އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުގަ އާފުރުމުން ސަލާމަތްވާންޖެހޭ- ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް!

ނަމާދުގަ އާފުރުމުން ސަލާމަތްވާންޖެހޭ- ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު


ނަމާދުގައި ހުންނައިރު އާފުރުމަކީ ބައެއް މީހުންނަށް ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. އަދި އާންމުކޮށް އެކަން ކުރެވޭ ބައަކުވެސް އުޅެއެވެ.

އާފުރެވޭ ބައެއް ސަބަބުތައް އެބަހުއްޓެވެ. އެންމެ ޢާންމު އެއް ސަބަބަކީ ހަށިގަނޑަށް ލިބިފައި ހުންނަ ވަރުބަލިކަމެވެ. ދެވަނަ ކަމަކީ ޝައިޠާނާގެ ވަސްވާސްތަކެވެ. އެހެންކަމުން އެކަމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެއް ކަމަށްވެސް ބުނެވިދާނެއެވެ.

ނަމާދުގައި ހުންނައިރު އާފުރުން ފަދަ ކަންކަން ކުރެވޭނަމަ އެކަމަށް ސަމާލުކަންދޭން ޖެހޭނެއެވެ. އެހެނީ ނަމާދުގައި ހުންނަވަގުތަކީ ތިބާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެގެންހުރެވޭ ވަގުތުކަމަށްވާތީއެވެ. އާފުރުމަކީ ފޫހިކަމުގެ އަމަލަކަށްވާއިރު އެފަދަ ވަގުތަކު ތިބާގެ ކިބައިން ފޫހިކަމުގެ އަލާމާތްތައް ފެނުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ.

އެހެންކަމުން ނަމާދުގައި ހުންނައިރު އާފުރުމުން ސަލާމަތްވާން މަސައްކަތްކުރަން އެބަޖެހެއެވެ. އެކަމަށް ކުރަން ހުރި ބައެއް ކަމުގެ ތެރޭގައި ނަމާދަށް ދާން ނުވަތަ ނަމާދުކުރަން ފުރިހަަމައަށް ތައްޔާރުވުން ހިމެނެއެވެ. އެގޮތުން ހަށިގަނޑަށް ވަރުބަލިކަން ލިބިފައިވާނަމަ އެވަރުބަލިކަން ފިލުވައިލަން ޖެހޭނެއެވެ. ހަށިގަނޑާއި ވިސްނުމަށް ތާޒާކަން ގެންނަން ޖެހޭނެއެވެ.

ދެވަނައީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރުމެވެ. ނަމާދުގައި ޢާންމުކޮށް ކިޔަވާ ސޫރަތްތަކުގެ މާނަވެސް ދަސްކުރުމެވެ. ނަމާދުގައި ހުރެ ކިޔާ ތަކެތީގެ މާނަ އެނގޭނަމަ ވިސްނުންތައް ސީދާ ކުރެވޭނެއެވެ! ތިމާގެ ހިތް ﷲ ތަޢާލާއަށް ސީދާކުރެވޭ މިންވަރު ބޮޑުވާނެއެވެ. ޚުޝޫޢަތްތެރިކަން އިތުރުވާނެއެވެ.

ޔަޤީންކުރަންވީ ކަމަކީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓިހުންނައިރު ފޫހިކަން ތިމާގެ ކިބައިން ނުދެއްކުމެވެ. އެފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އަޅައިގެންހުރުމެވެ. އެގޮތުން ކުރެވިދާނެ ކަމެއްގެ ކަމުގައި ތާޒާވެލުން ހިމެނޭއިރު ނަމާދަށް ތާއްޔާރުވާއިރު ގައިން މީރުވެސް ދުއްވުންވެސް ހިމެނެއެވެ. މިހާރަށް ބަލައިފިނަމަ ޕަރފިޔުމް ޓިޝޫ ލިބެން އެބަހުއްޓެވެ. ޖީބުގައި އަތަރު ގެންގުޅެވިދާނެއެވެ. ހަށިގަނޑުން މީރުވަސް ދުވުމަކީވެސް ޢާފުރުން ދުރުކުރުވާ ކަމެކެވެ. އަދި މީހާއަށް އިތުރު ތާޒާކަންވެސް ގެނެސްދޭ ކަމެކެވެ.

ލޮބުވެތި މުސްލިމުންނޭވެ! ތިއަބައިމީހުން ކަމަކަށް އެދިގެން މީހެއްގެ ގާތަށް އާދޭސްކުރަން ގޮސްތިބޭއިރު އާފުރި، ކަންފަތާއި އެހެންތަންތަން ކަހައި ނުހަދަނީ ކީއްވެގެން ހެއްޔެވެ؟ އެތަން ފެނުމުން އެމީހާއަށް ދޭ ސަމާލުކަން ކުޑަކަން އެމީހަކަށް އެނގިދާނެ ކަމަށް ނޫންހެއްޔެވެ؟ ފޫހިވެފައި ހުރިކަން އެނގިއްޖެނަމަ ބައްދަލުކުރަން ދިއަ ބޭނުން ފުއްދައި ނުދީފާނެ ކަމުގެ ބިރަށް ނޫން ހެއްޔެވެ؟

ވިސްނާށެވެ! ނަމާދުގައި ހުންނަނީ މިއަށްވުރެ މާނުރައްކާތެރި ޙާލަތުގައެވެ. ނަމާދުގައި ހުންނަނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައެވެ. ނަމާދުގައި ތިބެގެން މިކުރާ ކަމަކީ ﷲ އަށް ޙަމްދުޘަނާ ކިޔައި ﷲ ތަޢާލާ މަތިވެރިކުރުމާއިއެކު އަހަރެމެންގެ ބޭނުންތައް ފުއްދަވައިދެއްވުން އެދި ޢަދޭސް ދެންނެވުމެވެ. އެމަޤާމުގައި ތިބާ ހުއްޓިހުންނައިރު ތިބާގެ ކިބައިން ފޫހިކަން ފެނުމުން ދެންވާނީ ކިހިނެއް ހެއްޔެވެ؟ ތިބާ އެދޭ އެއްވެސް ކަމެއް އެއްވެސް ގޮތަކުން ފުދޭނެ ކަމަށް ޤަބޫލުކުރެވެން އެބައޮތް ހެއްޔެވެ؟

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް