އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޮޓޯ ނަގައިގެން ލިބޭ ފައިސާގައި ނުޖެހި ބޭނުންވަނީ މީހުންނަށް އެހީވާން- ޔޫޝާއު

ފޮޓޯ ނަގައިގެން ލިބޭ ފައިސާގައި ނުޖެހި ބޭނުންވަނީ މީހުންނަށް އެހީވާން- ޔޫޝާއު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 48 ސިކުންތު

ފައިސާ އާއި ތަނަވަސްކަން ލިބުމަކީ ގިނަ މީހުންނަށް ހަމައެކަނި ދުނިޔެވީ ޙަޔާތާއިމެދު އެކަނި ވިސްނޭ ކަމެކެވެ.

ތިމާގެ އަމިއްލަ އެދުންތަކަށާއި އަމިއްލަ ތަނަވަސްކަމަށް އިސްކަން ނުދީ، އާޚިރަތަށް ވިސްނާ އެހެން މީހުންނާއިމެދު ވިސްނާ އުޅެނީ މަދު ބައެކެވެ. އަދި ތިމާއަށް ލިބޭ ފައިސާ އެހެން މީހުންނަށް ޞަދަގާތް ކުރުމުގެ ވިސްނުން ވެސް ގެންގުޅެނީ މަދު ބައެކެވެ.



ތަނަވަސްކަމާއި ދުނިޔެވީ ޙަޔާތް އިސްކޮށް ނުނަގާ، އެހެން މީހުންނަށް (ޚާއްސަކޮށް ސިއްޙީ ބަލިކަށިކަމެއް ޖެހިފައިވާ މީހުންނަށް) އެހީތެރިވުމުގައި ލާމަސީލު މިސާލެއް ދައްކާ އެކަކީ ކ. ގުޅި/ވައިޖެހޭގެ ޔޫޝާއު އިބްރާހިމް (23އ.) އެވެ.



ފޮޓޯނެގުމުގެ ކުޅަދާނަ ހުނަރު ލިބިފައިވާ ޔޫޝާއު ބުނަނީ، އެދާއިރާއިން މަސައްކަތް ކޮށްގެން އޭނާއަށް ލިބޭ ފައިސާގައި ނުޖެހި، އޭނާ ބޭނުން ވަނީ އެފައިސާއިން ބަޔަކަށް އެހީވާން ކަމަށެވެ. އަދި ދުނިޔެވީ ޙަޔާތަކީ އޭނާއަށް މުހިންމު ޙަޔާތެއް ނޫން ކަމުގައި ވެސް ޔޫޝާއު ބުންޏެވެ.

ދީލަތި ހިތެއް ލިބިފައިވާ ޔޫޝާއު ގެ ޙަޔާތުގެ މައްޗަށް ކުޑަކޮށް އަލިއަޅުވާލަމުން "މިއަދުނޫހަށް" ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައިވަނީ އޭނާ އަކީ ނިކަމެތި ހާލެއްގައި ދިރިއުޅުނު މީހެއް ކަމަށެވެ.



މަހަށް ގޮސް އުޅުމުގެ ތެރެއިން، އޭނާ ވަރަށް ކުޑައިރު، ޔޫޝާއުގެ ބައްޕަގެ ފަޔަށް ލިބުނު ގެއްލުމެއްގެ ސަބަބުން ހިނގާބިނގާވެ އުޅުމުން ބައްޕަ މަޙްރޫމްވި ކަމަށް ޔޫޝާއު ބުންޏެވެ. އެހެންކަމުން، އާއިލާއަށް ޚަރަދުކޮށް އާއިލާ ބެލުމުގެ ޒިންމާ އެހިސާބުން ފެށިގެން ޔޫޝާއުގެ އަމިއްލަ ކޮނޑުގައި ހިތްވަރާއެކު އެޅިއެވެ.

"އެއިރު އުމުރުން އެންމެ 14 އަހަރު ވާނީ. ވަޒީފާއެއް ހޯދަން ބޯޓްޔާޑަށް ގޮސް ކޮންމެވެސް ވަޒީފާއެއް ދިނުމަށް އެދުނިން. އެކަމަކު އެމީހުން ބުނީ ތިއުމުރުގެ ކުއްޖަކަށް ކުރެވޭނެ މަސައްކަތެއް އެތަނުގައި ހުރިހެން ހިއެއް ނުވެއޭ. އެހެންވެ ދެން ފަހުން ތިމާގެ މީހެއްގެ ކަންނެލި ދޯންޏަކުން ކަންނެއްޔަށް ދިޔުމުގެ ޖާގަ ލިބުނީ. އުމުރުން 16 އަހަރު ވަންދެން ކަންނެއްޔަށް ދިޔައިން" މަސައްކަތުގެ ދާއިރާއަށް ނިކުމެވުނު ގޮތް ކިޔާދެމުން ޔޫޝާއު ބުންޏެވެ.



ބުރަ އެހެންނަމަވެސް ހީވާގި ދިރިއުޅުމެއްގައި އުޅެމުން ދިޔަ ޔޫޝާއު މިހާރު މަސައްކަތް ކުރަމުން ދަނީ ރިސޯޓު ދާއިރާގައެވެ. ރިސޯޓެއްގެ ހައުސްކީޕިންގ ދާއިރާގައި އޭނާ މަސައްކަތް ކުރާތާ މިހާރު ހަތަރު އަހަރު ވެއްޖެއެވެ. މާތް ﷲ ގެ އިރާދަފުޅާއެކު ރަނގަޅު އާމްދަނީއެއް ލިބުމުގެ އިތުރުން، އޭނާއަށް ލިބުނު އަނެއް ހުނަރަކީ މީހުން އަޖައިބު ކުރުވަނިވި ގޮތްގޮތަށް ފޮޓޯ ނެގުމުގެ ހުނަރެވެ.



"ފޮޓޯ ނެގުމަކީ ހޮބީއެއް. ހިލޭ ފޮޓޯ ނަގާދެނީ. ފޮޓޯ ނަގައިގެން އެއްވެސް އިރަކު ބޭނުމެއް ނޫން އަމިއްލައަށް އާމްދަނީއެއް ހޯދާކަށް. އެހެންނަމަވެސް ރައްޓެހިންތަކެއް ބުނި ފުޅާދާއިރާއެއްގައި އެކަން ކުރަންވީ ނޫންހޭ އަގެއް ނަގާގޮތަށް ޕޭޖެއް ހުޅުވައިގެން. ޔޫޝާއު ނަގާ ފޮޓޯތައް ވަރަށް ރީއްޗޭ. އެކަމަކު ފޮޓޯ ނަގައިގެން އެއްވެއް ފައިސާއެއް ހޯދަން ބޭނުން ނުވާތީ އަމިއްލައަށް ޗެލެންޖެއް ކުރީ. އެއީ ފޮޓޯ ނަގައިގެން ލިބޭ ފައިސާއިން އަބަދުވެސް ކޮންމެވެސް ބަލިކުއްޖަކަށް އެހީތެރިވުމަށް" ޔޫޝާއު ކިޔާދިނެވެ.

އެގޮތުން ޔޫޝާއު އެންމެ ފުރަތަމަ އެހީތެރިވެފައިވަނީ ފައްޔާހު ނަމަކަށް ކިޔާ ކުޑަ ކުއްޖަކަށެވެ. އެއަށްފަހު ހުބެއިދާ ނަމަކަށް ކިޔާ ކުއްޖަކަށް ވެސް އެހީތެރިވިއެވެ. ޔޫޝާއު ގެ ފޮޓޯތައް ދައްކާލުމުގެ ގޮތުންނާއި އޭނާއާއި މުއާމަލާތު ކުރުމުގެ ގޮތުގައި ފޭސްބުކް ގައި އޭނާ ހުޅުވާލާފައިވާ ޕޭޖަށް ކިޔަނީ(U-shau’sGraphy) އެވެ.

"ދުނިޔެވީ އުފާ އަޅުގަނޑު ބޭނުމެއް ނޫން. ދުނިޔެވީ ޙަޔާތް އަޅުގަނޑަށްވަނީ ކެހިވެރިވެފަ" ބަސްދީގަތުން ނިންމާލަމުން ޔޫޝައު ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ