އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާދު ޤާސިމް ޖަލަށް 4 މަސް - ދަރިފުޅާއެވެ! ލޮލަށް ދަރިފުޅު ފެނުމަށް ހުރަސް އެޅުވިދާނެ - ނަމަވެސް ލޮލުން ފައިބާ ކަރުނައެއް ނުހުއްޓުވޭނެއެވެ!

ސިޔާދު ޤާސިމް ޖަލަށް 4 މަސް - ދަރިފުޅާއެވެ! ލޮލަށް ދަރިފުޅު ފެނުމަށް ހުރަސް އެޅުވިދާނެ - ނަމަވެސް ލޮލުން ފައިބާ ކަރުނައެއް ނުހުއްޓުވޭނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

ލޯބިވާ ދަރިފުޅާ ސިޔާދުއެވެ! މިއަދަކީ އެ އަނިޔާވެރިން ވަރަށް މަކަރުވެރި ލިޔުންތަކެއް ދައްކާފައި ޖަހައިގަނެގެން ދަރިފުޅު ގެންދިއަތާ 4 މަސް ދުވަސް ފުރުނު ދުވަހެވެ. މިއަދާއި ހަމައަށް އައި އިރުވެސް ދަރިފުޅު ބަންދުކުރިއިރު ދެއްކި ލިޔުމާއި ފަހުން ކުރިސުވާލުތަކާއި ދައުވާ ކުރާ މައްސަލަ ވެސް އެ އަނިޔާވެރިންނަށް ދިމައެއް ނުކުރެވުނެވެ. އެހެންކަމުން ދަރިފުޅު ޖަލުގައި ބަންދުކޮށްގެން އެ ހިފަހައްޓަނީ އެއްވެސް ކުށެއް ކޮށްގެން ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް އެބަހާމަވެއެވެ. އެއީ ހަމަ ބުއްދި ސަލާމަތުން ހުރި ހަމަ ކޮންމެ މީހަކަށްވެސް ޔަޤީންވާ ކަމެކެވެ.

އެކަންވާނީ ވެސް އެހެންތާއެވެ! ވުޖޫދަށް އުފަންނުވާ ކަމެއް އުފަންވި ކަމުގެ ހެކި ދެއްކުމާއި ބަލިވެ ނުއިންނަ އަދި ބާލިޣްވެސް ނުވާ އަންހެން ކުއްޖަކު ލައްވައި ގަދަކަމުން ދަރިއަކު ވިއްސުވުމާއި މިބާވަތުގެ ކަންކަމަކީ ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވޭ ގޮތަށް ކުރަން އެހައި ފަސޭހަ ކަންކަމެއް ނޫން ވިއްޔާއެވެ!

ދަރިފުޅާ ސިޔާދުއެވެ! މިފަދަ ރަމަޟާން މަހުވެސް ދަރިފުޅަށް ތިއަ އޮންނަން ޖެހުނީ ޖަލުގެ ގޮޅީގައެވެ. މިހައި ތަނަށް ޤަބޫލުކުރަމުން މިއައީ ޖަލުގެ ގޮޅިތަކަކީ ކުށްވެރިން ބަންދުކޮށްފައި ބައިތިއްބާ ތަނެއްގެ ގޮތުގައެވެ. އެއީ ޒާތީ ހަސަދަ ފިލުވަން ބައިތިއްބާ ތަނެއްކަން މިއެނގުނީ މިހާރުއެވެ. އެއްވެސް ކުށެއް ކޮށްފައިނުވާ ދަރިފުޅު ފަދަ ކުއްޖަކު ތިއަ ދަގަނޑު ގޮޅީގައި ބާއްވައި ހަސަދައިގެ އަލިފާނުން އަންދަމުން ގެންދަތީއެވެ.

މާތްﷲ ރަމަޟާން މަހަށް ކަސްތޮޅު އަޅުއްވަވަނީ ބޮޑެތި ނުލަފާ ޝައިޠާނުންނެވެ. ރާއްޖޭގައި މިފެނުނީ ބާރު ހުރި ބައަކު ނުކުމެ މަޢްޞޫމް ޒުވާން ދަރިން ހިފައި ހައްޔަރުކޮށް ކަސްތޮޅު އަޅުވާފައި ތިބި ތަނެވެ. އެގޮތަށް ކަންކަން ކުރުމަށްފަހު މިހާރު އެކިޔާ ބަނދިވެސް ވަރަށް ފުރިހަމަތާއެވެ. "ލައްގަޅޭ! ލައްގަޅޭ! މައިންތަނަށް ރަންފޮށްޓެއް ލައްގަޅޭ" ކުޑަކުދިން ކުޅެން ގޮނޑު ދޮށުގައި އުޅޭއިރު ކިޔައި އުޅޭ ފަދައިން މިހާރު ސަރުކާރުގެ ވަކީލުން ކޯޓުތަކުގައި ކިޔާ އަޑު މިއިވެނީ "ލައްގަޅޭ! ލައްގަޅޭ! މައެން އުޅޭ ޕީޖީ އޮފީހަށް ހެކިތަކެއް ލައްގަޅޭ! ސިޔާދު ޤާސިމް ނުކުރާ ކަމެއް ކުރިކަމަށް ހެކިތަކެއް ލައްގަޅޭ" އެވެ.

އެވަރުން ފުއްދައިލީއަކީއެއްވެސް ނޫނެވެ. ލައްގަން އެ އެދޭ ހެކިތަކެއް ވީ ކަނޑު އަޑީގައިކަމެއް އަދި ޖައްވުގައި ނޫން ކަމެއް ނުއެނގުނު ނަމަވެސް އެ ހެކިތައް ލިބޭނެ ކަމަށް ބަލައިގެން ދަރިފުޅު ބަންދުގައިވެސް އެބަ ބަހައްޓަންޖެހެޔޯލައެވެ. އަދި ހެކި ލިބޭނެ ކަމަށް ބަލައިގެން ހުކުމްކޮށް އަދަބުދޭންވެސް އެބަޖެހެޔޯލައެވެ.

މިހިރަ މިހެރަ ކަންތައްތަކަކީ މިޒަމާނުގައި ދުނިޔޭގެ އެއްވެސް އެހެން ޤައުމަކުން ފެންނާނެ ކަންތައްތަކެއް ވެސް ނުމެ ނޫންމެއެވެ. ނަމަވެސް އަހުރެމެންނަށް އުޅެންޖެހިފައިވާ މިރާއްޖެއިން މިދަނީ މިފަދަ ބޮޑެތިވެގެންވާ މުޞީބާތްތައް ހަމަ ލޮލަށް ފެނި އަތުން ހިފެމުންތާއެވެ. މި ގޮތަށް ޝަރީއަތްކުރާ ޤައުމެއްގެ ވާހަކަ މުޙައްމަދު ރަސޫލުﷲ (ޞޢވ) ގައި ދައްކާ ކަމަށް މީހުން ބުނެއުޅެއެވެ. ވަﷲ އަޢްޟަމް!

ދަރިފުޅާ ސިޔާދުއެވެ. ބާޒުތައް އުދުހިފާ އައިސް އިންސާނުން ޝިކާރަކުރާ ކުރާ ފަދައިން ދަރިފުޅު ޝިކާރަކޮށް އަނިޔާވެރިންގެ ވަކިތަކުގެތެރޭގައި ފިއްތައިގެން ގެންގުޅޭތާ 4 މަސް ދުވަސްވީއެވެ. ކުރިއަށް އޮތް 10 ދުވަހުން 4 މަހާއި 10 ހަމަވާނެއެވެ. އެއީ މާބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ވެސް ފުރާނަ އަޅުއްވަވާ ދުވަހެވެ. އެންމެންގެ ވެސް ދުޢާއަކީ މަކަރުވެރި އަނިޔާވެރިންގެ ކިބައިން ދަރިފުޅަށް ސަލާމަތްކަން ލިބުމެވެ. މާތް ﷲ ދަރިފުޅަށް ހިތްވަރު އިތުރުކޮށްދެއްވެވުމެވެ.

ދަރިފުޅުގެ ބައްޕައަށާއި ދަރިފުޅުމުންނަށް ހެޔޮއެދޭ ދިވެހި އެންމެހައި ރައްޔިތުންގެ ފަރާތުން ދަރިފުޅަށް ޔަޤީންކަން މިދެނީ ދަރިފުޅާއި ބައްޕައާއި އަދި ޢާއިލާގައި ދެން ތިއްބެވި ހުރިހާ ބޭފުޅުން ހަމަ ތިގޮތަށް ޖަހައިގެނެގެން ގެންގޮސް ކަތުރު ކޮށައި ކާޅަށް ދިން ނަމަވެސް މި ހިތްތަކުގައި ވިންދު ޖަހާނަމަ، ވިންދު ޖަހާހައި ހިނދަކު ޖަހާނީ ހަމަ އެއްވިންދެއް ކަމެވެ. އެކަން ދުވަހަކުވެސް ބަދަލެއް ނުކުރެވޭނެއެވެ.

ދަރިފުޅާއެވެ! އަހަރެމެންނާއި ދަރިފުޅާއި ދެމެދުގައި ކިތަންމެ ބޮޑެތި ހުރަސްތަކެއް ވެސް ލެވިދާނެއެވެ. ލޮލަށް ދައްކައި ނުލައި ވެސް ގެންގުޅެވިދާނެއެވެ. ނަމަވެސް ދަރިފުޅަށްޓަކައި ލޯތަކުން ފައިބަމުންދާ ކަރުނަ ފޭބުން، އަނިޔާވެރިކަމުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

- ސިޔާދު ބަންދުކުރިތާ 120 ދުވަސް ވުމުގެ ހިތާމައިގައި ސަޕޯޓަރުންގެ ފަރާތުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް