ވައިގަދަވުމުން ދަތިތަކާއިއެކުވެސް ބޮޑު ރަސްމިއްޔާތު ބާއްވައި ޙަރަމްފުޅުގެ އުރަކޮޅު ބަދަލުކޮށްފި

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

މައްކާގެ ގަވަރުނަރާއި އިމާމް ސުދައިސް އާއި ޝާހީ ޢާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެރިވަޑައިގެންނެވި ރަސްމިއްޔާތެއްގައި ޙަރަމްފުޅުގެ އުރަކޮޅު ބަދަލުކޮށްފިއެވެ. މައްކާއަށް މިއަދު 23 މޭލު ބާރުމިނުގައި ވައިޖެހެމުން ދާތީ ބައެއް ދަތިތައް ކުރިމަތިވި ނަމަވެސް މާ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެއް ނުވެއެވެ.

ހަރަމްފުޅުގެ އުރަކޮޅު ފެހުމަށް 600 ކިލޯ ސިލްކާއި 120 ކިލޯ ރަނާއި 100 ކިލޯ ރިހި ބޭނުން ކުރެއެވެ. މިބާވަތްތައް ބޭނުންކުރަނީ ޑިޒައިން ކުރުމަށާއި އާޔަތްތައް ލިޔުން ފަދަ ކަންކަމަށެވެ.



ކޮންމެ އަހަރަކުވެސް ހަރަމްފުޅުން ނަގާ އުރަކޮޅު، ކަފައި ބައިބައިކޮށް ރަސްގެފާނަށް ފެނިވަޑައިގަންނަވާ ބައަކަށް ބައްސަވައެވެ. ދައުވަތު ދެއްވައިގެން ބޭރު ޤައުމުތަކުން ގެންދަވާ މެހްމާނުންނަށްވެސް ބައްސަވައެވެ.

ޙަރަމްފުޅުގެ އުރަކޮޅެއް ފެހުމަށް ކޮންމެ އަހަރަކު 4.5 މިލިއަން ޑޮލަރު ޚަރަދުކުރެއެވެ. މިހައި ބޮޑު ހޭދަކޮށްގެން އުރަކޮޅު ފެހުމަށްފަހު ބައު ނުވަނީސް ކޮންމެ އަހަރަކު ނަގައި ރަސްގެފާނަށް ފެނިވަޑައިގަންނަވާ ބައަކަށް ބައްސަވާތީ ދީނީ އިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.



ދީނީ އިލްމުވެރިން ވިދާޅުވަނީ ޢުމަރުގެފާނުގެ ޒަމާނުގައި އުރަކޮޅު ބައުވުމުން ނަންގަވައި ބެއްސެވީ ޚާއްޞަ ބައަކަށް ނުވަތަ އުމަރުގެފާނަށް ފެނިވަޑައިގަންނަވާ ބައަކަށް ނޫން ކަމަށާއި އެ އަހަރު ހައްޖަށް ދިއަ އެންމެންނަށް ކަމަށެވެ.

ޙައްޖަށްދާ މީހުންގެ އަދަދު ގިނަވުމުން ޙައްޖަށް ދާ އެންމެންނަށް މިހާރު ނުދެވިދާނެއެވެ. ނަމަވެސް ޖަމާއަތްތަކަށް ދީފިނަމަ ގިނަ ބައަކަށް ލިބިގެންދާނެއެވެ. ހައްޖަށް ޢާންމުން ދަނީ އަތުން ގިނަ އަދަދެއްގެ ފައިސާ ދައްކައިގެންނެވެ. ދައުވަތުދީގެން ގެންދާ މެހްމާނުން ގެންދަނީވެސް ސައުދީ ސަރުކާރުގެ ޚަރަދުގައެވެ. އެހެންކަމުން ﷲ އަންގަވާފައިވާ އެންގެވުމަށް ކިޔަމަންވެ ނުހަނު ދަތި ޙާލުން ފައިސާ ހޯދައިގެން އެ ފައިސާ ޚަރަދުކޮށްގެން ޙައްޖަށް ދިއުމުން ނިކަމެތިކޮށްލުމަކީ ދީނީ އިލްމުވެރިން ޤަބޫލުފުޅުކުރައްވަވާ ކަމެއް ނޫނެވެ.

ކުރިން މިފަދަ ވާހަކަތައް ސިއްރުން ދައްކަމުން އައި ނަމަވެސް މިހާރު ބައެއް އިލްމުވެރިން ގެންދަވަނީ ފައުޅުގައި ދައްކަވަމުންކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް