އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑުމެން އަމިއްލައަށް އިސްވެ މުސީބާތަކަށް އެދުމަކީ ކުރަންވާނެކަމެއް ނޫންކަމުގައި ރައީސް ޔާމީން ވިދާޅުވެއްޖެ

އަޅުގަނޑުމެން އަމިއްލައަށް އިސްވެ މުސީބާތަކަށް އެދުމަކީ ކުރަންވާނެކަމެއް ނޫންކަމުގައި ރައީސް ޔާމީން ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

އަޅުގަނޑުމެން އަމިއްލައަށް އިސްވެ މުސީބާތަކަށް އެދުމަކީ ކުރަންވާނެކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެން އަމިއްލައަށް އިސްވެ މުސީބާތަކަށް އެދޭކަމުގައިވާނަމަ އޭގެ ހިތި ނަތީޖާ ދިގުލައިގެން ހިނގައިދާނެކަމަށެވެ. އަދި ދިވެހިރާއްޖެއާ ބެހޭގޮތުން ހަޤީގަތާއި ޚިލާފު ކަންކަން ހުށަހަޅައިގެން ރާއްޖެއަށް ނުބައި ބަދުނާމު ލިބޭގޮތަށް ކަންކަންކޮށްގެން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް މުސީބާތެއް އަންނަ ގޮތަށް ކަންކުރުމަކީ ހަޤީޤަތުގައި ރައްޔިތުންގެ ހައްޤުގައި ނުވަތަ ޤައުމުގެ ހައްޤުގައި އިންސާފުން ކުރެވޭ ކަމަކަށް ނުވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ހެނދުނު ހަނިމާދޫގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ބެހޭގޮތުން އެއްވެސް އަސާސެއްނެތި ބޭރުގެ ފަރާތްތަކުގައި ވާހަކަދެއްކުމުގެ ސަބަބުން އޭގެ ގެއްލުން ރާއްޖޭގެ އިޤްތިޞާދަށްކުރާނެކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އެއްވެސް އަސާސަކަށް މިސަރުކާރުން އިހުމާލުވެފައި ނޯންނާނެކަމަށާއި، ޑިމޮކްރަސީގެ އެއްވެސް ކަމެއް ހަނިކޮށް، ހުއްޓުވައިފައެއްވެސް ނޯންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިސަރުކާރުން ހަމައެކަނި ހުއްޓުވާފައި އޮންނާނީ އެއްވެސް އަސާސެއްނެތި މީހުންގެ އަބުރަށް އަރައިގަތުމާއި، އިސްލާމްދީނާއި ޚިލާފަށްކުރާކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި މަސްލަހަތު ދެމިއޮތުމާއިއެކު މުޅި ރާއްޖެ ތަރައްޤީ ވެގެން ދިއުމަށް އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖެ ތައްޤީކުރުމަށް ޤައުމުގައި ލޭއޮހޮރުވަން ނުޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައިވެއެވެ. އަދި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ދިއްދޫގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވައިފައެވެ.

މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ހއ. ކެލައަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ވެސް ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު