އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލައިލަތުލްޤަދްރް ވިލޭރޭގެ އެންމެ ޢާންމު އެއް ޢަލާމާތް ރެއަކު ނުފެނޭ!

ލައިލަތުލްޤަދްރް ވިލޭރޭގެ އެންމެ ޢާންމު އެއް ޢަލާމާތް ރެއަކު ނުފެނޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ލައިލަތުލްޤަދްރް ވިލޭރެއަކީ 27 ވިލޭރޭ ކަމަށް ބަލައި 27 ވިލޭރެއާއެކު ރަމަޟާން މަސް ނިންމައިލާ ބައަކުވެސް އުޅެއެވެ. މިހާރަކަށް އައިސް ގިނައީ އެފަދަ މީހުން ކަމަށް ބުނުމަކީ ވެސް ފާފައަކަށް ނުވާ ހިސާބަށް އެގޮތަށް އަމަލުކުރާ މީހުންގެ އަދަދު ގިނަވެއްޖެއެވެ.

ލައިލަތުލްޤަދްރް ވިލޭރޭގެ ޢަލާމާތްތައް ޢިލްމުވެރިން ގެންދަވަނީ ބަޔާންކޮށްދެއްވަމުންނެވެ. އެއިގެ ތެރެއިން އެންމެ ޢާންމު އެއް އަލާމާތަކީ ރަޙްމަތުގެ ވާރޭ ކޮޅެއް ވެހުމެވެ. ހިމަފޮދު ވާރޭ ކޮޅެއްގެ މިސާލުގައެވެ.

ރޭ އެފަދަ ވާރޭ ކޮޅެއް މާލެއަށް ނުވަތަ މިސަރަހައްދަށް ވެހުނުކަން އެނގޭކަށް ނެތެވެ. މީޓިއޮރޮލޮޖީއަށް ރެކޯޑް ކުރެވިފައެއް ނެތެވެ. ނަމަވެސް މީގެ މާނައަކީ ރެއާއިމެދު ޙުކުމެއް ނެރެން އެނގުމެއް ނޫނެވެ. މި ސަރަހައްދަށް ނުވެހި އެހެން ސަރަހައްދަކަށް ވެހި ވެސް ދާނެއެވެ. އަދި ބައެއް ޢަލާމާތްތަކަކީ ކޮންމެ އަހަރަކު ނުފެނިދާނެ ވެސް ޢަލާމާތްތަކެކެވެ.

މިކަންކަމުގެ މާނައަކީ މާތްﷲ މީސްތަކުންނަށް ސިއްރު ކުރައްވަވާފައިވާ ރެއެއް އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމެވެ. ކުރެވޭނީ އުންމީދުތަކާއި ލަފާކުރުންތައް ކަމެވެ. ހަޤީޤީ ކާމިޔާބު ޙާޞިލުކުރަން ބޭނުންނަމަ ޖެހޭނީ މާތްﷲ އެންގެވި ގޮތުގައި އަމަލުކުރާށެވެ.

ލައިލަތުލްޤަދްރް ވިލެރޭ ޙާޞިލްކުރަން ބޭނުންވާ މީހުންނަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާން ކުރައްވަވާފައިވަނީ ރަމަޟާން މަހުގެ ފަހު 10 ގެ އޮނަހިރި ރޭތަކުގައިި ގަދައަޅައި މަސައްކަތްކުރުމަށެވެ. އެކަން ކުރަން ބަލާއިރު ކަލަންޑަރުން ފެންނަ އޮނަހިރި ރޭތަކަކީ ޙަޤީޤީ އޮނަހިރި ރޭތަކެއްކަމުގެ ޔަޤީންކަމެއް ނެތެއް ނޫންތޯއެވެ؟

އަޅުގަނޑުމެން 27 ފާހަގަ މިކުރީ ރޭގައެވެ. އެހެން ޤައުމުތަކުގައި ފާހަގަކުރާނީ މިރެއެވެ. ވީމާ ހަމަ ކަލަންޑަރުގެ އޮނަހިރި ރޭތަކަށް ބަލައިގެން މަސައްކަތްކުރާނަމަ ދަތުރު ކާމިޔާބު ނުކުރެވުމަކީ ހަމަ ވަރަށް ގާތް ކަމެކެވެ.

މިއަހަރުގެ ކަލަންޑަރަށް ބަލައިފިނަމަ އަޅުގަނޑުމެންގެ 30 އަކީ އޮނަހިރި ރެއެއް ނޫން ކަމަށް ބަލައި ފަރުވާ ކުޑަކޮށްލުމެއްވެސް ނެތެވެ. އެހެނީ އެރެއަކީ ހަމަ 29 ވިލޭރެއަށް ވުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެގޮތަށް އެކަންތައް މެދުވެރިވެއްޖެނަމަ އެ ރޭ ވެގެންދާނީ މިއަހަރުގެ ރަމަޟާންމަހުގެ އެންމެ ފަހުގެ އޮނަހިރި ރެއަށެވެ.

އެހެންކަމުން ފަހު 10 ގެ ހުރިހާ ރޭތަކެއްގައިވެސް ގަދައަޅައި މަސައްކަތްކުރަންވީއެވެ. އޮނަހިރި ރެއެއް ކަމަށް އެމީހަކަށް ފާހަގަކުރެވޭ ރޭތަކުގައި އިތުރުކުރާނީއެވެ. ހަމަ ޔަޤީނުން ވެސް އެއިރުން ހުރިހާ ރޭތަކެއްގައި ވެސް އޮންނާނީ މަސައްކަތްކުރެވިފައެވެ.

ލައިލަތުލްޤަދްރް ވިލޭރޭ ޙާޞިލުކުރަން ހެޔޮ ނިޔަތުގައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ ހަމަ ކޮންމެ އަޅަކަށްވެސް މާތްﷲގެ ރަޙްމަތާއި ސަވާބު އޮއްސަވައިލައްވަވާނެ ކަމާއިމެދު ޝައްކުކުރުމެއް ނެތެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް