އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާސާއިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ނިމުން އަތުވެއްޖެ

ބާސާއިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ނިމުން އަތުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު


ސްޕެނިޝް ލީގުގައި ބާސެލޯނާއިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ރޭ ނިމުން އަތުވެއްޖެއެވެ.

ލީގުގައި ރޭ ރަށުން ބޭރުގައި ލެވަންޓޭއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން ލެވަންޓޭ އަތުން 4-5 ގެ ނަތީޖާއަކުން ބަލިވިއިރު، މި މެޗުގައި ބާސެލޯނާގެ ތަރި ލެއޮނަލް މެސީ ކުޅެން ފުރުސަތު ދީފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން މެޗުގެ 9 ވަނަ މިނެޓުގައި ލެވަންޓޭއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ލެވަންޓޭއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެމަނުއަލް ބޯޓެންގެވެ. މި ލަނޑަށް ފަހުގައި ބާސާއިން ނަތީޖާ ބަދަލުކުރުމަށްޓަކައި މަސައްކަތް ކުރަމުންދަނިކޮށް، ލެވަންޓޭއިން ވަނީ ލިބުނު ކައުންޓާ އެޓޭކެއްގައި ބާސާއަށް އަލުން ލަނޑުދީފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ލެވަންޓޭއަށް މެޗުގެ ލީޑު ފުޅާކޮށްދިނީ ވެސް ބޯޓެންގެވެ.

ލެވަންޓޭއިން ދެ ލަނޑުގެ ލީޑު ނެގުމާއެކު، ބާސާއިން އަލުން ނަތީޖާ ބަދަލުކުރުމަށް މަސައްކަތްކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ބާސާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި މެޗުގެ ލީޑު ހަނިކޮށްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފިލިޕޭ ކުޓީނިއޯއެވެ.

1-2 ގެ ނަތީޖާއިން ލެވަންޓޭ ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން މާ އިރުތަކެއް ނުވެ، ލެވަންޓޭއިން ވަނީ ފުލުފުލުގައި ބާސާ ކޮޅަށް ތިން ލަނޑު ޖަހައި އެންމެން ސިއްސުވާލައިފައެވެ. މެޗުގެ 46 ވަނަ މިނެޓުގައި ލެވަންޓޭއަށް އެނިސް ބަރްދީ ލަނޑެއް ކާމިޔާބުކޮށްދިންއިރު، މެޗުގެ 49 ވަނަ މިނެޓުގައި އެމަނުއެލް ބޯޓެންގް ވަނީ ލަނޑެއް ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ލެވަންޓޭގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަރްދީއެވެ.

ލެވަންޓޭއިން ހަތަރު ލަނޑުގެ ލީޑެއް ނެގުމާއެކު، ބާސާއިން ނަތީޖާ ބަދަލުކުރުމަށް ހަމަލާތައް އިތުރުކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 59 ވަނަ މިނެޓުގައި ކުޓީނިއޯ ބާސާއަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ކުޓީނިއޯ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ބާސާއަށް ކުޓީނިއޯ ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ. ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ޖަހައި ބާސާއަށް މެޗުގެ ލީޑު ލަނޑަކަށް ހަނިކޮށްދީފައެވެ. އެހެން ނަމަވެސް، މެޗުގެ ބާކީ އޮތް މިނެޓުގެ ތެރޭގައި ބާސާއަށް މެޗުގެ ނަތީޖާ ބަދަލުކުރުމަށް ކުރި މަސައްކަތުގައި އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ބާސާއިން ރޭގެ މެޗަށް ނުކުތްއިރު އެ ޓީމުން ވަނީ ސްޕެނިޝް ލީގުގައި ބަލިނުވެ 43 މެޗު ހަމަކޮށް، ސްޕެނިޝް ލީގުގެ ތާރީޚުގައި ބަލިނުވެ އެންގެ ގިނަ މެޗު ހަމަކުރި ޓީމުގެ ރެކޯޑު މުގުރާލައިފައެވެ. އޭގެކުރިން ލީގުގައި ބާސާއިން ބަލިވެފައިވަނީ، މިދިޔަ ސީޒަންގައި އޭޕްރީލް މަހުގެ 17 ވަނަ ދުވަހު މަލަގާގެ އަތުންނެވެ.

އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލުމުގެ އުންމީދުގައި ރޭ ނުކުތް ބާސެލޯނާއިން ލެވަންޓޭ އަތުން ބަލިވިއިރު، މިއީ މި ސީޒަންގެ ލީގުގައި ބާސާ ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް ބާސާއިން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައެވެ. ލީގުގެ އެއްވަނައިގައި ބާސާ އޮތީ 90 ޕޮއިންޓާއެކުގައެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ލެވަންޓޭ އޮތީ 46 ޕޮއިންޓާއެކު ލީގުގެ ފަނަރަވަނައިގައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް