ﷲ ބާވައިލެއްވެވި އެއްވެސް ޙައްދަކަށް އިންކާރުކުރުމަކީ ކުރެވޭނެ އެންމެ ބޮޑު ފާފަ!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 47 ސިކުންތު

ކީރިތި ޤްރްއާނުގެ ކޮންމެ އާޔަތެއް ބަލައިގަންނަން ޖެހޭނީ އެއީ އެކަން ހަމަ އޮންނަން ޖެހޭނެ ގޮތް ކަމަށް ހިތުގެ އަޑިން ޤަބޫލުކުރުމާއިއެކުގައެވެ. ފަހަރެއްގައި ބައެއް އާޔަތްތަކުން ސިހުން ލިބިދާނެއެވެ. އެއީ އަހަރެމެންނަށް ކަންކަން އެނގޭ މިންވަރު ކުޑަވުމުންނެވެ.

އެއްވެސް ޙާލެއްގައި އެއީ އެ އާޔަތުގެ މައްސަލައަކުން ނޫނެވެ. ކީރިތި ޤްރްއާނުގެ އެއްވެސް އާޔަތެއްގައި އެއްވެސް މައްސަލައެއް ނުއޮންނާނެއެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ލަފުޒެއް، އެންމެ އަކުރެއްގައިވެސް އެއްވެސް މައްސަލައެއް ނުއޮންނާނެއެވެ. މުސްލިމަކަށް ވެވޭނީ މިކަންކަން ހިތުގެ އެންމެ އަޑިން އިޚްލާޞްތެރިކަމާއިއެކު ޤަބޫލުކޮށްގެންނެވެ.

ކީރިތި ޤްރްއާނުގެ މާނަ އާއި މަޤްޞަދު އެނގުމުން ކާފަރުންގެ ތާއީދުވެސް ދަނީ އިތުރުވަމުންނެވެ. މައްސަލައަކަށް ވެގެން މިއުޅެނީ މުސްލިމުން އެކަންކަމަށް ސަމާލުކަން ނުދޭ ކަމެވެ. ކީރިތި ޤްރްއާން އުނގެނެން މަސައްކަތްނުކުރާ ކަމެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތް ނުކޮށް ތިބެގެން އަމިއްލައަށް ގޮތްތައް ނިންމާ ކަމެވެ.

ކީރިތި ޤްރްއާން ފެށެނީ އަލްޙަމްދު ނުވަތަ ސޫރަތުލްފާތިޙާ އިންނެވެ. އެ ސޫރަތްވެސް ފަށަނީ ބިސްމިންނެވެ. އެ އާޔަތުގެ މާނައަކީ ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމްފުޅުން ފަށަމެވެ.

ވިސްނާށެވެ. ފުރަތަމަވެސް މާތް ﷲ ބަޔާންކުރައްވަވާފައިއެވަނީ އެކަލާނގެއީ އެންމެ ދީލަތިވަންތަ އަދި އޯގާތެރިވަންތަ ފަރާތް ކަމަށެވެ.
ވިދިގެން މާތް ﷲ އަންގަވަނީ ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށް ކަމެވެ. ދެން އޮތް އާޔަތުގައި އަންގަވަނީ އެކަލާނގެއީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ރަސްކަލާނގެ ކަމެވެ.

މާތް ﷲ ބޭނުންފުޅުވެވޮޑިގަންނަވާނަމަ ތިމަން ﷲ އީ އެންމެ ބާރުގަދަ ރަސްކަލާނގެ ކަމަށްވެސް ބަޔާން ކުރެއްވެވުނީހެވެ. ނަމަވެސް އިސްކަން ދެއްވަވާފައި އެވަނީ އެކަލާނގެއީ އެންމެ ދީލަތިވަންތަ އަދި އެންމެ ރަޙްމް ކުރައްވަވާ ފަރާތްކަން ބަޔާންކޮށް ދެއްވެވުމަށެވެ.

ހަމައެކަނި މި މިންވަރަށް ބަލައި ވިސްނި ނަމަވެސް އެއްވެސް ކަމެއްގައި މާތް ﷲ އަނިޔާވެރިވެވޮޑިނުގަންނާނެކަން މިވަނީ އެނގިފައެވެ. ވީއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ޙުކުމެއްގެ ސަބަބުން ﷲ ބާވަވައިލައްވަވާފައިވާ އެއްވެސް ޙައްދަކީ އަނިޔާވެރި އަދަބެއްކަމަށް ބެލޭނީ ކިހިނަކުން ހެއްޔެވެ؟

އެންމެ ގިނަ ބައަކު ދައްކާ އެއްވާހަކައަކީ ޒިނޭގެ ހައްދުގެ ވާހަކައެވެ. 100 އެތިފަހަރުން ތައުޒީރުކުރާ ވާހަކައެވެ. އެފަދަ ވާހަކަތައް ދައްކާ މީހުންނަށް ކަމުގެ ހަޤީޤަތް ނުއެނގެނީއެވެ. ޚުދު އެމީހުންގެ ޤައުމުގައި ކަންކަން ކުރާ ގޮތް ވެސް ނުއެނގެނީއެވެ.

ޒިނޭގެ ކުށް ސާބިތުވާނީ 4 މީހުން ހެކި ދިނުމެވެ. އިސްލާމް ދީނުގެ ހަމަތަކުން ކުރާ ޝަރީޢަތެއްގައި 4 މީހުން ހެކިދޭންޖެހޭ ގޮތަށް ހެކި ދިނުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އެގޮތަށް ހެކި ބަސް ދެވޭވަރަށް ބައަކަށް ފެންނާނީ ޢާންމުތަނެއްގައި އެކަންކޮށްފިނަމައެވެ.

ޢާންމު ތަންތަނުގައި އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ކަންކަން ކުރުން ހުއްދަކުރަނީ ވަރަށް މަދު ޤައުމެއްގައެވެ. އެހެން ހުރިހާ ޤައުމުތަކެއްގައިވެސް ޢާންމުތަންތަނުގައި އެފަދަ އަމަލެއް ކޮށްފިނަމަ ތަފާތު އަދަބުތައް ދެއެވެ. ވީއިރު އެފަދަ އަމަލުތައް ކުރުމުން އަދަބު ދެނީ ހަމައެކަނި އިސްލާމީ ޝަރީއަތުގައި ކަމަށް ބުނެވޭނީ ކިހިނަކުންހެއްޔެވެ؟

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މަދީނާއަށް ހިޖުރަކުރެއްވެވިއިރު ޒިނޭކުރުމަކީ މަދީނާގައި ވަރަށް ޢާންމު ކަމެކެވެ. މާތް ﷲ ޙައްދު ބާވައިލެއްވެވީ އެކަމުގައި ހުރި ނުބައިކަން ބޮޑުކަމުންނެވެ.

ޒިނޭ ކުރުމަކީ ކުރަން ރަނގަޅުކަމެއް ކަމަށް ބުނެވޭނެ ބުއްދީގެ އެއްވެސް ހަމައެއް އެއްވެސް މީހަކަށް ދެއްކިފައެއް ނެތެވެ. ނަމަވެސް ފާހިޝް އަމަލުތައް މިއަދު މިވަނީ މުޅި ދުނިޔެއަށް ޢާންމު ކޮށްފައެވެ. އެންމެ ފައިދާހުރި ވިޔަފާރިއަށް ވަނީ ހަދައިފައެވެ. އެތައް ބިލއަން ޑޮލަރެއްގެ އަގުހުރި ވިޔަފާރިއަށް ވަނީ ހަދައިފައެވެ.

އެކަމުގެ ސަބަބުން ފެތުރި ޢާންމުވަމުން އަންނަ އިޖުތިމާޢީ މައްސަލަތަކުގެ ސަބަބުން މުޖުތަމައުތައް މިދަނީ ފަނާވަމުންކަން އެންމެންނަށް ވެސް އެނގެއެވެ. ފާހިޝް އަމަލުތައް ޢާންމުވެ ޢާއިލީ ގުޅުންތައް ދަނީ ކެނޑެމުންނެވެ. ދެމަފިރިންގެ ގުޅުން ކެނޑެމުންނެވެ. ކުޑަކުދިން ދަނީ އެކަމުގެ ތެރެއަށް ވަންނަމުންނެވެ. މިފަދަ ކަންކަމަށް ބެލި ނަމަވެސް ޒިނޭކުރުން ހުއްޓުވަންޖެހޭކަން ވަރަށް ފުރިހަމައަށް ހާމަވެއެވެ.

ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ އަދަބެއް ނުވަތަ ހައްދެއްގެ ވާހަކަ، އެއީ އަނިޔާއެއްގެ ގޮތުގައި މީހަކު ބަޔާންކުރުމުން އެކަން އެއްވެސް ވަރަކަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެހެނީ އަނިޔާވެރިކަން މާތް ﷲ ވަނީ އެކަލާނގެ ޒާތުފުޅަށް ޙަރާމް ކުރައްވަވައިފައެވެ.

މީހުން ދައްކާ އެފަދަ ވާހަކަތައް އަޑުއަހައި ތާއީދުކުރުމަކީ ކުރެވޭނެ އެންމެ ބޮޑު އެއް ކުށެވެ. އެހެނީ އެ މޭރުމުން އަމަލުކޮށްފިނަމަ އެކަން ހިމެނިގެންދާނީ ﷲ ތަޢާލާގެ ނިންމެވުންތަކަށް ގޮންޖެހުމަށް ކަމަށްވާތީއެވެ. އެއީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ.

ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމެއް އޮޅުން ނުފިލާނަމަ އިސްލާމީ ފޮތްތައް ކިޔާށެވެ. ކީރިތި ޤްރްއާނުގެ ތަފްސީރު ކިޔާށެވެ. ޢިލްމުވެރިންނާއި ސުވާލުކުރާށެވެ.

އިންސާނުންނާއި ދުނިޔެ އަދި ދުނިޔޭގައި ވާހައި ތަކެއްޗެއް އުފެއްދެވީ ﷲ އެވެ. މާޒީގައި ވެފައިވާ ކަންތައްތަކާއި މުސްތަޤްބަލުގައި ވާނެ ކަންތައްތަކާއި އަދި އިންސާނުންގެ ހިތަށް އަރައި ފައިބާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ﷲ ތަޤްދީރު ކުރައްވަވާފައި ނުވާ ކަމެއް ކުރުމުގެ ބާރު ލިބިގެންވާ އެއްވެސް ފަރާތެއް ނެތެވެ. ވީއިރު ﷲ ތަޢާލާ ނިންމަވައި ބަޔާންކުރައްވަވާފައިވާ ކަންކަން ދޮގުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ކަން އޮތީ މިފަދައިން ނަމަވެސް ﷲ ގެ އާޔަތްތަކުގައި މައްސަލަ ހުރިކަން މީސްތަކުންނަށް ވިސްނައިދޭން މުސްލިމުންގެ އަދާވާތްތެރިން ދަނީ ބޮޑެތި މަސައްކަތްތައް ކުރަމުންނެވެ. އެއީ ޝައިޠާނާ އޭނާގެ އެޖެންޓުން ލައްވައި ކުރުވާ މަސައްކަތްތަކެވެ. ޝައިޠާނާގެ އެމަޅީގައި ނުޖެހިވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! އާޚިރަތް ދުވަހުން ސަލާމަތް ކަމެއް ލިބޭނީ އެއިރުންނެވެ.

- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން -

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް