އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުރުގާގެ މުހިންމުކަން ނަސް އަށާއި އޭނާގެ

ބުރުގާގެ މުހިންމުކަން ނަސް އަށާއި އޭނާގެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު

އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އެކެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރަމުންދާ އިޒްރެއިލް-ފަލަސްތީނު ރައްޔިތެއް ކަމަށްވާ ނުސެއިރު ޔާސިން (އާންމުކޮށް ކިޔާ ނަމުންނަމަ "ނަސް" ) ރާއްޖެއަށް ކުރި ދަތުރުގައި ރާއްޖޭގެ އަންހެނަކާއި ބެހޭ ގޮތުން ހަދާފައިވާ އަސްލެއްނެތް ވީޑިއޯ އެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގައި ފެންނަ އަންހެން މީހާއަކީ އއ. އުކުޅަހު އަންހެނެކެވެ. މޫނު ނިވާކޮށްގެން ހުރެ ކުޅެފައިވާ އެވީޑިއޯގައި އުމުރުން 24 އަހަރުގެ އެއަންހެން މީހާ އޭނާއަށް ނަންދީފައިވަނީ "އެކްސް" ގެ ނަމުންނެވެ.

"އެކްސް" ބުނެފައިވަނީ އޭނާ ބުރުގާ އެޅީ އުމުރުން 13 އަހަރުގައި ކަމާއި، މިހާރު ބުރުގާ ނަގާ އޭނާގެ "ދިގުދިގު އިސްތަށިގަނޑު" އެންމެންނަށް ދައްކަން ބޭނުންވާ ކަމަށެވެ. އެކަމަކު މީހުން ކިޔާފާނެ އެއްޗަކާއިމެދު ބިރުގަންނަ ކަމަށެވެ.

ނަސް ބުނެފައިވާ ގޮތުގައި "އެކްސް" ބުރުގާ އެޅީ އޭނާގެ ކްލާސް ހުރިހާ ކުދިން ވެސް ބުރުގާ އަޅައިގެން އުޅޭތީ، ބުރުގާ އަޅަން މަޖުބޫރު ވެގެނެވެ.

"އަހަރެންގެ މައިންބަފައިން އަހަރެން ކައިރީގަ ނުބުނޭ ބުރުގާ އަޅާކަށް." އެކްސް މިހެން ބުނެފައިވާއިރު ނަސް ބުނެފައިވަނީ ރާއްޖޭގެ މުޖުތަމައު އޭނާއަށް ބުރުގާ އަޅަން މަޖުބޫރު ކުރުވި ކަމަށެވެ.
ވީޑިއޯއިން ފެންނަ އަންހެން ކުއްޖާ މިހެން ބުނާއިރު އޭނާ ލައިގެން ހުރި ހެދުމަށް ބަލާފައި ހިތުގައި ސުވާލެއް އުފެދެއެވެ. ބުރުގާ އަޅަން މުޖުތަމައު މަޖުބޫރު ކުރިއިރު ގަޔަށް ބާރު ޓޮޕާއި ޖީންސް ނުލާން މަޖުބޫރެއް ނުކުރޭ ހެއްޔެވެ؟ "މަޖުބޫރު" ކުރުވިނަމަ، އައުރަ ރަނގަޅަށް ނިވާވާނެފަދަ ހެދުން އަޅަންވެސް މަޖުބޫރު ކުރާނެހެން އަޅުގަނޑަށް ހީވާތީއެވެ.

ނަސް އާއި "އެކްސް" ބުނެފައިވާ ގޮތުގައި ހޫނުގަދަ ރަށެއްގައި ދިރިއުޅޭއިރު ބުރުގާ އަޅައިގެން އުޅެން ވަރަށް އުނދަގޫވެޔެވެ. މިއީ ވެސް ބުރުގާ ބާލަން އޭނާ ބޭނުންވާ އެއް ސަބަބެވެ. "އެކްސް" އަށްއަނެއްކާވެސް ސުވާލެކެވެ. ބުރުގާ ބޭލުމަށްފަހު ވެސް ހޫނުވާނަމަ، ދެން ހަދާނީ ކިހިނެއްހެއްޔެވެ؟

ވީޑިއޯއިން ދޭ މެސެޖަކީ، ބުރުގާ ބާލައިފިނަމަ މީހުން އޭނާއަށް ފާޑު ކިޔާނެތީއެވެ. ތެދެކެވެ. މީހުން ފާޑު ކިޔާނެއެވެ. ބުރުގާ އަޅައިގެން އުޅޭ، ދީނުގައި އެންގެވި ގޮތަށް ރަނގަޅަށް އުޅޭ މީހުންނާއި ދިމާލަށް ވެސް ފާޑު ކިޔާ މީހުން މަދެއް ނޫނެވެ. އަދި އެއީ ހަމައެކަނި ރާއްޖޭގައި ވާކަމެއް ވެސް ނޫނެވެ. އެއީ ދުނިޔޭގެ އާދައެވެ.

ސުވާލަކީ، "އެކްސް" ފިކުރު ބޮޑުވާންވީ މީހަކު ކިޔާފާނެ އެއްޗަކާމެދުތޯ ނުވަތަ މާތް ﷲ ނަޙީ ކުރެއްވި ގޮތަކަށް އުޅުމުން ލިބިދާނެ ކޯފާއަކާއިމެދު ތޯއެވެ. ކޮންމެ އަންހެނެއްވެސް އެމީހެއްގެ އައުރަ ނިވާ ކުރަން ކީރިތި ޤުރްއާން ގައި މާތް ﷲ އަންގަވާފައިވާއިރު، އެކަމާއި ޖަދަލު ކުރަން އަޅުގަނޑުމެންނަކީ ކޮން ބައެއް ހެއްޔެވެ. ހިތާމައަކީ ބުރުގާގެ އަސްލު މުހިންމުކަން ނަސް އަށް ވެސް އޭނާގެ "އެކްސް" އަށް ވެސް ނުވިސްނުނުކަމެެވެ.
"އެކްސް" ސަލާމަތް ކުރުމުގެ ނަމުގައި ނަސް ވަނީ ރާއްޖޭއިން އެއްވެސް މީހަކަށް އޭނާގެ "ނަސް ޑެއިލީ" ޕޭޖަށް ނުވަދެވޭނެ ގޮތް ހަދާ ރާއްޖެ ބްލޮކް ކޮށްލާފައެވެ. ނަމަވެސް ރާއްޖޭގައި ތިބި ކުޅަދާނަ، ހުނަރުވެރި ބައެއް މީހުންގެ މަސައްކަތުން، އެމީހުންވަނީ އެވަރުން ނުދައްކަން އުޅުނު ވީޑިއޯ ވެސް، އަދި "އެކްސް" އަކީ ކާކުކަން ވެސް ހޯދާފައެވެ.

ރާއްޖޭގައި އުޅެނީ ހުސް ދީނީ ހަރުކަށި ފިކުރު ގެންގުޅޭ މީހުންކަމަށް ދައްކާ، އެހެންކަމުން "އެކްސް" އަށް އިސްތަށިގަނޑު ނުދެއްކެނީއޭ ބުނެ ހެދި މިވީޑިއޯއަކީ ރަނގަޅަށް ރިސަރޗެއް ނުކޮށް ހެދި ވީޑިއޯއެއްކަން ހާމަވެއެވެ.

ނުސެއިރު ޔާސިން (ނަސް) ރާއްޖެއާއި ބެހޭ ގޮތުން ރަނގަޅަށް ރިސާރޗު ހެދިނަމަ، ރާއްޖޭގައި އުޅެނީ ހުސް ބުރުގާ އަޅައިގެން އުޅޭ، އަންހެނުން ނޫންކަން އޭނާއަށް އެނގުނީހެވެ. އަދި ބުރުގާ އަޅަންވާ ގޮތަށް އަޅައިގެން އުޅެނީ ވެސް މަދު އަންހެނެއްކަން ވެސް އެނގުނީހެވެ.

ރާއްޖޭގައި ބުރުގާ އަޅައިގެން އުޅެނީ ހަމައެކަނި "އެކްސް" އެކަންޏެއް ނޫނެވެ. އަދި ބުރުގާ އަޅާފައި ނަގާ އަންހެނުން ވެސް މަދެއް ނޫނެވެ. ބުރުގާ ނެގުމަކީ ރަނގަޅު ކަމެކޭ އަޅުގަނޑު ނުބުނަމެވެ. ނަމަވެސް ބައެއްގެ ސަމާލުކަން ހޯދާ މަޝްހޫރުވާން މިފަދަ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދައްކާ ވީޑިއޯއެއް ހެދުމަކީ ނަސް އަށާއި އޭނާގެ "އެކްސް" އަށް ކުރެވުނު ވަރަށް ނާތަހުޒީބީ ކަމެކެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ