އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފީފާއިން 24 ޓީމު ހިމެނޭ ގޮތަށް ކްލަބް ވޯލްޑްކަޕް މުބާރާތް ބާއްވަނީ

ފީފާއިން 24 ޓީމު ހިމެނޭ ގޮތަށް ކްލަބް ވޯލްޑްކަޕް މުބާރާތް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ފީފާ ކްލަބް ވޯލްޑްކަޕް މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތައް ގެނެސް، 24 ޓީމު މުބާރާތުގައި ކުޅޭ ގޮތަށް ހެދުމަށް ފީފާއިން ބައްދަލުވުމެއް ބާއްވަން އުޅޭކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައެވެ.

ފީފާ ކްލަބް ވޯލްޑްކަޕް މުބާރާތަކީ ބައްރުތަކުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ހިމަނައިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު ބާއްވާ މުބާރާތެކެވެ. ދުނިޔޭގެ ކްލަބް ޗެމްޕިއަނުން ކަށަވަރުކުރާ މި މުބާރާތް މިހާރު ވަނީ ހަމައެކަނި ރަމްޒީ މުބާރާތަކަށް ވެފައެވެ.

ބައިނަލްއަޤްވާމީ ކުޅިވަރު މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ފީފާއިން މިހާރު ވިސްނަމުން ދަނީ ފީފާއިން ޤައުމީ ޓީމުތަކުގެ މެދުގައި ބާއްވާ ވޯލްޑްކަޕް މުބާރާތްހެން ފީފާ ކްލަބް ވޯލްޑްކަޕް މުބާރާތް ވެސް ބޮޑު މުބާރާތެއްގެ ގޮތުގައި ބޭއްވުމަށެވެ. އެ ގޮތުން މި މުބާރާތުގައި 24 ޓީމު ހިމެނޭ ގޮތަށް، ވޯލްޑްކަޕް މުބާރާތްހެން ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބޭއްވުމަށް ފީފާއިން ވިސްނަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތަކުގައި ބުނާ ގޮތުން، ކްލަބް ވޯލްޑްކަޕް މުބާރާތުގެ އޮނިގަނޑަށް ގެންނަން ވިސްނާފައިވާ ބޮޑު ބަދަލުތަކާއެކު، އެ އުސޫލުން ކުޅޭ ފުރަތަމަ މުބާރާތް ބާއްވާނީ އަންނަ 2021 ވަނަ އަހަރުގައި ކަމަށެވެ.

އެހެން ނަމަވެސް، މުބާރާތް ކުރިއަށްގެންދާނެ އޮނިގަނޑުގެ ތަފްސީލެއް އަދި ސާފުވާގޮތެއް ނުވެއެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުންނަމަ، 24 ޓީމު ކަނޑައަޅާނީ ވޯލްޑްކަޕް މުބާރާތްހެން ކުޅެވޭ ކޮލިފައިން ބުރަކަށް ފަހުގައި ކަމަށް ވެއެވެ. ނޫނީ ދައުވަތު ދެވޭ ބައެއް ޓީމުތަކަކާއެކު މުބާރާތް ކުރިއަށްދާގޮތަށް ވެސް އަޑުފެތުރިފައިވެއެވެ.

މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ކުޅިވަރު މީޑިއާތަކުގައި އަޑުތައް ފެތުރެމުން ދާއިރު، ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ވޯލްޑްކަޕް މުބާރާތުގެ ކުރިން ފީފާއިން ބާއްވާ ބައްދަލުވުމުގައި މިކަމަށް ވަކިގޮތެއް ނިންމާނެކަމަށްވެއެވެ. އޭގެ ކުރިން ވެސް އެކަމަށް ޚާއްޞަކޮށްގެން ވަކި ބައްދަލުވުމެއް ބާއްވައި ވަކިގޮތެއް ފީފާއިން ނިންމާނެކަމަށް ވެސް އަޑުތައް ފެތުރެމުން ދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް