އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ހިފުމަކީ ހަމައެކަނި ބަނޑު ރޯދައަށް ބެހެއްޓުމެއް ނޫން: ޝައިޚް ޢަލީ ޒާހިރު

ރޯދަ ހިފުމަކީ ހަމައެކަނި ބަނޑު ރޯދައަށް ބެހެއްޓުމެއް ނޫން: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ރޯދަ ހިފުމަކީ ހަމައެކަނި އެމީހާގެ ބަނޑު ރޯދައަށް ބެހެއްޓުމެއް ނޫން ކަމަށާއި ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސާޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި ދަރުސް ދެއްވަމުން ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ރޯދަ އަށް ބަހައްޓަންޖެހޭނީ އެމީހާގެ ބަނޑާއި އަނގަ ނޫން ކަމަށެވެ. "ބޭފުޅުންނޭވެ. އަޅުގަނޑުމެންގެ ލޮލާއި ފެނުމާއި އަދި ވާހަކަތައް ދައްކާއިރު ބޭނުންކުރާ ދޫވެސް ޖެހޭނެ ރޯދައަށް ބަހައްޓަން."



ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ރޯދައިގެ އަސްލު މާނައަކީ ހިފެހެއްޓުން ކަމަށާއި ރޯދައަށް ހުންނައިރު ކަންތައްތަކެއް ހިފަހައްޓަންޖެހޭނެ ކަމަށެވެ. އަދި ޞަޙާބީންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޖާބިރުގެފާނުގެ ބަސްފުޅުތަކުން މިކަންކަމަށް ބާރުލިބޭ ކަމަށާއި ރޯދައަށް ހުންނަ ދުވަސްތަކާއި ޢާންމު ދުވަސްތައް ތަފާތުވާންޖެހޭނެ ކަމަށާއި ރޯދަވެރިޔާގެ ކިބައިން މަޑުމޮޅިކަމާއި ކެތްތެރިކަން ވެސް ފެންނަން ޖެހޭނެ ކަމަށެވެ.

"ރޯދަވެރިޔާގެ ކިބައިން ފެންނަން ޖެހޭނެ ކެތްތެރިކަމުގެ 3 ބާވަތެއް ވެއެވެ. ފުރަތަމައީ އަޅުކަން ކުރުމަށް ކެތްތެރިވުމެވެ. ދެވަނައީ ނުބައި، މަނާކުރެވިފައިވާ ކަންތައްތައްތަކުން ދުރުވެގަތުމަށްޓަކައިވާ ކެތްތެރިކަމެވެ. ތިންވަނައީ ކުރިމަތިވާ މުޞީބާތްތަކާއި ދަތި އުނދަގޫ ކަންތައްތަކަށް ކެތްތެރިވުމެވެ. މިކަންކަމަށް ކެތްތެރި ނުވެ ރޯދައެއް ނުހިފޭނެއެވެ."



"ރޯދައަށް ހުންނައިރު ނުކައި ނުބޮއި ހުންނާތީ ހަށިގަނޑަށް ކަންތައްތަކެއް ކުރިމަތިވޭ. އެކަންކަމަށްވެސް ކެތްތެރިވާންޖެހޭ. ރޯދައިގެ ކަންކަން މިވަނީ ކެތްތެރިކަމާއި ވަރަށް ބޮޑަށް ގުޅިފަ."

"ކޮންމެ ކަމެއް ކުރަންޖެހުނު ނަމަވެސް ތެދުވެރިވުމަކީ ރޯދަ އަޅުގަނޑުމެންނަށް ދަސްކޮސްދޭ ކަމެއް. ކާބޯތަކެތި އަތްފޯރާފަށުގައި ހުރެމެ ނުކައި ނުބޮއި ރޯދައަށް މިތިބެނީ ﷲ ތަޢާލާއަށް ތެދުވެރިވެގެން. މި ރިވެތި ސިފަތައް ރަމަޟާންމަހު އަޅުގަނޑުމެންގެ ކިބައި އަށަގަންނަވަން ޖެހޭނެ." ކަމަށްވެސް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް