އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދު ފަސްކުރާ މީހުން މި ފިލާވަޅުން ޢިބްރަތް ޙާޞިލްކޮށްފިނަމަ ނަމާދު ވަގުތުން އަދާކުރާނެ!

ނަމާދު ފަސްކުރާ މީހުން މި ފިލާވަޅުން ޢިބްރަތް ޙާޞިލްކޮށްފިނަމަ ނަމާދު ވަގުތުން އަދާކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ތިބާއަކީ ވިޔަފާރިކުރާ މީހަކަށް ވެދާނެއެވެ. ވިޔަފާރިން ލިބޭ ޖުމްލަ ނަފާއަށް ބަލައިފިނަމަ ޢާންމު ގޮތެއްގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވާނީ 5 އިންސައްތައަށްވުރެ ދަށުގެ އަދަދެކެވެ. ތިބާއަކީ ބޮޑު ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މުވައްޒިފަކަށް ވެދާނެއެވެ. އިންތިހާއަށް ބުރަކޮށް ދުވާލަކު އެތައް ގަޑިއިރެއް ވަންދެން މަސައްކަތްކުރުމުން ގިނަ ކުންފުނިތަކުން ބޯނަސްގެ ގޮތުގައި ދޭނީ އެވްރެޖްގޮތެއްގައި ބޮޑުވަރަކަށް އެންމެ މަސްދުވަހެއްގެ މުސާރައެވެ.

ނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަމަށް ނިކަން ބަލައިލަބަލާށެވެ. ކުރާ ކޮންމެ ހެޔޮ ކަމަކަށް މަދުވެގެން 10 ގުނަ އެބަ ދެއްވަވައެވެ. އެ އަދަދު 700 ގުނަ އާއި ހަމައަށް އެބަ އިތުރުވެސް ކޮށްދެއްވަވައެވެ. އަދި މީގެ އިތުރުން ނުބައި އަމަލެއް ކުރަން ހިތަށް އަރުވާފައި ﷲ ތަޢާލާއަށް ބިރުވެތިވެ އެކަން ނުކުރުމުން އެބަ ސަވާބު ދެއްވަވައެވެ. ހެޔޮ އަމަލެއް ކުރަން ޤަޞްދުކުރާ ފަހުން ސަބަބެއް މެދުވެރިވެގެން އެކަން ނުކުރެވުނު ނަމަވެސް އެބަ ސަވާބު ދެއްވަވައެވެ.

އަދި ކީއްހެއްޔެވެ؟ މިހުރިހާ ކަންކަމެއްގެ އިތުރުން ތިބާ އެދި ދަންނަވާ ކަންކަން އެބަ ފުރިހަމަކޮށްދެއްވަވައެވެ. ތިބާގެ އެކައުންޓުން އެއްވެސް ވަރެއް އުނިކުރެއްވެވުމެއް ނެތިއެވެ.

އަހަރެމެން ވެރިމީހާއަށްޓަކައި ޤްރްބާންވަމުން ވެސް ދެފަހަރު ހަމައަށް ކަމަކު އެދިއްޖެނަމަ ފޫހިކަން ދައްކައެވެ. ކުނިމޫނު ދައްކައެވެ. ބައެއް ފަހަރު ހާދަ އުނދަގޫ ބޮޑު މީހެއް ކަމަށް ބަލައި ވަޒީފާއިންވެސް އެބަ ވަކިކުރެއެވެ. ނަމަވެސް ވީހައި ގިނައިން ﷲ ތަޢާލާއަށް ކަންކަމަށް އެދި ދެންނެވުމަށް ﷲ ތަޢާލާ ލޯބިފުޅު ކުރައްވަވައެވެ.

މިފަދަ އެތައްއެތައް ކަންކަމެއް ފެންނަން ހުރިއިރުވެސް ނަމާދު ވަގުތު ޖެހުމުން ގިނަ ބައަކު ބަންގިއަށް އިޖާބަ ނުދީ ލަސްކުރެއެވެ.

ވަޒީފާއަށްޓަކައެވެ. މުސާރަ ދޭ މީހާ ރުޅިއަތުވެދާނެތީއެވެ. ކުރަންޖެހޭ މަސައްކަތްތައް އަވަހަށް ނިންމައި މުސާރަ ދޭ މީހާގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ.

ފުންކޮށް ވިސްނައިލާށެވެ. ޢާންމު ގޮތެއްގައި ވަޒީފާ ދިން މީހާގެ މަސައްކަތް ދުވާލަކު 8 ގަޑިއިރާއި 10 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި އެބަ ހޭދަކުރަމުއެވެ. އެ ވަޒިފާ ތިބާއަށް ލިބުމަށް މިންވަރު ކުރެއްވެވި ﷲ ތަޢާލާ ފަރުޟު ކުރެއްވެވި 5 ނަމާދު ކުރުމަށް ގިނަވެގެން ނަގާނީ އެންމެ 90 މިނިޓެވެ. ވަގުތު ދަތި މީހުން ރަނގަޅަށް ތާވަލުކޮށްފިނަމަ 75 މިނިޓުންވެސް 5 ނަމާދުކުރެވޭނެއެވެ.

ނިކަން ބުނެބަލާށެވެ! ކުރިން މިކިޔައިދިން ﷲ ތަޢާލާގެ ނިޢްމަތްތަކަށް ތިބާ ކުޑަކޮށް ނަމަވެސް ވިސްނާ ނަމަ ބަންގި ގޮވީމާ ވަގުތުން އިޖާބަ ނުދީ މަޑުކުރުމަކީ ތިބާއަށް ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރައްވަވާ ﷲ ތަޢާލާއަށް ވެވޭ ޚިޔާނާތަކަށް ނުވޭހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް