އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޞީބާތަކީ ނިޢުމަތަކަށް ހެދުމާއި އަޒާބަކަށް ހެދުން އޮތީ އިންސާނާގެ އަތްމަތީގަ: ޝައިޚް ސަމީރު

މުޞީބާތަކީ ނިޢުމަތަކަށް ހެދުމާއި އަޒާބަކަށް ހެދުން އޮތީ އިންސާނާގެ އަތްމަތީގަ: ޝައިޚް ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ދުނިޔޭގައި އުޅެމުން މިދަނީ ކޮންމެ ދުވަހަކުވެސް ތަފާތު މުޞީބާތްތަކާއި ކުރިމަތިލަމުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އެންމެންވެސް މިގެންދަނީ މުޞީބާތްތަކާއި ކުރިމަތިލަމުންނެވެ. އެހެންކަމުން މުޞީބާތުގެ ވަގުތުގައި އެކަމާއި ކުރިމަތިލާ ގޮތް ވަރަށް މުހިންމެވެ.

އިންސާނަކަށް މުޞީބާތެއް ޖައްސަވައިފިނަމަ އެއީ މާތް ﷲ އެމީހާއަށް ކޯފާވެވޮޑިގެންވާ ކަމުގެ ޢަލާމާތެއް ނޫނެވެ. އެހެނީ އެއަޅާދެކެ ލޯބިވެވޮޑިގަންނަވާތީވެސް މީހަކަށް ﷲ މުޞީބާތެއް ކުރިމަތިކުރައްވަވައިފާނެއެވެ.

އެ އިމްތިޙާނުން އޭނާ ފާސްވުމުގެ ނުކުތާއަކީ މުޞީބާތަށްފަހު އޭނާގެ އަމަލުތައް ހުންނަ ގޮތެވެ. މާތް ﷲ ޙަރާމް ކުރެއްވެވި ކަންތައްތަކަށް މީހަކު އަރައިގަންނަމުން ދަނިކޮށް އެމީހާއަށް މުޞީބާތެއް ޖައްސަވައިފިނަމަ އެއިގެ މާނައަކީ އެއީ އުޤޫބާތެކެވެ. އެއީވެސް އިބްރަތް ހާޞިލުކޮށް އޭނާ އެނބުރި މާތް ﷲ ގެ މަގަށް އާދޭތޯއެވެ.

ބައެއް ޢުޤޫބާތްތަކުގައި އިންސާނާ އެކުގައި ހަލާކުވެގެންދެއެވެ. އަނެއްބައި ޙާލަތްތަކުގައި އޭނާއަށް ކޮންމެވެސް ވަރެއްގެ މުޞީބާތްތަކެއް ޖެހުމުން އޭނާ އެނބުރި މާތް ﷲ ގެ މަގަށް އާދެއެވެ.

އަޅުގަނޑުމެންގެ މުޅި ހަޔާތް އެއެއްޗެއްގެ މައްޗަށް ކުރިއަށްދާ އަސާސަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވަވާފައިވާ ނިޢުމަތްތަކާއި ދަރުމައެވެ. ކޮންމެ ކަމެއްގައިވެސް ބަހައްޓަންޖެހޭނީ މާތް ﷲ ގެ ނިއުމަތްތަކާއި ދަރުމަވަންތަވެރިކަން އަޅުގަނޑުމެންނަށް އެބައޮތް ކަމުގެ ޝުޢޫރެވެ. އަބަދުވެސް ޤަބޫލުކުރަންޖެހޭނީ އެވިސްނުމެވެ.

ޙަޤީޤީ އިMާންތެރިއެއް ކަމުގައިވާނަމަ މުޞީބާތްތަކާއިމެދު ދެކެންޖެހޭނީ އެއީ އޭނާއަށް ލިބޭ ހެވެއް، މޮޅެއް ކަމަށެވެ. އީމާންކަމުގެ ރުކުންތަކުގައި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ ބުނެވޭ ބަހުގެ މާނައަކީ އެއީ އެވެ. މާތް ﷲ އެމީހަކާއިމެދު ލިޔުއްވަވާފައިވާ ގޮތާއިމެދު ރުހުމެވެ. މިއަޤީދާ ކަށަވަރުވެއްޖެނަމަ މުޞީބާތްތައް އޭނާއަށް ވެގެންދާނީ ހެޔޮކަމެއް ކަމުގައެވެ. އަދި އެކަމުން ލައްޒަތާއި އަރާމުލިބޭ ކަމަކަށެވެ.

ބައެއް މީހުންނަށް މުޞީބާތްތައް ޖެއްސެވުމުން އެއީ ބޮޑުކަމަކަކަށްވެ ޝަކުވާ ގިނަވެގެން އުޅެއެވެ. ނަމަވެސް އެމުޞީބާތުން ﷲ ސުބްހާނަހޫ ވަތަޢާލާ ސަލާމަތްކުރެއްވެވިއްޔާ ނޫނީ ސަލާމަތް ވެވޭނެ އިތުރު މަގެއް އޭނާއަކަށް ނެތެވެ. އެހެންކަމާއިއެކުވެސް އޭނާގެ ދުލުން ﷲ ގެ ނިޔާފުޅާއިމެދު ނުރުހުމުގެ ބަސްތައް ބޭރުކުރަމުން ގެންދެއެވެ.

އެހެންކަމަށްވެއްޖެނަމަ އެމީހަކު ވާނީ މުޞީބާތުގެ އެންމެ ބޮޑު ބަދުނަޞީބުވެރިއަކަށެވެ. އެއީ ﷲ ތަޢާލާ ޖެއްސެވި މުޞީބާތުގެ ވޭނާއި ކެކުޅުން އިޙްޞާޞްކުރުމާއިއެކުގައިމެ މުޞީބާތުގެ ސަބަބުން އެއްވެސް ސަވާބެއް ދަރުމައެއް ނުލިބި މަޙްރޫމްވެގެންދަނީއެވެ. ދަރުމަ އާއި ސަވާބު ނުލިބި ނިމެނީއެއް ނޫނެވެ. އޭނާއަށް ޖެހުނު އަޒާބާއި އުޤޫބާތުގެ ރަހައާއި އޭނާއަށް ނަރަކައިގައި ހުރި ފާފައިގެ ވޭންވެސް އިހްސާސް ކުރަންޖެހެނީއެވެ. އެހެންކަމުން އޭނާ ވެގެންދާނީ ވަރަށް ބޮޑު ބަދު ނަޞީބުވެރިއަކަށެވެ.

ތިބާ އެކަމަކަށް ހިތް ހަމަނުޖެހުނު ކަމަކީ ތިބާއަށް އޮތް ރަނގަޅަކަށްވެސް ވެދާނެއެވެ. ހަމައެފަދައިން ތިބާ އެކަމަކަށް ލޯބިކުރާ ކަމަކީވެސް ތިބާއަށް ހުރި ގެއްލުމަކަށް ވެދާނެއެވެ. މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ ތިބާއަށް ނުއެނގޭ ކަމަށާއި މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމަށެވެ.

މީހަކަށް ފައިސާތަކެއް ދެއްވަވައިފިނަމަ އެމީހާ މަގުފުރެދިގެން ދާނެކަންވެސް ﷲ ތާޢާލާ ދެނެވޮޑިގެންވެއެވެ. އެމީހާއަށް އެކަން އެނގޭނަމަ މާތް ﷲ ގެ މަތިން ހަނދުމަނެތިގެން ހިނގައިދާނެ ނިޢުމަތެއް ނުދެއްވެވުމަށް އެމީހާ އެދޭނެއެވެ. މުޞީބާތެއް ޖައްސަވައިގެން ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން މިއަޅާއަށް ލިބޭނެނަމަ މުޞީބާތެއް ޖައްސަވައިގެންވެސް މާތް ﷲ ގެ ރުހިވޮޑިގަތުން ލިބުމަށް ވެސް އެދޭނެއެވެ.

- ޝައިޚް އަޙްމަދު ސަމީރު ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް