އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާސީ ޖޯޝުގަ ގިނަ މީހުންގެ އަބުރުވަނީ ކަތިލެވިފަ!

ސިޔާސީ ޖޯޝުގަ ގިނަ މީހުންގެ އަބުރުވަނީ ކަތިލެވިފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ސިޔާސީ މައިދާނަކީ އަބަދުވެސް އެކިއެކި ފާޑުކިޔުންތައް އަމާޒުވެ، ވާދަކުރާ ފަރާތްތަކާއި އެބައެއްގެ ސަޕޯޓަރުން އެކަކު އަނެކަކު ދަށް ކޮށްލުމުގައި ޙައްދު ފަހަނައަޅާދާ މައިދާނެކެވެ.

ޚާއްސަކޮށް އިންތިހާބެއް ކުރިމަތިވެފައިވާނަމަ، ކޮންމެ ޤައުމެއްގެ ވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކާމެދު ފާޑުކިޔުންތައް ހަލުވި ސްޕީޑުގައި ދަތުރު ކުރަމުންދާނެއެވެ.

ރާއްޖެއަށް ވެސް މިވަނީ އެފަދަ ދުވަސްތަކެއް ކުރިމަތިވެފައެވެ.

ރިޔާސީ އިންތިހާބު ދުވަހުން ދުވަހަކަށް ގާތް ވަމުންދާ ވަރަކަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާ ފަރާތްތަކުން ވެސް ދަނީ، އެއްބަޔަކު އަނެއްބަޔަކާއި ދިމާލަށް ގޮވުނުހާ އެއްޗެއް ގޮވަމުންނެވެ.



އެބަޔަކު ތާއީދުކުރާ ބަޔަކީ އެންމެ ރަނގަޅު ބައެއް ކަމަށް ދެއްކުމުގެ ގޮތުން ދެން ތިބި މީހުން ދަށް ކޮށްލުމުގެ ގޮތުން އެންމެ ވެލިފުކެއްހާ މިންވަރު ވެސް ދުލެއް ނުކުރެއެވެ.



ނަމަވެސް ހިތާމައަކީ، ތިމާ ތާއީދުކުރާ ފަރާތަށް މޮޅު ބަސް ބުނެ ދެން ހުރި ފަރާތަށް ބަދު ބަސް ބުނާއިރު ހަގީގަތާއި ޚިލާފު ވާހަކަ ދައްކާ، އެކަމުގެ ހަގީގަތް އެހެން މީހަކު އަންގާ ހެޔޮ ނަސޭޙަތެއް ދިނުމުން އެކަމާ ޖަދަލުކޮށް، ނަސޭޙަތް ދިން މީހާއާއި ޒާތީ ގޮތުން ޖައްސާލާ އެމީހާގެ އަބުރަށް ވެސް އަރައިގަންނަ ކަމެވެ.



ޖޯޝާ ފޯރީގައި ތިމާ ސަޕޯޓުކުރާ ސިޔާސީ ޓީމުގެ ފޮޓޯ، ސޯޝަލް މީޑިއާގައި ތިމާގެ ޕްރޮފައިލް ފޮޓޯއަށްލާފައި އިންނައިރު، އެހެން މީހުންނާއި ޒާތީވެ އެހެން މީހުންގެ އަބުރަށް އަރައިގަންނައިރު އެއީ ތިމާ ސަޕޯޓުކުރާ ޓީމަށް ވެސް ދެވޭ ހުތުރު ނަމެއް ނޫންތޯ ސުވާލު އުފެދެއެވެ.



މިފަދަ ޖޯޝުގައި އެހެން މީހުންނަށް ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް ފުލުހަށް ގޮސް ރިޕޯޓު ކުރާނެ ކަމުގެ އިންޒާރު ދިނުމުން، ފުލުހުން ވެސް އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށާއި ކުރާ ރިޕޯޓެއް ދާނީ "ޗޮކުން" ކަމަށް އެހާ ޔަގީންކަމާއި ފަޚުރުވެރިކަމާއެކު އެފަދަ މީހުންނަށް ބުނެވުމަކީ، ސުވާލު އުފެދޭ ކަމެއްގެ އިތުރުން ރީތި އުޅުމެއް ހުންނަ ރައްޔިތުން ނިކަމެތިވެސްވާ ކަމެކެވެ.

ކޮންމެހެނަކަސް، މިސިޔާސީ ކޯޅުން ގަނޑުގެ ތެރޭގައި ތިމާ ސަޕޯޓުކުރާ ފަރާތް ނޫން އެހެން ފަރާތްތަކަށް ސަޕޯޓު ކުރާ މީހުންގެ އަބުރު ކަތިލުމަށް ހިންދަމާނުލާ ކުރާ މަސައްކަތުގައި، ހަގީގަތުގައި ތިމާއަށް ކަތިލެވެނީ ތިމާގެ އަމިއްލަ އަބުރާއި އިއްޒަތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ