އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިދާންގެ ދަރިފުޅަށް ރެއާލްގެ ގޯލް ބަހައްޓަން ފުރުސަތު ދިން މެޗު އެއްވަރުވެގެން ނިމިއްޖެ

ޒިދާންގެ ދަރިފުޅަށް ރެއާލްގެ ގޯލް ބަހައްޓަން ފުރުސަތު ދިން މެޗު އެއްވަރުވެގެން ނިމިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު



މި ސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ފަހު މެޗުގައިއެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ދަރިފުޅު، ގޯލްކީޕަރު ލޫކާ ޒިދާނަށް ރެއާލްގެ ގޯލް ބެލެހެއްޓުމަށް ފުރުސަތު ދިންއިރު، ފަހު ވަގުތު ވަން ލަނޑުތަކަކާއެކު އެއްވަރުވެގެން މެޗު ނިމިއްޖެއެވެ.

ވިޔަރެއާލްގެ ދަނޑުގައި ރޭ ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި އެ މެޗު އެއްވަރުވެގެން ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރެއާލްއިންނެވެ. ރެއާލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 11 ވަނަ މިނެޓުގައި ގެރެތް ބޭލެވެ. މެޗުގެ 32 ވަނަ މިނެޓުގައި ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި ރެއާލަށް މެޗުގެ ލީޑު ފުޅާކޮށްފައެވެ.

އުމުރުން 20 އަހަރުގެ ލުކާ ޒިދާނަށް ރެއާލްގެ ގޯލް ބަލަހައްޓަން ދިން ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ހުއްޓުވި މަންޒަރު ވަނީ ފެނިފައެވެ. ދެވަނަ ހާފުގައި ވެސް ރަނގަޅު ބޯޅަތަކެއް ހުއްޓުވި ނަމަވެސް، މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި އޭނާ ކޮޅަށް ވަނީ ދެ ލަނޑު ވަދެފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ވިޔަރެއާލްގެ ރޮޖާ މާޓިނޭޒް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 85 ވަނަ މިނެޓުގައި ސަމޫ ކަސްޓިލޭހޯއެވެ.

މެޗަށް ފަހުގައި ނޫސްވެރިންނާ ބައްދަލުކޮށް ރެއާލްގެ ކޯޗު ޒިދާން ބުނީ، ލުކާ ޒިދާންގެ ފުރަތަމަ މެޗާ އަޅާބަލާއިރު އޭނާގެ ފަރާތުން ޒިދާން ހިތްހަމަޖެހޭވަރުގެ ކުޅުމެއް ފެނިގެން ގޮސްފައިވާކަމަށެވެ.

ލީގުގެ ފަހު މެޗާއެކު، ރެއާލްއިން މި ފަހަރުގެ ލީގު ނިންމާލީ 76 ޕޮއިންޓާއެކު ލީގު ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 78 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި އެތްލެޓިކޯއަށް ބާކީ އެއް މެޗު އަދި އެބައޮތެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ބާސެލޯނާ އެއްވަނައިގައި 90 ޕޮއިންޓާއެކު އޮތްއިރު، ބާސާއަށް ވެސް އަދި ބާކީ އެއް މެޗު އެބައޮތެވެ.

ރެއާލްއަށް މި ސީޒަންގައި ބާކީ ދެން އޮތީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ. މި މަހުގެ 26 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ރެއާލް ނުކުންނާނީ އިނގިރޭސި ވިލާތުގެ ލިވަޕޫލްއާ ދެކޮޅަށެވެ. ފާއިތުވި ދެ ސީޒަންގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ ރެއާލްއިންނެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް