އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަޕޯލީގެ ކޯޗަކަށް އެންޗެލޮޓީ

ނަޕޯލީގެ ކޯޗަކަށް އެންޗެލޮޓީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކޯޗުކަންކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކާލޯ އެންޗެލޮޓީ ނަޕޯލީގެ ކޯޗުކަމުގެ މަޤާމަށް ހަވާލުވެއްޖެއެވެ.

ނަޕޯލީގެ ކޯޗުކަމުގެ މަޤާމަށް އެންޗެލޮޓީ ހަމަޖެއްސީ ކުރިން އެ މަޤާމުގައި ހުރި މައުރީޒިއޯ ސާރީ މަޤާމުން ވަކިކޮށްފައެވެ. ނަޕޯލީގެ ކޯޗަކަމުން ސާރީ ވަކިކުރިއިރު، އޭނާ ޗެލްސީއާ ހަވާލުވާން އުޅޭކަމުގެ އަޑުތަކެއް ވެސް ދަނީ ދުނިޔޭގެ ކުޅިވަރު މީޑިއާތަކުގައި ފެތުރެމުންނެވެ.

ސާރީގެ އިރުޝާދުގެ ދަށުން ނަޕޯލީއިން ރެކޯޑަކާއެކު މި ސީޒަންގެ ލީގު ނިންމާލި ނަމަވެސް، ނަޕޯލީ ލީގު ނިންމާލީ ލީގު ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ. ނަޕޯލީއަށް ލީގުގައި މި ބުރު 91 ޕޮއިންޓް ލިބިފައިވާއިރު، އެއީ އެ ޓީމަށް އެއް ސީޒަނެއްގައި އިޓަލީ ލީގުގައި މިހާތަނަށް އެންމެ ގިނައިން ޕޮއިންޓް ލިބުނު އަދަދެވެ.

އެންޗެލޮޓީ ބުނީ ނަޕޯލީގެ ކޯޗަކަށްވީތީ ފަޚުރުވެރިވާކަމަށާއި އޭނާގެ އަމާޒަކީ އިޓަލީގައި ޔުވެންޓަސްއިން ދަމަހައްޓަމުން އަންނަ ކާމިޔާބީގެ ސިލްސިލާއަށް ނިމުން ގެނައުންކަމަށެވެ. ޔުވެންޓަސްއިން ވަނީ މެދުކެނޑުމެއްނެތި މިދިޔަ ހަތް ސީޒަންގައި ވެސް އިޓަލީ ލީގު ކާމިޔާބުކޮށްފައެވެ.

އިޓަލީއަށް އުފަން އެންޗެލޮޓީގެ ކޯޗިން ކެރިއަރު ފެށުނީ ވެސް އޭނާގެ އުފަން ޤައުމުންނެވެ. އެންމެ ފުރަތަމަ ރެޖިއާނާއަށް އިރުޝާދު ދިނުމަށްފަހު، އޭނާ ވަނީ ފަހުން ޕާމާ، ޔުވެންޓަސް، އަދި އޭސީ މިލާނަށް އިރުޝާދު ދީފައެވެ. 2009 ވަނަ އަހަރުގައި އޭސީ މިލާން ދޫކޮށްލުމަށްފަހު މިއީ އިޓަލީގެ ކްލަބަކަށް އެންޗެލޮޓީ ހަވާޅުވި ފުރަތަމަ ފަހަރެވެ.

ޗެލްސީއާއި ރެއާލް މެޑްރިޑަށް ވެސް ކޯޗުކަން ކޮށްދީފައިވާ އެންޗެލޮޓީ އެންމެ ފަހުން ހުރީ ބަޔާން މިއުނިކްގައެވެ. ބަޔާންގެ ކޯޗުކަމުން އޭނާ ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެންޗެލޮޓީ ވަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ހަތަރު ލީގު ތަށި ކޯޗެއްގެ ގޮތުގައި ކާމިޔާބުކޮށްފައެވެ. އަދި އޭސީ މިލާނާއި ރެއާލާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން، އެންޗެލޮޓީ ވަނީ އޭނާ ކޯޗުކޮށްދިން ކްލަބްތަކާއެކު ޑޮމޭސްޓިކް ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް