އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ އެންގެވުން ދޫނުކުރި އަވަށުގެ އެންމެ ފަޤީރު އަންހެނާ ރަސްދަރިކަލެއްގެ ކިބައިން ކުރި ހޯދި ގޮތުގެ ވާހަކަ

ﷲ ގެ އެންގެވުން ދޫނުކުރި އަވަށުގެ އެންމެ ފަޤީރު އަންހެނާ ރަސްދަރިކަލެއްގެ ކިބައިން ކުރި ހޯދި ގޮތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ދުނިޔޭގެ އެންމެ ބާރުގަދަ ރަސްކަލުންގެ ތެރޭގައި މަޝްހޫރު ވެފައިވާ ރަސްކަލެއްގެ ދަރިކަލުން، އަވަށުގެ އެންމެ ފަޤީރުންގެ ތެރޭގައި އަންހެން ކުއްޖަކާއި ބައްދަލުކުރަން ބޭނުންވިއެވެ. އަދި އެކަން ހަމަޖައްސަން ގިނަ ބައަކު އެކުއްޖާގެ ގާތަށް ފޮނުވިއެވެ. ތަފާތު ވާހަތައް ދައްކައި މޮޅު ހުށަހެޅުންތައް ހުށަހެޅިއެވެ. އަގު ބޮޑު ހަދިޔާތައްވެސް ހުށަހެޅިއެވެ.

ނަމަވެސް އެ އަންހެން ކުއްޖާ އެއިން އެއްވެސް ކަމެއް ޤަބޫލެއް ނުކުރިއެވެ. އަންހެން ކުއްޖާ ބުނަމުން ގެންދިއައީ ކައިވެންޏާއި ނުލައި ބައްދަލުނުކުރާނެ ކަމަށެވެ. ބައްދަލުކުރަން ބޭނުންނަމަ ރައްޔިތުންގެ ކުރިމަތީގައި ކައިވެނި ކުރުމަށެވެ.

އެންމެފަހުން އެހެން އެއްވެސް ގޮތެއް އޮތްތޯ ބެލުމަށް ދަރިކަލުން އަމިއްލައަށް ދިއައެވެ. އަދި އެކުއްޖާ ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން ހުށަހެޅިއެވެ. ނަމަވެސް ހުށަހެޅީ ކައިވެނި އަދި ފަސްކޮށްލުމަށެވެ.

ވަރަށް ރަނގަޅަށް ވިސްނައިލުމަށްފަހު ކުއްޖާ ބުންޏެވެ. ތިއަ ހުށަހަޅާ އެއްވެސް ކަމެއް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ތިއައީ ރަސްގެފާނުގެ ދަރިކަލުން ކަމަށްވެފައި އަހަރެން ބޭނުން ކޮންމެ ކަމެއް ކޮށްދޭނެ ކަމަށް ގަދައަޅައި ބުނާތީ އަހަރެން ބައެއް ކަންކަން ހުށަހަޅަން ހުއްދަ ދީފިނަމަ ހުށަހަޅަން ބޭނުމެވެ.

އެކުއްޖާ ބުންޏެވެ. ފުރަތަމަ ކަމެއްގެ ގޮތުން އަހަރެން މިއަށްވުރެ މުސްކުޅިނުވެ މިޒުވާންކަންމަތީގައި މުޅި އުމުރުގައި ހުރެވޭނެ ގޮތް ހަދައިދޭށެވެ. ޖަވާބުގައި ދަރިކަލުން އެއީ ﷲ ތަޢާލާ ނޫން ދެވަނަ އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ދެން އަންހެން ކުއްޖާ އެދުނީ ދުވަހަކުވެސް އެއްވެސް ބައްޔެއް ނުވާނެ ގޮތް ހަދައި ދިނުމަށެވެ. ޖަވާބުގައި ދަރިކަލުން ބުނީ އެކަންވެސް ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް ނުކުރެވޭނެ ކަމަށެވެ. ކިތަންމެ މޮޅު ނަމަވެސް ޑޮކްޓަރުންނަށްވެސް އަދި ކިތަންމެ މޮޅު އަގު ބޮޑު މެޝިނަރީ ހުރި ނަމަވެސް އަދި ކިތަންމެ މޮޅު ބޭސް ފަރުވާ ހުރި ނަމަވެސް ކުރެވޭނެ ކަމަކީ ބަލިވުމުން ފަރުވާކުރުން ކަމަށެވެ. ބަލި ނުވާނެ ގޮތެއް ނުހެދޭނެ ކަމަށެވެ.

ތިން ވަނަ ކަމެއްގެ ގޮތުން އަންހެން ކުއްޖާ އެދުނީ އޭނާ ބޭނުންވާހައި ދުވަހަކު މަރު ނުވެ ދުނިޔޭގައި އިނދެވޭނެ ގޮތް ހަދައި ދިނުމަށެވެ. ޖަވާބުގައި ދަރިކަލުން ބުނީ ތިއައީ ވެސް ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަންހެން ކުއްޖާ ވާހަކަ ދައްކަތް ފެށިއެވެ. "އެންމެ 3 ކަންތަކުގެ ވާހަކަ ބުނުމުން އެއިން އެއްވެސް ކަމެއް ކޮށްދިނުމުގެ ޤާބިލުކަން ތިބާގެ ކިބައަކު ނެތެވެ. ކޮންމެ ކަމެއްގެ ވާހަކަ ބުނާއިރަށް ތިއަ ބުނަނީ ﷲ ތަޢާލާ އަށް ނޫނީ އެކަމެއް ނުކުރެވޭނެ ކަމަށެވެ.

އަހަރެންނަކީ އަވަށުގެ އެންމެ ބޮޑު ފަޤީރު އަދި ނިކަމެތި މީހާ ކަމަށް ވެދާނެއެވެ. ތިއައީ އެންމެ މުއްސަނދި އެންމެ އަދި އެންމެ ބާރުގަދަ މީހާ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ބުނެވިދާނެ ވާހަކައެއް އޮވެދާނެތާއެވެ.

ތިބާގެ މުއްސަނދިކަމާއި ބާރު ހުރިވަރުން ﷲ ތަޢާލާގެ އަމުރުފުޅުތައް ތިބާގެ ކުރިމަތީގައި ކަމަކަށް ނުވަނީއެވެ. އަހަރެންނަކީ ނިކަމެތި ފަޤީރެއް ނަމަވެސް ﷲ ތަޢާލާގެ އެންގެވުންތައް އަހަރެންގެ ކުރިމަތީގައި މުހިންމީއެވެ.

ތިބާގެ މުއްސަނދި ކަމާއި އާރާއި ބާރު ކިތަންމެ ގަދަ ނަމަވެސް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހަމަ ސުމެއް ނޫން ހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނޫނީ ތިބާ އާއި ބައްދަލުނުކުރަން މިހިފަހައްޓަނީ އެހެންވެގެންނެވެ. އަހަރެމެން އުފައްދަވައި އަހަރެމެންނަށް ހުރިހާ ނިއުމަތްތަކެއް މިންވަރުފުޅު ކުރައްވަވާ، އަދި އެންމެހައި ބާރުތައް މިލްކުވެވޮޑިގެންވާ ﷲ ތަޢާލާގެ އެންގެވުންތައް މުގުރާލާފައި ތިބާ އާއި ބައްދަލު ނުކުރަން ހިފަހައްޓާ ސަބަބު މިހާރު އެނގިއްޖެ ނޫން ހެއްޔެވެ؟"

އަންހެން ކުއްޖާ ދެއްކި ވާހަކަތަކަށް ދޭނެ އެއްވެސް ޖަވާބެއް ނެތުމުން އަނގައިން ވެސް ނުބުނެ، އެއްވެސް ޖަވާބެއް ނުދީ އަނބުރާލާފައި ދިއައީއެވެ. ގަނޑުވަރަށް ގޮސް ކައިވެނިކުރުމުގެ ކަންކަން ވަގުތުން އިންތިޒާމުކުރުމަށްފަހު އަންހެން ކުއްޖާ ގަނޑުވަރަށް ގެންގޮސް ކައިވެނިކޮށްގެން ހަމަ އެރޭ ވަނީ ދިރިއުޅެން ފަށައިފައެވެ.

- އަލްއިސްލާމްގައިވާ ލިޔުމަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް