އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާހިޝް އަމަލުތައް ތިއަކުރަނީ ގުނަވަނާ މޭމަތީގަ ބޮޅު ހަރުކުރެވިފައިވާ ޗޭނެއްގައި އެލުވިގެން އޮވެ ނަރަކައިގަ އަންދަން ހެއްޔެވެ!

ފާހިޝް އަމަލުތައް ތިއަކުރަނީ ގުނަވަނާ މޭމަތީގަ ބޮޅު ހަރުކުރެވިފައިވާ ޗޭނެއްގައި އެލުވިގެން އޮވެ ނަރަކައިގަ އަންދަން ހެއްޔެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ފާހިޝް އަމަލު ކުރާ މީހުން ޤިޔާމަތް ދުވަހު ނަރަކައިގައި ތިބޭނީ ވަރަށް އަނިޔާވެރި ގޮތަކަށް އެލުވިގެންނެވެ. ގުނަވަނާއި މޭމަތީގައި ބޮޅު ހަރުކުރެވިފައިވާ ޗޭނެއްގައި އެލުވިގެންނެވެ. އެހާލުގައި އޮވެ ނަރަކައިގެ ހޫނު ގަދަ އަލިފާނުން އަނދަމުންދާއިރު ލިބޭނެ އަނިޔާ، އަޅާނެ ވޭންތައް އިޙްޞާޞް ކުރަންވެސް ނުއެނގޭނެއެވެ.

އެހާލަތުގައި އޮންނައިރު އައިސް ވިހަލާނެ ބިޔަ ނިގުލަންދާށިތަކާއި ހަރުފަތަކާއި އެނޫންވެސް ތަކެތީގެ ސައިޒު އެނގޭ ހެއްޔެވެ؟ އަޅަމުންދާނެ ވޭން ވިސްނުމަށް ގެނެވިދާނެ ހެއްޔެވެ؟ އަޒާބު ދެއްވާ މަލާއިކަތުންގެ ހަންމުށިތަކުން ތަޅުއްވާއިރު ލިބޭނެ އަނިޔާ ހިތަށް ގެނެވިދާނެ ހެއްޔެވެ؟

ދެން ނިކަން ބުނެބަލާށެވެ! ފާހިޝް އަމަލެއް ކޮށްލައިގެން މިދުނިޔޭގައި ތިއަ ލިބޭ ކުޑަކުޑަ އުފާކޮޅާއި ބަޔާން މިކުރި ގަދަފަދަ އަޒާބުތަކުން ލިބޭނެ ވޭން އަމިއްލައަށް އަޅުވާށެވެ. ހެޔޮ ނިޔަތުގައި ވިސްނައިފިނަމަ ހައްޤު ގޮތް ވިސްނޭނެއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ ޒިނޭ އާއި ކައިރިނުވުމަށެވެ. ކައިރިވެއްޖެނަމަ އޮތީ ބޮޑުވެގެންވާ އަދަބެކެވެ. އިސްލާމީ ޝަރީއަތުގައި އޮތީ ކައިވެންޏަކަށްފަހު ޒިނޭކޮށްފިނަމަ މަރުގެ އަދަބު ދިނުމެވެ.

އެމީހަކު ބޭނުންނަމަ މިދުނިޔޭގައި ތައުބާ ވެވިދާނެއެވެ. ކުށަށް އިއްތިރާފްވެ އަދަބު ލިބިގަނެގެންނެވެ. އެކަން ކޮށްފިނަމަ އާޚިރަތް ދުވަހުގެ އަޒާބުން ސަލާމަތްވެވިދާނެއެވެ. އެކަން މިދުނިޔޭގައި ކޮށް އަދަބު ލިބިނުގެންފިނަމަ މަރުވުމުން ޖެހޭނީ ލިބިގަންނާށެވެ. އެހެނީ ޒިނޭ ކުރުމަކީ އެކުށަކަށް ﷲ ތަޢާލާ ހައްދު ކަނޑައަޅުއްވަވާފައިވާ ކުށަކަށްވާތީއެވެ. ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ޙައްދެއް ބަދަލުކުރުމުގެ ޙައްޤު ލިބިގެންވާ އެއްވެސް މީހަކު ނުހުންނާނެއެވެ. ކިތަންމެ މަތީ ޙާކިމެއް ނަމަވެސް އަދި ކިތަންމެ ބޮޑު ފަނޑިޔާރެއް ނަމަވެސް މެއެވެ.

ﷲ ތަޢާލާ "ތިއަބައިމީހުން ޒިނޭ އާއި ކައިރި ނުވާށެވެ!" ވަޙީކުރައްވަވާފައިވާ ބަސްފުޅުގެ މާނަ ގިނަ ބައަކު ދަނީ އޮޅުވައިލަމުންނެވެ. އެމީހުން ދެކެނީ އެ ބަސްފުޅުން މަނާ ކުރައްވަވާފައި ވަނީ ހަމައެކަނި ޒިނޭކުރުން ކަމަށެވެ. ނަމަވެސް އެއީ އެ ބަސްފުޅުގެ ޙަޤީޤީ މާނައެއް ނޫނެވެ.

ވިސްނާށެވެ! ވަޙީ ކުރައްވަވާފައިވަނީ ޒިނޭ ނުކުރުމަކަށް ނޫނެވެ. ޒިނޭ އާއި ކައިރި ވެސް ނުވުމަށެވެ. ވީމާ އެބަސްފުޅުގެ މާނައަކީ ވަރަށް ފުޅައު މާނައެކެވެ. މީގެ ތެރޭގައި ފާހިޝް އެންމެހައި އަމަލުތައް އެބަހިމެނެއެވެ. ޒިނޭއަށް މަގުފަހިވާނެ ހުރިހާ އަމަލުތަކާއި ކަންކަން އެބަހިމެނެއެވެ.

ތެދުވާހަކައެކެވެ. މަރުގެ އަދަބު ނުވަތަ ރަޖަމްކުރުން އޮތީ ޒިނޭކުރި މީހާއަށެވެ. އެއިގެ މާނައަކީ ދެންހުރި އަަމަލުތައް ހުއްދަވުމެއް ނޫނެވެ. ދެން ކުރާ ކަންކަން ހުއްދަވުމެއް ނޫނެވެ. އެހެނީ އެފަދަ އެންމެހައި ކަންކަމާއި ދުރުހެލިވުމަށް ﷲ ތަޢާލާ އެވަނީ ގަދަ އަމުރުފުޅަކުން އަމުރުފުޅު ކުރައްވަވައިފައެވެ.

ވީމާ ދަންނާށެވެ. ކައިވެންޏާއި ނުލައި އެންމެ ކުޑަމިނުން ބޮސް ދިނުމަކީ ވެސް ހަމަ ފާފައެކެވެ. ސަބަބަކީ ފެށޭނީ ބޮސްދިނުމުން ކަމަށްވާތީއެވެ.

ޒިނޭ ކުރާ މީހުންނަށާއި ފާހިޝް އަމަލުތައް ކުރާ މީހުންނަށް ހުރި ގަދަފަދަ އަޒާބަށް ބިރުވެތިވާށެވެ! މިދުނިޔޭގައި ކުޑަ ވަގުތުކޮޅަކަށް ލިބޭ އުފާކޮޅުގެ ބަދަލުގައި ނަރަކައިގެ ހޫނު ގަދަ އަލިފާން ތިބާއަށް އިންތިޒާރުކުރާކަމާއިމެދު ވިސްނާށެވެ. ކިހައި މުއްދަތަކަށްކަން ދެނެވޮޑިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެތައް ބިލިއަން އަހަރު ކަމަށް ނުވާނެކަން އެނގެނީ ކާކަށް ހެއްޔެވެ؟

ރަނގަޅަށް ވިސްނާށެވެ! ދުރުހެލިވުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ކޮންމެ ކަމަކީވެސް އިންސާނުންނަށް ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑަށް ގެއްލުންހުރި ކަމެކެވެ. އެކަމެއް އެއްވެސް މިންވަރަކަށް ކުރަން ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާ ކަމެކެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމަށް ހިތް ޖައްސުވަން ކުރެވެން ހުރި ހުރިހާ ކަމެއް ޝައިޠާނާ ކުރާނެއެވެ.

ފުރަތަމަ ޒިނޭ ކުރުމަކަށް ނުބުނާނެއެވެ. ފުރަތަމަ މަސައްކަތް ކުރާނީ ދެމީހުން ބައްދަލުކުރުވުމަށެވެ. ބައްދަލުކުރުމުން ބުނާނީ ބޮސް ދިނުމަށެވެ. ޒިނޭކުރުމާއި ހަމައަށް ދަތުރުކުރަން ފަށާނީ އެހިސާބުންނެވެ. މިއީ ވިސްނައި ފިކުރުކުރާ ހަމަ އެންމެންނަށްވެސް އެނގޭ ކަންކަމެވެ.

ހިތާމައަކީ މިކަންކަމަށް ވިސްނާ މީހުން މަދުވަމުން އަންނަ ކަމެވެ. ބިރެއް ނެތި ތަފާތު ފާހިޝް އަމަލުތަކަށް އަރައިގަންނަ މީހުން އިތުރުވަމުން އަންނަ ކަމެވެ. ވަގުތު އޮއްވައި އަމަލުތައް އިޞްލާޙުކުރާށެވެ! ތައުބާވާށެވެ!

- ބިލާލް އައްސަދުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް