އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގަދަބަސް ބުނަން ފަށަން އަދި މާއަވަސް!

ގަދަބަސް ބުނަން ފަށަން އަދި މާއަވަސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބެލިނަމަވެސް ދިވެހި ރައްޔިތުން ވެރިކަން ހަވާލުކުރީ އެއް ޕާޓީއަކާއެއް ނޫނެވެ. ގުޅިފައިވާ ޕާޓީތަކަކާއިއެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު ކޮންމެ ފަހަރަކުވެސް ވަނީ ކޯލިޝަން ރޫޅާލައި އެކަނި ވެރިކަން ކުރެވޭނެ ކަމަށް ނިންމައިފައެވެ.

ކޯލިޝަން ރޫޅައިލުމުން ކޮންމެ ފަހަރަކުވެސް ވަނީ ޤައުމުގައި ބޮޑެތި ހަމަނުޖެހުންތައް އުފެދިފައެވެ. ވެރިކަން ކުރުމަށް ތަފާތު ހުރަސްތައް ކުރިމަތިވެފައެވެ. ޤައުމުގެ ޞުލްހަމަޞްލަހަތާއި އަމާންކަން ވެސް ގެއްލިފައެވެ.

2008 ވަނަ އަހަރު އެމްޑީޕީ މައި ޕާޓީއެއްގެ ގޮތުގައި އޮވެ ވެރިކަމަށް އައުމަށްފަހު ކޯލިޝަނުގެ އެންމެ ބޮޑު ބައިވެރިޔާ، ޖުމްހޫރީ ޕާޓީ އެކަހެރިކޮށްލީ ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ނަތީޖާއަކަށް ވެގެންދިއައީ 5 އަހަރު ދުވަހަށް އިންތިޚާބުކުރި ވެރިކަމުގެ ދައުރުގެ މެދުތެރެއިން ވެރިކަން ނިމުމަކަށް އައުމެވެ.

ވެރިކަން ނިމުނު ސަބަބު އެބައަކަށް ނުވަތަ އެމީހަކަށް ފެންނަ ގޮތަކަށް މާނަކުރެވިދާނެއެވެ. އެއީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެކެވެ. އެކަމަށް އެމީހަކު ދޭން ބޭނުންވާ ކޮންމެ ނަމެއްވެސް ދެވިދާނެއެވެ. މުހިންމީ ދޭ ނަމެއް ނޫނެވެ. ކަން ނިމުނު ގޮތެވެ. ވެރިކަމެއް ވެއްޓޭނީ ވެރިކަމުގައި ތިބި ބައަކަށް އެކަން ނުކުރެވުމުންނެވެ. މިއީ ދެކޮޅު ހެދޭނެ ކަމެއް ނޫނެވެ. އެކަން ޖެހޭނީ ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރާށެވެ.

މިއަދާއި ހަމައަށް އައިއިރު ޤައުމުގެ ޙާލަތު މިވަނީ މުޅިން ބަދަލުވެފައެވެ. މިއަދުގެ ސަރުކާރުން ވެރިކަން ކުރަނީވެސް މުޅިން ތަފާތު ގޮތަކަށެވެ. ކޮންމެ ގޮތަކަށް ވެރިކަން ކުރި ނަމަވެސް މިއަދުގެ ސަރުކާރަކީ "ވަރުގަދަ" ސަރުކާރެކެވެ. ވަރުގަދަ ބާރެއް ދުއްވައިލުމަކީވެސް ހަމަ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.

އެހެންކަމުން ރާއްޖޭގައި މިހާރު އޮތް ވެރިކަން ބަދަލުކުރަން އިދިކޮޅު ކޯލިޝަން ބަދަހިކަމާއިއެކު ކުރިއަށްދާންޖެހެއެވެ. ބައިބައިވެގެން މަޤްޞަދު ޙާޞިލުކުރުމަކީ ކުރަން އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. އެކަން ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންވެސް ޤަބޫލުފުލު ކުރައްވައެވެ.

ކޮންމެ ލީޑަރެއްގެވެސް އަމިއްލަފުޅު ވިސްނުންތަކެއް ހުންނާނެއެވެ. އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވާ ކަންތައްތަކަކާއި ގޮތްތަކެއްވެސް ހުންނާނެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ބޭނުންފުޅުވާ ކަންތައްތަކަކާއި ގޮތްތަކެއްވެސް ހުންނާނެއެވެ. އަދާލަތުޕާޓީ އާއި ރައީސް މައުމޫންގެ ފަރާތްޕުޅުންވެސް ބޭނުންފުޅުވާ ގޮތްތަކެއް ހުންނާނެއެވެ.

ކަންކަން މިހެން ހުރުމުން ގިނަ ބައަކު ބުނަނީ ގަދަ ބަސް ބުނަން ފަށަން އަދި މާއަވަސް ކަމަށެވެ. މާފަހުގެ މަރުހަލާއެއްގައި ކުރަންޖެހޭނެ ކަމެއް މާކުރިން ކުރަން ފެށުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ރައީސް ނަޝީދު އެންމެ ފަހުންވެސް ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ހުރަހަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްވެސް ވަނީ އެއް ކެންޑިޑޭޓަކު ނެރުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން އެންމެ ފަހުވަގުތާއި ހަމައަށްވެސް މަސައްކަތް ކުރާނީ އެއް ކެންޑިޑޭޓަކު ނެރެން ކަމަށެވެ.

ދެ ލީޑަރުންގެ ވިސްނުންފުޅު މިގޮތަށް ހުރި ނަމަވެސް އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަޠީފް މިހާރު ހުންނެވީ ވަރަށް ބޮޑަށް މޭ ފުޅައުކުރައްވައިގެންނެވެ. އެޕާޓީގެ މެންބަރު ނިޒާރު ގެންދަނީ މަލާމާތާއި ފުރައްސާރަކުރަމުންނެވެ. ޒާތީ ދިރިއުޅުމާއިވެސް ބެހެމުންނެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ތެރެއިން މިފަދަ އެއްވެސް ކަމެއް އަދިވެސް ފެނިފައެއް ނުވެއެވެ.

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު އެންމެފަހުން ވެސް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން 1 ކެންޑިޑޭޓަކު ނެރުމުގެ ކަންކަން އެންމެ ފަހުވަގުތުގައިވެސް ހަމަޖެހިގެން ހިނގައިދާނެ ކަމަށާއި އެގޮތަށް އެކަން މެދުވެރިވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެވަގުތު އައުމުގެ ކުރިން މޭފުއްޕައި ދެމޫނު ކުރިމަތި ނުލެވޭވަރަށް ދެފުރަގަސް ޖެއްސުމަކީ ބުއްދިވެރިން ކުރާނެ ކަމެއް ނޫން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް