އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫޝާއުގެ ފޮޓޯ ހަޔާތް: ކުޑައިރުއްސުރެ އުފެދުނު ޝައުޤުން، ޒުވާން އުމުރު އެހެން މީހުންނަށް އެހީވުމުގަ

ޔޫޝާއުގެ ފޮޓޯ ހަޔާތް: ކުޑައިރުއްސުރެ އުފެދުނު ޝައުޤުން، ޒުވާން އުމުރު އެހެން މީހުންނަށް އެހީވުމުގަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

ގިނަ ޒުވާނުންނަކީ އެމީހުންގެ ދިރިއުޅުން، އަމިއްލަ ކަންކަމުގައާއި އުފަލާއި މަޖާ ކުރުމުގައި ހޭދަކުރާ ބައެކެވެ.

އޭގެ ތެރެއިން އެއްބަޔަކު އެމީހުންގެ މުސްތަޤްބަލު އުޖާލާ ކުރުމަށްޓަކައި އެކިއެކި ދާއިރާތަކުން ކުރިއަށް ދެވޭތޯ މަސައްކަތް ކުރާއިރު، އަނެއް ބަޔަކު އެމީހަކަށް ލިބިފައިވާ ކުޑަ ނަމަވެސް ތަނަވަސް ކަމަކުން އެހެން މީހުންނަށް އެހީތެރިވުމުގައި ދިރިއުޅުން ހޭދަ ކުރަމުންދެއެވެ.



މިފަދައިން ފާހަގަ ކޮށްލެވޭ އެކަކީ ކ. ގުޅި ވައިޖެހޭގޭ ޔޫޝައު އިބްރާހިމް އެވެ.

ގިނަ ބަޔަކަށް އޭނާ އެނގިފައިވަނީ ވަރަށް މޮޅަށް ފޮޓޯ ނަގާ މީހެއްގެ ގޮތުގައެވެ. އައުޓްޑޯ ޝޫޓީންގ އާއި އިންޑޯ ޝޫޓިން ފޮޓޯތައް ނަގަމުންދާ މިޒުވާނާގެ އެންމެ ޚާއްސަކަމަކީ، ފޮޓޯ ނަގައިގެން ލިބޭ ފައިސާތައް އޭނާ އަމިއްލައަށް ބޭނުން ނުކުރާކަމެވެ.

ފޮޓޯ ނަގައިގެން ލިބޭ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ނުކުރުމަކީ މީގެ ކުރިންވެސް އޭނާ ނިންމާފައިވާ ކަމެކެވެ. ދެން ސުވާލަކީ، މިފައިސާތަކުން އޭނާ ކުރަނީ ކޮން ކަމެއްތޯއެވެ.



އެފައިސާތައް އޭނާ ޚަރަދު ކުރަނީ ވަރަށް ވެސް މާތް މަޤްސަދެއްގައެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައެވެ. އެގޮތުން އެކިއެކި ބަލިޖެހި، ދިގު މުއްދަތެއްގެ ބޭސްފަރުވާއަށް ބޭނުން ޖެހިފައިވާ އެތައް ބަޔަކަށް ޔޫޝާއު ވަނީ އެހީތެރިވެފައެވެ. މާތް ﷲ އަށް ޓަކައި، ފަހު ދުނިޔޭގައި އޭގެ ސަވާބާއި ދަރުމަ ލިބިގަތުމުގެ މަތިވެރި މަޤްސަދުގައެވެ.

ފޭސްބުކްގައި "ޔޫޝާއު'ސް ގްރަފީ" ގެ ނަމުން ޕޭޖެއް ހަދާފައިވާ އުމުރުން އެންމެ 22 އަހަރުގެ ޔޫޝާއު، އޭނާގެ ކެމެރާގެ ޙަޔާތް ނުވަތަ ފޮޓޯ ނެގުމުގެ ޙަޔާތް "މިއަދުނޫހާއި" ޙިއްސާ ކޮށްލިއެވެ.

"އެންމެ ކުޑައިރުން ފެށިގެން ވެސް ކުރަމުން އައި ކަމެއް ފޮޓޯ ނެގުމަކީ. އެންމެ ފުރަތަމަ ފޮޓޯ ނަގަން ފެށީ ފޮޓޯ ނެގޭ ފޯނަކުން. އެއިރުވެސް ވަރަށް ގިނަ މީހުން ބުނޭ ނަގާ ފޮޓޯތައް ވަރަށް ރީއްޗޭ. ވަރަށް އުފާވޭ އެހެން ބުނީމަ." ޔޫޝައު އޭނާގެ ފޮޓޯނެގުމުގެ ހަޔާތް ފެށުނު ގޮތް ކިޔާ ދެމުން ބުންޏެވެ.



އެހާ ތަނަވަސް ދިރިއުޅުމެއް ލިބިފައިނުވާ އާއިލާއަކަށްވުމުން، ޔޫޝާއު ގަސްދުކުރީ އޭނާގެ އާއިލީ ޒިންމާތައް ނެގުމަށްޓަކައި މަސައްކަތުގެ މައިދާނަށް ނިކުންނާށެވެ. އުމުރުން އެންމެ 14 އަހަރުގައި މަސައްކަތެއް ހޯދުމަށް ރަށުގެ ބޯޓް ޔާޑަށް ދިޔައެވެ. ނަމަވެސް އެއިރު އޭނާ އުމުރުން ހަގުކަމުން އެތަނުން ވަޒީފާއެއް ނުލިބުނެވެ.

އެވަރުން އޭނާ އުއްމީދު ކަނޑައެއް ނުލައެވެ. ތިމާގެ މީހެއްގެ ކަންނެލި ދޯނިން ޖާގަ ލިބުމުން އުމުރުން 16 އަހަރު ވަންދެން ކަންނެލި މަސްވެރިކަން ކުރިއެވެ.

"އޭގެ ފަހުން ރިސޯޓު ލައިފް އާއި ގުޅުނީ. ދެން އެއިރު އެތަނުން ރައްޓެއްސެއްގެ އަތުން ލިބުން ކެމެރާއެއް. އެހާ ބޮޑު ކެމެރާއެއް ވެސް ނޫން. އޭގެން ފޮޓޯ ނަގަން ފެށީ އަނެއްކާވެސް. ރައްޓެހި މީހާވެސް ބުނި ވަރަށް ރީއްޗޭ ނަގާ ފޮޓޯތައް. އެއީ 2015 ވަނަ އަހަރު. އޭގެ ދެ އަހަރުފަހުން އަމިއްލަ ބޮޑު ކެމެރާއެއް ގަތީ. އެއަށްފަހަރު ރިސޯޓަށް އައި ފޮޓޯނަގާ ބަޔަކަށް އަޅުގަނޑު ނަގާފަ ހުރި ފޮޓޯތައް ފެނިގެން ބުނި އެހުނަރު ހުރި ވާހަކަ. އަދި އެމީހުން ޙިޔާލު ދިން އެމަސައްކަތް ރަސްމީކޮށް ކުރުމަށް" ފޮޓޯނެގުމަށް ޝައުޤުވެރިކަން ހުންނަ ޔޫޝާއު ކިޔާދިނެވެ.

އޭގެ ފަހުން އޭނާ މީހުންނަށް ފޮޓޯ ނަގައި ދެމުން ދިޔައެވެ. އެމީހުން އަތުން ފައިސާ ނެގިކަމުގައި ވިޔަސް އެފައިސާ އެނާ ޚަރަދު ކުރަނީ އެހެން މީހުންނަށް އެހީތެރިވުމުގައެވެ.

ދިރިއުޅުމުގައި ޔޫޝާއު އެންމެ އިސްކަންދެނީ ދީނީ ކަންކަމަށެވެ. އޭނާ ބުނިގޮތުގައި، މަސައްކަތުގައި އުޅެމުން ވެސް ނަމާދު ވަގުތު ޖެހުމާއިއެކު އޭނާ ނަމާދަށް އަވަސްވެގަނެއެވެ.

މިފަދަ ރީތި އުޅުމެއްހުރި ޔޫޝާއު ބުނި ގޮތުގައި އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނަކީ އޭނާގެ މަންމަގެ ނަޒަރުގައި އޭނާއަކީ ހަރުދަނާ މީހަކަށްވެ، މަންމަ ފަޚުރުވެރި ވުމެވެ.

"މަންމަ ބުނަންވެސް ބުނޭ ފަޚުރުވެރިވާ ވާހަކަ. އެއީ އަބަދުވެސް ވަރަށް ބޭނުންވި ކަމެއް. މައިންބަފައިންގެ އިތުރުން، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަޅުގަނޑަށް އެންމެ އެހީތެރިވެ ކަންކަމުގެ ރަނގަޅު ގޮތް ކިޔާދިން އެކަކީ ހުޝޫމާއްތަ" އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ކޮބައިކަން ހާމަކޮށްދެމުން ޔޫޝާއު ބުންޏެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ