އަހަރެން ބޭނުމީ ދިރިއުޅުމުގެ ހުރިހާ ވަގުތެއްވެސް އުފަލުގައި ހޭދަކުރަން- ސޮނާލީ

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޮނާލީ ބެންޑްރޭ އަށް މެޓަސްޓޭޓިކް ކެންސަރު ޖެހިފައިވާ ކަމުގެ ޚަބަރު ވެގެން ދިޔައީ މުޅި އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ ބަޔަކަށް ވެސް ކުއްލި ސިހުމެއް ލިބުނު ޚަބަރަކަށެވެ.

ސޮނާލީގެ ހަށިގަނޑު ތެރޭގައި ކެންސަރުބަލި އުފެދިފައިވާކަން އެނގުނު ދުވަހު އޭނާވަނީ، އެބައްޔަށް ފަރުވާ ހޯދުމަށް ނިއު ޔޯކަށް ފުރާފައެވެ. ކެންސަރު ބަލި ތަހައްމަލު ކުރަމުންދާކަން ޚުދު ސޮނާލީ އަމިއްލައަށް ވެސް ވަނީ އެންމެންނަށް ހާމަ ކޮށްފައެވެ.

ސޮނާލީއަށް ކެންސަރު ޖެހިފައިވާކަން އެނގުނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ހެޔޮ ދުއާ ކޮށްފައެވެ. އަދި އޭނާގެ ބަލިހާލަތާއި ބެހޭ ގޮތުން އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާކަން ވެސް ގިނަ މީހުން ހޯދާން ބޭނުންވެއެވެ.

ދުވަސްތަކަކަށްފަހު މިއަދު އަނެއްކާވެސް ސޮނާލީގެ ފޮޓޯއެއް މިވަނީ ސޯޝަލް މީޑިއާގައި އޭނާ ހާމަ ކޮށްފައެވެ. ބައިނަލްއަގުވާމީ ގޮތުން އެކުވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި އޭނާގެ ދެ އެކުވެރިން ކަމުގައިވާ ގައިތުރީ އޮބަރޯއީ އާއި ރިތިކް ރޯޝަން ގެ ކުރީގެ އަންހެނުން ސުޒޭން ޚާން އާއިއެކު ނަގާފައިވާ މިފޮޓޯއިން ސޮނާލީ ފެންނަނީ ތަލަކޮށެވެ.

އޭނާގެ ރީތި ފަން އިސްތަށިގަނޑު މިހާރު ފެންނަން ނެތް ނަމަވެސް، މޫނުމަތިން އަދިވެސް އެއުޖާލާކަމާއި، ހިތްވަރާއި ހިނިތުންވުން ހާމަވާން ހުއްޓެވެ.

އިންސްޓަގްރާމްގައި ސޮނާލީ މިފޮޓޯ އާންމު ކޮށްފައިވަނީ ވަަރަށް ވެސް ޚާއްސަ މެސެޖަކާއިވެސް އެއްކޮށެވެ.
އޭނާ ލިޔެފައިވެއެވެ.

"މިއީ ހަމަ އަހަންނެވެ. އަދި މިވަގުތު އަހަރެން މިއިނީ ވަރަށް އުފަލުންނެވެ.

މިއިނީ އުފަލުގައި ކަމަށް މިހާރު ބުނީމަ ވަރަށް ގިނަ މީހުން އަހަންނާއި ދިމާލަށް ފާޑަކަށް ބަލައެވެ. ނަމަވެސް މިއީ ހަމަ ތެދެކެވެ.

މިހާރު އަހަރެން ދިރިއުޅުމުގައި ބޮޑަށް މިފޯކަސް ކުރަނީ، ކޮންމެ ވަގުތެއްގެ ވެސް ބޭނުން ރަނގަޅަށް ހިފާ، ދިރިއުޅުމުގެ ހުރިހާ ވަގުތެއްވެސް އުފަލުގައި ހޭދަ ކުރުމަށެވެ.

މިވަގުތުކޮޅު އަހަރެން ހޭދަ ކުރަން ބޭނުންވަނީ އަހަންނަށް ހެޔޮ އެދޭ، އަހަރެން ދެކެ އެންމެ ބޮޑަށް ލޯބިވާ މީހުންނާއި އެއްކޮށެވެ.

އާނ އެކެވެ. މިހެން އުޅޭއިރު އަހަރެންގެ ގަައިގާ ރިއްސާ، ހަށިގަނޑުގައި އެހާ ވަރެއްވެސް ނުހުރެއެވެ. އެކަމަކު އަހަރެން މިހާރު ދިރިއުޅެމުން މިދަނީ ހެޔޮ ޢަމަލުކޮށް އަހަރެން އުފާވާނެ ކަންކަން ކުރުމުގައެވެ.

އަހަރެންގެ މިދަތުރުގައި އަހަރެންގެ އާއިލާގެ އިތުރުން އެންމެ ގާތް އެކުވެރިން ވެސް އަހަންނާއިއެކު ވެއެވެ. އެމީހުންގެ ބިޒީ ދިރިއުޅުމުން އަހަންނަށްޓަކައި ވަގުތު ހޯދާ، އަހަރެންގެ ހާލު ބަލަން ފޯނުކޮށް، މެސެޖުކޮށް ވެސް ހަދައެވެ.

އެހުރިހާ އެންމެންނަށް ވެސް އަހަރެން ފަށްފަށުން ޝުކުރު އަދާ ކުރަމެވެ. ހަގީގީ އެކުވެރިންނަކީ ތިއީއެވެ."

ޚަބަރާއިގުޅޭ ލިޔުންތައް

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މަރިޔަމް ވަހީދާ