އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

53 ވަނަ މިނިވަން ދުވަސް: ޤައުމު އެދި ރޮނީ ކީރިތި ޤްރްއާނާ އިސްލާމް ދީނުގެ މިނިވަންކަމަށް!

53 ވަނަ މިނިވަން ދުވަސް: ޤައުމު އެދި ރޮނީ ކީރިތި ޤްރްއާނާ އިސްލާމް ދީނުގެ މިނިވަންކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

މިއަދު ދިވެހި ޤައުމު ފާހަގަކުރަމުން މިގެންދަނީ 53 ވަނަ މިނިވަންދުވަހެވެ. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ނޣޢވ، ކޭސީއެމްޖީ) (ވެލާނާގޭ އިބްރާހީމް ނާޞިރު) އާއި އެމަނިކުފާނުގެ އަރިއަހުގައި މަސައްކަތްޕުޅުކުރެއްވެވި ހިއްވަރު ގަދަ މުޖާހިދުންގެ ވަރުގަދަ "ޖިހާދުން" އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވުމަށް 53 އަހަރު ފުރޭ ދުވަހެވެ.

ޤައުމަށް މިނިވަންކަން ލިބުނުތާ 53 އަހަރު ފުރުނުއިރު މިއަދު ރާއްޖޭގައި ރައްޔިތުން މިތިބީ މިނިވަންކަމާއިއެކުގައި ކަމަށް ބުނެވެން އެބައޮތް ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ.

މަލިކަކީ ރާއްޖޭގެ ރަށެކެވެ. މަލިކުގެ ރައްޔިތުންނަކީވެސް ނަސްލަށް ބަލައިފިނަމަ ދިވެހިންނެވެ. ހިނގައި ދިއަ ކަންތައްތަކަށްފަހު މަލިކު މިހާރު ވަނީ އިންޑިއާގެ ބައެއްގެ ގޮތުގައި ހަމަޖެހިފައެވެ. ދުނިޔޭގެ ޗާޓަށް ބަލައިފިނަމަ މިހާރު މަލިކަކީ އިންޑިއާގެ ރަށެކެވެ. ޤާނޫނީ ގޮތުން ބަލައިފިނަމަ މަލިކުގައި ތިބީ އިންޑިއާ ރައްޔިތުންނެވެ. ސުވާލަކީ މަލިކުގެ ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަމުގެ އުފާ ދިވެހިންނަށް މިއަދު އެބަލިބޭތޯއެވެ؟

މަލިކުގައި ވެސް މިއަދު ހިންގަނީ އިންޑިއާގެ ޤާނޫނެވެ. އެ ޤާނޫނުގެދަށުން އިންޑިއާގެ ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާހައްޤެއް މަލިކުގެ ރައްޔިތުންނަށް ދަނީ ލިބެމުންނެވެ. އިތުރަށްވެސް ދަނީ ލިބެމުންނެވެ.

މަލިކުގައި އަދިވެސް ބުދުކޯލެއް ނުވަތަ ހިންދޫން އަޅުކަންކުރާ ބުދުތަކެއް ނުބަހައްޓައެވެ. ހުރިނަމަ ހުރި އެފަދަ ތަނެއްވެސް ހުރީ މަލިކުގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒުތެރޭގައެވެ. އެއީ މަލިކުގެ މީހުންނަށް ފެންނަ ތަނެއް ނޫނެވެ. މަލިކަށް ގޮސް އުޅޭ މީހުންނަށްވެސް ފެންނަ ތަނެއް ނޫނެވެ.

މަލިކުގައި އަދިވެސް ބަނގުރާ ވިއްކާ ތަންތަނާއި ހަށިވިއްކާ ތަންތަނެއް ނެތެވެ. މަސްތުވާ ތަކެތި ބޭނުންކުރާ ބައަކުވެސް ނުއުޅެއެވެ. މަލިކުގެ ސިޔާސީ ބޮޑުންގެ އެކަކުވެސް ޖަލު ބަންދަކު ނެތެވެ. ޤައުމުން ބޭރަށް އަރުވާލެވިފައެއްވެސް ނުވެއެވެ. މޫނުބުރުގާ އެޅުމުންނާއި ތުނބުޅި ބަހައްޓައި ފައިކުރިކުރުކުރުމުން ވަޒީފާއަކުންވެސް ވައްކެއް ނުކުރެއެވެ.

ރާއްޖެއަކީ މިއަދު ބުދުތަކުން ސަލާމަތްވެފައިވާ ޤައުމެއް ކަމަށް ބުނެވެން އެބައޮތްތޯއެވެ؟ އިސްލާމް ދީނަށް ފުރިހައަށް އަމަލުކުރުމުގެ ޙައްޤު ދިވެހިންނަށް ލިބިފައި އެބައޮތްތޯއެވެ؟ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮތް އޮތުން އަމަލުން ތަންފީޒުކުރެވޭތޯއެވެ؟ އެކަން ނުކުރެވޭނަމަ ކީރިތި ޤްރްއާނަށް ރާއްޖޭގައި މިނިވަންކަން އެބައޮތްތޯއެވެ؟ އެއްވެސް މިނިަންކަމެއް އެބައޮތްތޯއެވެ؟

މިނިވަންކަމަށް 53 އަހަރު ފުރުނުއިރު ބުދުކޯލު މިވަނީ ހަދާފައެވެ. ރައްޔިތުން ވަރަށް ފުންކޮށް ވިސްނައި އެކަމަށް ސަމާލުކަން ނުދީފިނަމަ 55 ނުވަތަ 56 އަހަރު ފުރޭއިރު ރާއްޖޭގައި ޖުވާކުޅޭ ތަންތަން ހުންނާނެކަމާއިމެދު ޝައްކުކުރުމެއް ނެތެވެ! އެއީ ޔަޤީން ކަމެކެވެ!

މިކަމަށް ޔަޤީންކަން ލިބެނީ ސައުދިއަރަބިޔާގައި ދާދިފަހުން ނިންމި ނިންމުމުމުންނެވެ. ސައުދިއަރަބިޔާއިން ފަތުރުވެރިކަމަށް ތަރައްޤީކުރާ 50 ރަށުގައި ސައުދިއަރަބިޔާގެ ޤާނޫނު ނުހިނގާނެކަމަށް ވަނީ ނިންމައިފައެވެ. މާނައަކީ އެރަށްތަކުގައި ކެސިނޯތައް ހުޅުވާނެ ކަމެވެ.

ރާއްޖޭގެ އަތޮޅަކަށް ސައުދިއަރަބިޔާގެ ޝާހީ ޢާއިލާއިން ދަހިވެތިކަން އިތުރުކޮށްގެން އެއުޅެނީ ﷲ ތަޢާލާއަށްޓަކައި އަޅުކަން ކުރާކަށް ނޫނެވެ. ރާއްޖެއަށް ނުވަތަ ދިވެހި ރައްޔިތުންނަށް ޞަދަޤާތެއް ކުރާކަށް ނޫނެވެ. އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރަން ބޭނުންވެގެން އެއުޅެނީ އަމިއްލަ އެކައުންޓުގައި ފައިސާގިނަވެ ކުރާނެ ކަމެއް ނެތިގެނެއް ނޫނެވެ. އެފައިސާ އެއަށްވުރެ ގިނަ ކުރާނެ ގޮތްތައް ހޯދުމަށެވެ.

ސައުދިއަަރބިޔާއިން ރާއްޖެއަށް ދެމުން އައި 50 ޓަނު ކަދުރަށް މިފަހަރު ވީގޮތަށް ވިސްނުމުން ދެން ކަންކަން ވަމުންދާނެ ގޮތް އެއޮތީ ފެންނާށެވެ. މީގެ ކުރިން އެ ކަދުރު ބަލައިދާން ރައްޔިތުންނަށް ދައުވަތު ދެއެވެ. މިއަހަރު އެ ދައުވަތު ލިބުނުތޯއެވެ؟ ބެހިގެން ދިއައީ ހަހަމަކަމާއިއެކުގައިތޯއެވެ؟ މިބޮޑު ބަދަލަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

މިބަދަލުން އަޅުގަނޑަށް ޤަބޫލުކުރެވެނީ ކުރިއަށް އޮތްތަނުގައި ސައުދިއަރަބިޔާއިން މިބާވަތުގެ އަމަލުތައް ގިނަކޮށް ރާއްޖެއިން އެމީހުން ހާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ޙާޞިލުކުރާނެ ކަމެވެ. ސަރުކާރާއި ގުޅިގެން އެމީހުން ދޭން ބޭނުންވާ ބައަކަށް އެހީތައް ދީ މަޤްޞަދުތަކެއް ޙާޞިލުކުރާނެ ކަމެވެ.

ވީމާ މިނިވަން ދުވަހެއް އައިސް އެކަމުގެ އުފާ ލިބިގަންނަމުންދާއިރު މިކަންކަމަކީ ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ކަންކަމެކެވެ. ޤައުމުގެ މިނިވަންކަމާއި އިސްތޤްލާލް ދެމެހެއްޓުމަށެވެ. ކީރިތި ޤްރްއާނަށް ފުރިހަމައަށް އަމަލުކުރާ، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށްޓަކައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް