އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިވަޕޫލްގެ ކީޕަރު ކާރިއަސްއަށް މަރުގެ އިންޒާރުތަކެއް، އިނގިރޭސި ފުލުހުން ދަނީ މައްސަލަ ބަލަމުން

ލިވަޕޫލްގެ ކީޕަރު ކާރިއަސްއަށް މަރުގެ އިންޒާރުތަކެއް، އިނގިރޭސި ފުލުހުން ދަނީ މައްސަލަ ބަލަމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު


މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ލިވަޕޫލްގެ ގޯލް ބެލެހެއްޓި ލޮރިސް ކާރިއަސްއަށް މަރުގެ އިންޒާރުތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދީފައިވާއިރު، އެ މައްސަލަ ވަރަށް ސީރިއަސްކޮށް އިނގިރޭސި ފުލުހުން ބަލަން ފަށައިފިއެވެ.

ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު ފައިނަލް މެޗުން ރެއާލް މެޑްރިޑްގެ އަތުން ލިވަޕޫލް ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލިވަޕޫލް ކޮޅަށް ވަން ފުރަތަމަ ގޯލާއި ފަހު ގޯލަކީ ކީޕަރު ކާރިއަސްއަށް ހެދުނު ބޮޑު ގޯހެއްގެ ސަބަބުންނެވެ.

ކާރިއަސްއަށް ހެދުނު ގޯސްތަކުގެ ސަބަބުންނާއެކު އެ މެޗުން ލިވަޕޫލް ބަލިވުމުން، އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ކާރިއަސްއަށް ހަޑިހުތުރު ބަހުން މުޚާތަބުކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ އޭނާއާއި އޭނާގެ ޢާއިލާ މަރާލާނެކަމަށް އިންޒާރުދީ ހަދާފައި ވެސް ވެއެވެ.

ކާރިއަސް އެ މައްސަލަ މާސޭސައިޑް ފުލުހުންނަށް ހުށަހެޅުމުން، ފުލުހުން ބުނެފައިވަނީ އެފަދަ އިންޒާރުގެ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ މައްސަލަތަކެއް ކަމަށާއި އިންޒާރުދިން ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖަރުމަން ވިލާތަށް އުފަން އުމުރުން 24 އަހަރުގެ ކާރިއަސް ވަނީ ފައިނަލް މެޗު ނިމެގެން، ޓްވިޓާ މެދުވެރިކޮށް ލިވަޕޫލްގެ ސަޕޯޓަރުންނާއި އޭނާގެ ޓީމް މޭޓުންގެ ކިބައިން މައާފަށް އެދެފައެވެ. ކާރިއަސް ބުނެފައިވަނީ މެޗުން ބަލިވީ އޭނާގެ ސަބަބުންކަން ޤަބޫލުކުރާކަމަށާއި އެކަމުގެ ޒިންމާ ނަގާކަމަށެވެ.
.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް