުމުރުން ދުވަސްވެއްޖެނަމަ، އެމީހުންނާއިހެދި އުނދަގޫ ވެގެން ބައެއް ދަރިން އުޅުމަކީ، އެފަދަ މައިންބަފައިންނަށް ދެވޭ ބޮޑު ހިތްދަތިކަމެކެވެ.

މިއީވެސް އެފަދަ ކަންތައްގަނޑަކާއި ދިމާވި މައެކެވެ. އުމުރުން މިހާރު 70 އަހަރު ފުރިފައިވާ މިމީހާ އޭނާގެ ވާހަކަ "މިއަދުނޫހާއި" ހިއްސާކުރީ ނަން ހާމަ ނުކުރުމަށް އެދި އޭނާގެ އެހެން ދަރިއެކެވެ.

"އަހަރެންގެ މަންމަގެ ހުރޭ ހަތަރު ދަރިން. އެއީ ދެ ފިރިހެން ދަރިންނާއި ތިން އަންހެން ދަރިން. އޭގެ ތެރެއިން ދެ ފިރިހެން ދަރިންނާއި އެމީހުންގެ އަނބިން ދިރިއުޅުނީ ރަށުގައި މަންމަގެ ގޭގައި. އަހަރެންގެ ދައްތައާއި އަހަރެން އުޅުނީ އަހަރުމެންގެ ފިރިންގެ ގޭގައި.

މަންމައަކީހުވަފަތް އަންހެނެއް. އަހަރެންގެ ބައްޕަ ނިޔާވީ މީގެ 20 އަހަރު ކުރިން ރުކަކުން ކުރުނބައެއް ބޮލަށް ވެއްޓި، ބޮލަށް ލިބުނު ގެއްލުމެއްގައި. މަންމަ ބޮޑަށް އެކަނިވެރިވީ ބައްޕަ ނިޔާވި ފަހުން.

އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން އަހަރެންގެ އެއްވެސް އެއްބަނޑު އެއްބަފާމީހަކު މަންމައަށް އިހާނެތި ގޮތެއް ހަދާފާނެ ކަމަކަށް. ބޭބެމެންނާ އެމީހުންގެ އަނބިން އެންމެ ފުރަތަމަ ފެށީ މަޖަލަކަށް ހަދާފައި މަންމައާއި ދިމާކުރަން. އެއީ ފަހަކަށް އައިސް މަންމައަށް އެމީހުން ދައްކާ ވާހަކަ ރަނގަޅަށް އަޑު ނުއިވި މުޅިން އެހެން އެއްޗެއް ކިޔޭތީ. ދެން މަންމައަށް މަޑުން ހިނގޭތީ އެމީހުން އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކަން ފެށި. ފަހަކަށް އައިސް އެމީހުންދާ އެއްވެސް ތާކަށް މަންމަ ނުގެންދޭ، ގޭގައި އެކަނިމާ އެކަނި ބައިންދާފައި ދަނީ.

އެހެން އިންނައިރު މަންމަ ވަރަށް ބިރުގަންނަ ވާހަކަ އަހަރެން ގާތު މަންމަ ބުނި. ފާޑުފާޑު އަޑުތައް ވެސް އިވޭހެން ހީވެޔޭ ބުނި.އެހެންވެ އެމީހުން ގާތު ބުނިން މަންމައަށް ފުރޮޅުލީ ގޮނޑިއެއް ގަނެދޭންވީ ނޫންހޭ. އެއިރުން ބޭބެމެންދާތާކަށް މަންމަވެސް ގެންދެވޭނެ ނޫންހޭ.

އެހެން ބުނުމުން އެންމެ ދޮށްޓަށް ހުންނަ ބޭބެއާއި އޭނާގެ އަންހެނުން އަހަންނާ ދިމާލަށް ވަރަށް އެއްޗެހިކި. ބުނި ތިމަންނާމެންނަށް އެވަރަކަށް ފައިސާ ނުލިބެޔޭ. ވަރަށް އަގުބޮޑު އެއްޗެކޭ އެއީ. މަންމައަށް ލިބޭ އިނާޔަތު ފައިސާއިން ގަންނަންވީ ނޫންހޭ ބުނީމަވެސް ބުނީ އެފައިސާއާއި އެއްކޮށޯ ގޭތެރޭގެ ޚަރަދުތައް ބަލަހައްޓަނީ. އޭގެއިން އިތުރު ކަމެއް ކޮށްފިނަމަ ދަތިވާނެ. ބުނި އެހެންނޫނަސް އެއީ ޑޮކްޓަރު ލިޔުމަކާ ނުލާ ލިބޭ ގޮނޑިއެއް ނޫނޭ. އޭގެ ފަހުން އެވާހަކަ އަހަރެން ނުދައްކަން.

އެކަމަކު ދެން މަންމަ މާބޮޑަށް ބަލިވާން ފެށީ. ތެޔޮ އެޅި އެއްޗެއްސާއި ފޮނި އެއްޗެހި ނުކުވެންފެށީ. އަދި ފައިގެ ނާރުތައް ބަލިކަށިވާން ފެށުމުން ރަނގަޅަށް ނުހިނގޭތީޑޮކްޓަރު އެންގި ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރަން (ފިޒިއޯތެރަޕީ ހަދަން) އެތަނަށް މަންމަ ގެންދަން.

އާއިލާ ތެރޭގައި ޖެހުނީ އެމައްސަލަ. މަންމަ ގޮވައިގެން އެތަނަށް ދާނެ މީހަކު ނުވެގެން. ފިޒިއޯ ހަދަން މަންމަ ގެންދަން ބުނި ގަޑީއަކީ އެއެންމެންވެސް ކޮންމެވެސް ކަމެއް ކުރަންވެފައި އިން ގަޑިއެއް. މަންމަ ފިޒިއޯ ހަދަން ޖެހޭކަން އެނގުމުން ފިރިމީހާ ގާތު ބުނެފައި އެގަޑިއަށް އަހަރެން އެގެއަށް ދާންފެށިން. މަންމަގެ މޫނުމަތިން ފެންނަނީ އަބަދުވެސް މާޔޫސްކަން. އަހަރެން ގާތު ހިތްދަތިވެފަ އިނދެ ބުނޭ، ދަރިފުޅުގެ ގޭތެރޭ ކަންތައްކުރަން އުނދަގޫވާނެ ނޫންހޭ ކޮންމެ ދުވަހަކު މަންމަ ގޮވައިގެން ދާން ތިހެން އަންނަންޏާ. އެގޭ މީހުން އެއްޗެއް ނުބުނޭހޭ. އަހަރެން ބުނިން ފިރިމީހާވެސް އެއާއިލާ މީހުންވެސް މަންމަ ބަލަން ހިތްހަމަ ޖެހެޔޭ. އެކަމަކުވެސް މަންމަ ފަށަނީ ރޯން. ބުނޭ މަންމަ ކައިރީގަ ތިބި ދަރިން އުޅެނީ އެކަމަކު އުނދަގޫ ވެގެންނޭ މަންމައާއި ހެދި.

އެހާލަތަށް ކަންތައް ދިޔައިމަ އަހަރެން ނިންމީ ބޭބެމެންނާ ވާހަކަ ދައްކަން. އަހަރެން ބުނިން މަންމަ އިންނަނީ އަބަދު ހިތުގަ ޖެހިފައޭ މިހާރު، އެއީ މަންމަގެ ސިއްޙަތަށް ވެސް ގެއްލުން ހުރި ކަމެކޭ. އެހެންވީމަ އެހެން ނުހަދާށޭ.

އެހެން އަހަރެން ބުނީމަ އެމީހުން ބުނީ މަންމަގެ ކަންތައް ބަލަހައްޓަން އެހެންވީމަ އަހަރެން ގެންދާށޯ މަންމަ. ތިމަންނާމެންނަށް ނުބެލޭނެޔޯ. އަހަރެން ބުނިން ތިމާމެންނަށް ހިނގަން ދަސްކޮށްދިން މައިމީހާއަށް މިހާރު ރަނގަޅަށް ނުހިނގުނީމަ އެމައިމީހާ އެއްލާލަނީހޭ، އެހެން ބުނީމަ ދެވަނައަށް ހުރި ބޭބެގެ އަންހެނުން ބުނީ ފިލްމީ ޑައިލޮގު ނުޖައްސާ މަންމަ ގޮވައިގެން ދާށޯ. އެމީހުން އެހެން އެބުނީ މަންމައަށް ރަނގަޅަކަށޯ.

އަހަރެން ބޭނުމެއް ނުވި އެގޭގަ އެންމެ ހިނދުކޮޅަކު ވެސް ދެން މަންމަ ބަހައްޓާކަށް. ފިރިމީހާވެސް ބޭނުންވީ މަންމަ އެގެއަށް ގެންދަން. އެހެންވެ އަހަރެންގެ މަންމަ މިހާރު އުޅެނީ އަހަރުމެން ކައިރީގަ. އެމީހުންގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަނޭޅުމަށް މަންމަ އެނދުނު. އެއީ އެއްވެސް ދަރިއަކަށް ދެރަގޮތެއް ވާން މައިލަނގޮޑިއަށް ކެތް ނުވާނެތީ ކަމަށް މަންމަ ބުނި. އެހެންވެ އަހަރުމެން އެމީހުންގެ މައްސަލައެއް ނުޖައްސަން. އެގެއަށް ނުދިޔަޔަސް، މަގެއްގެ މަތިން އެމީހުންނާއި ބައްދަލު ވެއްޖެނަމަ ވާހަކަ ދައްކަން. އެއީ އަހަންނަށް އަހަރެންގެ މަންމަ ދަސްކޮށްދިން ގޮތް.

މަންމަ ކައިރިއަށް ކޮންމެ ދެމަހުން އެއްމަހު އެއް ދުވަހު ނަމަވެސް އަހަރެންގެ ދައްތަ އާދޭ. ދައްތަ ދިރިއުޅެނީ އެހެން ރަށަކު ކަމަށްވާތީ އެގޮތަށް އާދެވެނީ. މަންމަ ބަލަން އަހަރެން ފެށިފަހުން ބޭބެމެން އައީ އެންމެ ދެ ފަހަރު. އެވެސް އަހަރެން ކައިރީގައި މަންމަ ދިރިއުޅޭތާ އެއް އަހަރު ފަހުން. އަހަރެން ޤަބޫލު ކުރާ ގޮތުގައި ބޭބެމެންނަށް އެހެން އެވީ އެމީހުންނަށް ކައިވެނި ކުރެވުނު އަންހެނުންގެ ގޮތުން"

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ