އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރުސް: މިދަނީ ކޮފީއަށް ކަމަށް ބުނެ ހުރިހާ ރައްޓެހިންނަށް އަންގައިގެން ކޮފީއަށް ގެންދާހެން ނަމާދަށް ނުގެންދަނީ ކީއްވެ؟

ދަރުސް: މިދަނީ ކޮފީއަށް ކަމަށް ބުނެ ހުރިހާ ރައްޓެހިންނަށް އަންގައިގެން ކޮފީއަށް ގެންދާހެން ނަމާދަށް ނުގެންދަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ބައެއް މީހުން ސޯޝަލް މީޑިއާ އާއި ހެދި މޮޔަވެފަ ހުންނަވަރުން އަޅާ ކޮންމެ ފިޔަވަޅެއް ދުނިޔެއަށް އެބައަންގައެވެ. ކުރާހައި ކަމަކާއި އުޅޭހައި ތަނެއް އެބަ ދުނިޔެއަށް އަންގައެވެ. އަޅެފަހެ ތިބާއަކީ މޮޔައަކީ ހެއްޔެވެ؟ ހަމައެއާއިއެކު ވަގުތު ހޭދަކޮށްގެން އެތައް ހާސް ބައަކު އުޅޭ ނޫޅޭ ގޮތާއި ކުރާހައިި ކަންކަން އެބަ ބަލައެވެ. ކޮށްލަން އޮތް ސުވާލަކީ ހަމަ ތިބާއަކީ މޮޔައަކީ ހެއްޔެވެ؟

ބިޒީކަމުން ކާން ގެއަށް ދާނެ ވަގުތެއް ނެތެވެ. ރައްޓެހިންތަކަކާއިއެކު ކާން އިނދެފައި ސެލްފީ ނަގައި އެބަ ޕޯސްޓްކުރެއެވެ. ނިކަން ވިސްނައިލަބަލާށެވެ. އެ ފޮޓޯ ތިބާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަކަށް ނުފެންނާނެ ހެއްޔެވެ؟ އެއްވެސް އަސަރެއް ނުކުރަން އެމީހުންގެ އޮންނަނީ ދަގަނޑު ހިތެއް ކަމަށް ހީކުރަނީ ހެއްޔެވެ؟

އެފަދަ ހުރިހާ ކަންކަން ކުރުމަށްފަހު ގެއަށް ދިއުމުން އަނބިމީހާ ރުޅިގަދަވީމާ ޝަކުވާކުރަނީކަމަށްބުނެ ރުޅިއަންނަންވީ އަނބިމީހާ ދެކެ ހެއްޔެވެ؟

އެންމެ ރަނގަޅެވެ. ކުރާ މިބާވަތުގެ ހުރިހާ ކަމެއް ދުނިޔެއަށް އިޝްތިހާރުކުރަމުން ގެންދާއިރު ފަތިހު ތެދުވެފައި އެކަން އިޝްތިހާރު ނުކުރަނީ ކީއްވެގެންހެއްޔެވެ؟ ފަތިސް ނަމާދު ނިންމައި ސަލާންދީފައި ސެލްފީއެއް ނުނަގަނީ ކީއްވެގެންހެއްޔެވެ؟ އަހަރެން ފަތިސް ނަމާދުކޮށްފީމޭ ބުނުމަކީ ނުކޮށް ތިބި މީހުންނަށް ދެވޭ މެސެޖަކަށް ނުހަދަނީ ކީއްވެގެންހެއްޔެވެ؟

އެއީ ކުރާ އަޅުކަން އިޝްތިހާރު ނުކުރުމަށް ބުނެވިދާނެއެވެ. ނަމަވެސް ގާތީ ހަޤީޤަތަކީ އެއީ ނޫންކަމަށްވުމެވެ. އެބާވަތުގެ ކަންކަން ކުރާ ގިނަ މީހުންނަކީ އަޅުކަމާއި އެހައި ގާތް ބައަކަށް ނުވުމެވެ.

އަޅުކަން ކުރުމަކީ އިޝްތިހާރުކުރަންޖެހޭނެ ކަމެއް ނޫނެވެ. ނަމަވެސް ބަންގިގޮވީމާ މިސްކިތަށް ދަމުން އިޚްލާޞްތެރިކަމާއިއެކު މިދަނީ ނަމާދަށް ކަމަށް ބުނެ ހުރިހާ ރައްޓެހިންނަށް އަންގައިލުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެކަން ކުރީ އެހެން މީހުންނަށް ވެސް ނަމާދަށް ދިއުމަށް ހިތްވަރު ދިނުމަށް ކަމަށްވާނަމަ އެކަމުން ލިބޭނީ ސަވާބެވެ.

މިދަނީ ކޮފީއަށް ކަމަށް ބުނީމާ އެންމެން "ޖޮއިން"ކުރަން ކޮފީއަށްދާ އުޞޫލުން މިދަނީ ނަމާދަށް ކަމަށްބުނެ ނުވަތަ ނަމާދު ވަގުތު ކައިރިވެއްޖެ ކަމަށްބުނެ ހުރިހާ ރައްޓެހިން މިސްކިތުގައި ބައްދަލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ހޭދަކުރަން ލިބޭ އެންމެ މިނިޓަކީވެސް މާތް ﷲ ދެއްވަވާ ނިއުމަތެކެވެ. އެ ނިއުމަތުގެ ބޭނުން ހިފިގޮތާއިމެދު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ނުވެ ހަމަހިލާ ސަލާމަތެއް ނުވެވޭނެއެވެ.

ސޯޝަލް މީޑިއާގައި ތިއަ ހޭދަކުރާ ބޭކާރު ވަގުތުތަކުން ތިބާއަށް ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަނބިދަރިންނަށާއި ޢާއިލާއަށް ކުރަނީ ކޮންފައިދާއެއް ހެއްޔެވެ؟ ފައިދާއެއް ނުކުރާނަމަ އެ ކުރެވެނީ ކަނޑައެޅިގެން ބޮޑު ކުށެކެވެ. އެ ބޮޑު ކުށް ކުރުވަނީ ހަމަ ޝައިޠާނާއެވެ.

ނިންމާލަމުން ބުނާނީ ތިމާއަށް މާތް ﷲ ދެއްވަވާ ނިއުމަތްތަކާއި ޢާއިލީ ގުޅުންތަކާއި ކުރާހައި ކަންކަން ސޯޝަލް މީޑިއާގައި އިޝްތިހާރުކުރަން ހަމަ ހެޔޮ ނުވާނެއެވެ. ތިމާގެ ރައްޓެހިންގެ ތެރޭގައިވެސް އެކަމަށް ހަސަދަވެރިވާނެ މީހުން ތިބޭނެއެވެ. އަދި ތިބާއަކީ ކާކުކަން ނުއެނގޭ މީހުންވެސް ފޮޓޯތަކާއި ވީޑިއޯތައް ބަލައި ހަސަދަވެރިވާނެއެވެ. އެސްފީނާއަކީ ހާދަހާ ނުރައްކާތެރި ކަމެކެވެ. ބިރުވެތިވާށެވެ.

އަހަރެންގެ ނަޒަރުގައި ކުރާހައި ކަމެއް ސޯޝަލް މީޑިއާގައި ހާމަކުރާމީހުންނަކީ ފޭރާން ލައިގެން ތިބި ނަމަވެސް ފޭރާމެއް ނެތް ބައެކެވެ. އެމީހުންގެ ހަލާކު އެމީހުން އަމިއްލައަށް ހަދަމުން ގެންދާ ބައެކެވެ. އެސްފީނާއަށް ދައުވަތުދޭ ބައެކެވެ. ވީމާ ރަނގަޅަށް ވިސްނައި ހޭލުންތެރިވުމަށް ވަސިއްޔަތްކުރަމުން ނިންމައިލަމެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް