އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 ފަހަރުމަތިން ވަރިކުރަން އުޅުމުން ވެސް "ﷲ އަކްބަރު" އެކަން ހުއްޓުވިގޮތުގެ ވާހަކަ

3 ފަހަރުމަތިން ވަރިކުރަން އުޅުމުން ވެސް "ﷲ އަކްބަރު" އެކަން ހުއްޓުވިގޮތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

މިފަހަރު މިޞުރާއި ޔަމަނު ނުވަތަ މޮރޮއްކޯގައި ހިނގައިގެން އުޅޭ ކަމެއް ނޫނެވެ. ހަމަ މި ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ހިނގައިގެން އުޅޭ ކަމެކެވެ.

ފާތުން އާއި ނަސީމް އާއި ދެމީހުން ކައިވެނިކުރީ ވަރަށް ލޯބިން އުޅެމުންނެވެ. ރައްޓެހިން ސިފަކުރާ ގޮތުގައި އެދެމަފިރިން ކައިވެނިކުރީ ލޯބިން ހައްދުފަހަނައަޅާފައި ތިބެގެންނެވެ. ހަމަ އެކަނި ނަމަކަށް 2 ގެއެއްގައި ދިރިއުޅޭތާ ވެސް އަހަރެއްހައި ދުވަސް ފަހުންނެވެ.

ކައިވެނިކޮށް، ހަނީ މޫން ނިމި ހަމަޖެހިލެވުމާއިއެކު ފިރިމީހާއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. "ޕިންކްކަން" ގަދަކޮށް އޮތް ގުޅުމުގެ ކުލަ މަޑުމަޑުން ބަދަލުވާން ފެށިއެވެ. ކުލަ ބަދަލުވަމުން ގޮސް އޮރެންޖަށް ބަދަލުވެ. އޮރެންޖްގައި ރަތްކަން ގަދަވެ އެންމެފަހުން އަލިފާން ހިފީއެވެ.

ފިރިމީހާއަށް މި ބަދަލުތައް އަންނަން ފެށުމުން އަނބިމީހާ ދިއައީ އެކަމަށް ވިސްނަމުންނެވެ. އަނބިމީހާ ދިއައީ ހެޔޮ އަމަލުތައް ކުރުން ވީހައި ގިނަކުރަމުންނެވެ. ފިރިމީހާއަށްޓަކައި ކުރަންޖެހޭ ކަންކަން ވެސް އިތުރަށް ފުރިހަމަކުރަމުންނެވެ. އަދި ﷲ އަންގަވާފައިވާ އަޅުކަންތައްތައް ކުރުންވެސް އިތުރުކުރަމުންނެވެ.

އެހެންކަމާއިއެކުވެސް އެއިރުވެސް ދިއައީ އެކިވަރުގެ ހަމަލާތައް އަންނަމުންނެވެ. ބައެއް ހަމަލާތައް ގައަށްވެސް އަމާޒުވަމުންނެވެ. ގެއަށް ވަދެފައި ނުކުންނަ ނަމަ ބަހުގެ ހަމަލާއެއް ނަމަވެސް ނުދީ ނުކުމެވޭ ކަމަކަށް ނުވެއެވެ.

އެއިރު ފާތުން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ބަނޑަށް 5 މަހެވެ. ނިދަން މަސައްކަތްކޮށްކޮށްވެސް ނިދި އަންނަ ގޮތެއް ނުވުމުން ފާތުން ވަރަށް ދެރަވިއެވެ. ބޮޑަށް ދެރަވީ ވަރުބަލިވެފައި ހުރިވަރުންނެވެ.

އެދުވަހު ކަންތައްތައް ހިނގައިދިއަ ގޮތާއިމެދު ވިސްނަން އެތައް އިރަކު އޮތުމަށްފަހު މެންދަމުން އަލިވެ 2 ޖެހުމުން ތެދުވެ ވުޟޫކޮށްލައިގެން ދަމުނަމާދުގެ 4 ރަކްއަތް ކޮށް ނިމުނު އިރުވެސް ނަސީމް ގެއަކަށް ނާދެއެވެ.

ދުޢާކޮށްލުމަށްފަހު ޝުކުރުކޮށްލައިގެން ނިދޭތޯ މަސައްކަތްކުރަމުން ދަނިކޮށް ނިދިއްޖެއެވެ. ނިދީގައި ފެނުނީ ވަރަށް އާދައާއި ޚިލާފް ހުވަފެނެކެވެ. ހުވަފެނުގައި ކޮންމެވެސް މީހަކު ބުނަނީ ނަސީމް ކިތަންމެ ރުޅިގަދަވެފައި ހުރެ ކުރިމަތިލި ނަމަވެސް ﷲ އަކްބަރު ނޫން އެއްވެސް ބަހެއް ނުބުނުމަށެވެ. ރުޅި މަޑުވެ ހަމަޖެހެންދެން އެގޮތުގައި ހުރުމަށެވެ.

ޖެހިގެން އައި ދުވަހު މެންދުރުފަހު ނަސީމް ގެއަށް އައީ ވަރަށް ރުޅިގަދަވެފައި ހުރެގެންނެވެ. ގެއަށް އައުމަށްފަހު ކޮންމެވެސް ގޮތަކުން ފާތުންގެ ކުށެއް ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް ފާތުން އެކަމަށް ސަމާލުވެހުރި މިންވަރު ބޮޑުކަމުން ނަސީމް ބޭނުންވާ ގޮތަށް އެކަން ކުރެވޭނެ ގޮތެއް ނުވިއެވެ.

އެންމެފަހުން ވަރަށް ރުޅިގަދަވެފައި ފެށީ ކާތަކެތީގެ ރަހަ ކިޔާށެވެ. އެވަގުތު ފާތުންގެ ހަނދާނަށް އައީ ރޭގެ ހުވަފެނެވެ. ނަސިމް އެއްޗެއް ބުނާއިރަށް ފާތުން ދިއައީ ފަހަތުން ﷲ އަކްބަރު ކިޔަމުންނެވެ.

އެގޮތުގައި ދުވަސްތައް މާޒީވަމުން ގޮސް ފާތުން ވިހާ ދުވަސް ގާތްވަނީ އެވެ. ފާތުން ދިއައީ ހޮސްޕިޓަލަށްދާން ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެކަމުގައި އުޅެފައި އެނދުގައި އޮށޯވެލިތަނާ ކުއްލިއަކަށް ނަސީމް ބޭރުން އައިސް ވަދެ ގާތުގައި އޮށޯވެ ވަރަށް ލޯބިން ފާތުންއަށް ގޮވާލިއެވެ.

ފާތުންއަށް ލިބުނު ސިހުމާއިއެކު ވެސް ބުނެވުނީ ﷲ އަކްބަރުއެވެ.

"ފާތުން ތިއަ ކިޔާ ﷲ އަކްބަރު ހާދަ ކަމެއް ބަދަލުކޮށްފިއޭ. ފާތުންއަށް އެނގޭތަ 3 ފަހަރު މަތިން އުޅެފީމޭ ފާތުން ފޮނުވާލަންވެސް. ވިހާގަދަވީމާ ވަރިކުރާ ގޮތަށް. އެކަމަކު ކޮންމެ ފަހަރަކު ﷲ އަކްބަރު ކިޔަން ފެށީމާ ބުނަން ބޭނުންވެގެން ހުންނަ ވާހަކަތައ ނުބުނެވެނީއޭ. އައިސްފައި ހުންނަ ރުޅި ބަދަލުވެގެންދަނީ. ފާޑެއްގެ ފިނި ކަމެއް އިހްސާސްކުރެވެނީއޭ." ވަރަށް ލޯބިން ނަސީމް ކިޔައިދިނެވެ.

"ދެން އެހެންވީމާ ތިހާ ލޯބިން މިރޭ ތިއަ ގޮވަނީ އަހަރެން ގެއަށް ފޮނުވާލަންވެގެންތަ؟" ފާތުން ސުވާލުކުރިއެވެ. ޖަވާބުގައި ނަސީމް ބުނީ "ﷲ އަކްބަރު" އޭނާ އިޞްލާޙްކޮށްފި ކަމަށެވެ. ދެން އަބަދުވެސް އުޅޭނީ ވަރަށް ލޯބިން ކަމަށެވެ. އެންމެ ކުރިން އުޅުނު ގޮތަށް ކަމަށެވެ.

ނަސީމްގެ ވާހަކަތައް އަޑުއެހުމަށްފަހުގައިވެސް ފާތުން އަށް އަޑުގައި ނެތް ބާރުމިނުގައި ހަމަ ގޮވާލެވުނީ ﷲ އަކްބަރު އެވެ. ﷲ އަކްބަރުގެ މަތިވެރިކަމުގެ ބޮޑުކަމާއިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް