އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުނައިޓެޑް ބަލިކޮށް ޗެލްސީއިން އެފްއޭކަޕް ކާމިޔާބުކޮށްފި

ޔުނައިޓެޑް ބަލިކޮށް ޗެލްސީއިން އެފްއޭކަޕް ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު



އިނގިރޭސި އެފްއޭކަޕް ފައިނަލް މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޗެލްސީއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޔުނައިޓެޑްގެ މައްޗަށް ޗެލްސީއިން ކުރިހޯދީ 0-1 ގެ ނަތީޖާއިންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 22 ވަނަ މިނެޓުގައި އެޑެން ހަޒާޑެވެ. ހަޒާޑް މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ޔުނައިޓެޑްގެ އޭރިއާ ތެރެއިން ޗެލްސީގެ ހަޒާޑަށް ޔުނައިޓެޑްގެ ފިލް ޖޯންސް ކުރި ފައުލެއްގެ ސަބަބުން މެޗުގެ ރެފްރީ ޗެލްސީއަށް ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ޗެލްސީއަށް ލަނޑު ޖަހަން ދެން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައިވާ ނުވާއިރު، މެޗުގައި ޔުނައިޓެޑަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ޗެލްސީގެ ގޯލާ އަމާޒުކޮށް ޔުނައިޓެޑްގެ ކުޅުންތެރިން ކުރި ނުރައްކާތެރި ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ގޯލްކީޕަރު ތިބައުޓް ކޯޓުވާގެ ހުޝިޔާރުކަން ވެސް މި މެޗުގައި ފެނިގެން ގޮސްފައިވެއެވެ.

މިއީ ޗެލްސީއިން މި މުބާރާތް ކާމިޔާބުކުރި 8 ވަނަ ފަހަރެވެ. އަދި 2012 ވަނަ އަހަރަށްފަހު، މުބާރާތް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. ޗެލްސީއިން މިދިޔަ އަހަރުގެ މި މުބާރާތުގެ ވެސް ފައިނަލް ކުޅުނުއިރު، އެ ފަހަރު ޗެލްސީ ވަނީ ފައިނަލްގައި އާސެނަލް އަތުން ބަލިވެފައެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރީ ވެސް އާސެނަލްއިންނެވެ. އާސެނަލްއިން ވަނީ މިހާތަނަށް 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީއިން އެފްއޭކަޕް ކާމިޔާބުކުރި ނަމަވެސް އޭނާގެ ވަޒީފާގެ ޔަޤީންކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މެޗުގެ ކުރިން ވަޒީފާއާ މެދު އެއްވެސް ޔަޤީންކަމެއް ނެތްކަމަށް ކޮންޓޭ ވެސް ބުނެފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީއިން މި ސީޒަނަށްފަހު ކޮންޓޭ މަޤާމުން ވަކިކުރަން ނިންމާފައިވާކަމަށްވެއެވެ. 2016 ވަނަ އަހަރުގައި މެންޗެސްޓާ ޔުނައިޓެޑުން އެފްއޭކަޕް ކާމިޔާބުކުރި ނަމަވެސް އެ ޓީމުގެ އެއިރުގެ ކޯޗު ލުއިން ވެންހާލް ވެސް މަޤާމުން ވަކިކުރިއެވެ.

ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީއިން ކުޅުނު ފުރަތަމަ ސީޒަންގައި އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކުރި ނަމަވެސް މި ސީޒަންގައި ޗެލްސީއިން ލީގު ނިންމާލީ ލީގުގެ ފަސްވަނައިގައި އޮވެގެންނެވެ. އެހެންވުމާއެކު ޗެލްސީއަށް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ. އަންނަ ސީޒަންގައި ޗެލްސީ ވާދަކުރަން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް