ޢީދުގަ ވަރިފަށަށް އެރި މީހުންގެ ޒިންމާ އުފުލަން ޢީދު ޚުޠުބާއަށް ޖެހޭނެ!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 48 ސިކުންތު

ޢީދު ކުޅިވަރު ކުޅުމާއި ކުޅުމުގައި ބައިވެރިވުމުގެ ސަބަބުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ވަރިފަށަށް އަރަން ޖެހުނުކަން ދީނީ ޢިލްމުވެރިންނާއި ކޮށްފައިވާ ސުވާލުތަކުން އެކަނިވެސް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

އަންހެނުން މައްސަލަތައް ޖައްސާފައިވަނީ ދެ ޖިންސުން މަސްހުނިވެގެން ކުޅުނު ކުޅިވަރުތަކުގައި އެމީހުންގެ ފިރިން ބައިވެރިވެ ހިލޭ އަންހެނުންގެ ގައަށް ފެންޖަހައި ގައިގައި ބީހި އުޅުމުންނެވެ. ފިރިހެނުން މައްސަލަތައް ޖައްސާފައިވަނީ ދެ ޖިންސުން މަސްހުނިވެގެން ކުޅުނު ކުޅިވަރުތަކުގައި އެމީހުންގެ އަނބިން ބައިވެރިވެ ހިލޭ ފިރިހެނުންގެ ގައަށް ފެންޖަހައި ގައިގައި ބީހި އުޅުމުންނެވެ.

މިއިން އެއްވެސް ކަމަކީ އިސްލާމް ދީނުގައި ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. އަދި ރާއްޖޭގެ އެއްވެސް ދީނީ ޢިލްމުވެރިއަކު ހުއްދަކުރައްވާ ކަަންކަމެއް ވެސް ނޫނެވެ.

ކޮންމެ އަހަރަކުވެސް މިފަދަ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ޢާއިލާތަކުގެ މެދުގައި ފިތުނަ އުފެދެއެވެ. އެހެންކަމަށްވާއިރު ޢީދު ޚުޠުބާގައި ހާމަކޮށްދޭން އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ޢީދުގައި ކުޅުން ހުއްދަ ކުޅިވަރުތަކާއި ކުޅިވަރުގައި ބައިވެރިވެވޭނެ ގޮތްތައް ހަނދާންކޮށްދޭން އެބަޖެހޭ ނޫންތޯއެވެ؟

އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަމާއި އިސްލާމީ ޢަޤީދާ ވަރުގަދަކުރުމާއި އިސްލާމް ދީން ދިފާޢުކޮށް މަތިވެރިކުރުމުގެ ވާހަކަތަކަކީ ހަމަ އެކަނި ފޮތެއްގައި ލިޔެފައި އޮތުމުން ފުދޭ ކަމެއް ނޫން ކަމަށާއި އެއީ ގިނަގިނައިން ދައްކައި ހަނދާންކުރަންޖެހޭ ކަންކަން ކަމަށް ބުދަ ދުވަހު ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ މިވާހަކަފުޅަކީ ހަމަ ވަރަށް ޞައްޙަ އެންމެން ވެސް ބަލައިގަންނަން ޖެހޭނެ ވާހަކަފުޅެކެވެ. އަދި މިއީ ދީނީ އިލްމުވެރިންވެސް މިކަމުގައި ބަޔާން ކުރައްވަވާ ގޮތެވެ. ދީނީ ޢިލްމުވެރިން މެދުކަނޑުމެއް ނެތި ވިދާޅުވަމުން އެގެންދަވަނީ ދީނަކީ ހަނދާންކޮށްދިނުން ކަމަށާއި ގިނަގިނައިން ހަނދާންކޮށްދޭންޖެހޭނެ ކަމަށެވެ.

ދެ ޖިންސުން މަސްހުނިވެ އޮޅުލައި ގައަށް އަތްލައިގެން ކުޅޭ ކުޅިވަރުތައް ޘަޤާފީ ކަންކަމުގެ ގޮތުގައި ބަލައިގެން ނަމަވެސް ކުޅުމަކީ އިސްލާމް ދީނުގައި ހުއްދަވެގެން ނުވާ ކަމަކަށްވާއިރުވެސް ކޮންމެ އަހަރަކުވެސް އެފަދަ ކުުޅިވަރުތައް ކުޅެއެވެ. ވީއިރު ޢީދު ޚުޠުބާގައި އެކަމުގެ ޙުކުމް ބަޔާންކޮށްދިނުމުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑެވެ. އެހެނީ އެއިރުން އެންމެންނަށް އެކަމުގެ ޙުކުމް ވަރަށް ސާފުކޮށް އެނގިގެންދާނެތީއެވެ.

ސިކުނޑިތައް ތާޒާވެގެންދާނެތީއެވެ. ދނުގައި އޮތް ގޮތް ރަނގަޅަށް އެނގުމުން ދެމަފިރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ނެތިގެންދާނެތީއެވެ.

މިފަދަ މުހިންމު ބައިތައް ދޫކޮށްލުމަށްފަހު ރާއްޖެއިން އިސްލާމް ދީން ފޮހެލަން އެހެން ބައަކު އުޅޭ ކަމުގެ ސިޔާސީ ވާހަކަތައް ގެނައުމުން ގިނަ ބައަކު ޤަބޫލުކުރަނީ ޚުޠުބާއަށް ސިޔާސީ ނުފޫޒު ފޯރާވަރު އިތުރުވަމުން އަންނަ ކަމެވެ. އެހެނީ ރާއްޖޭގައި އިސްލާމް ދީނަށް ކުރިމަތިވަމުން މިދާ މައްސަލަތައް ކުރިމަތިވަމުން މިދަނީ ރާއްޖޭގައި އަމަލުކުރާ ގޮތުން ކަމަށްވާތީއެވެ.

ކުޑަކުޑަ މިސާލެކެވެ. ބުރާސްފަތިވިލޭރޭ ފަތިސް ނަމާދުކުރަންޖެހުނީ ތަކްބީރު ކިޔަން ނުދަންނަ ނުވަތަ ކިޔަން ބޭނުން ނުވާ އިމާމެއްގެ ފަހަތުގައެވެ. 3 ފަހަރު ﷲ އަކްބަރު ކިޔާފައި ނިންމާލުމުން މީހުން ހިތް ހަމަ ނުޖެހުނުކަން އެނގުމުން އަވަސް އަވަހަށް އަވަހަށް ފައިބައިގެން ދިއައީ އެވެ. މިސްކިތްތަކުގައި ތަކްބީރު ކިޔާއިރު ފަހަތުން ކިޔާމީހުންގެ އަޑު މަޑުވެގެން އަހަރުން އަހަރަށް މިދަނީ ވެސް ހަމަ ތަކްބީރު ކިޔަން ނުއެނގޭތީއެވެ. ރަނގަޅަށް ނުކީދާނެކަމަށް ބިރުން އަޑުހަރުކޮށް ކިޔަން ނުކެރެނީއެވެ.

މަތީ ސާނަވީ ނިންމައިގެން ނުކުންނަ ދަރިވަރުންނަށް ތަކްބީރު ކިޔަން އެނގޭބާވައެވެ! އެނގެނީ ކިތައް ދަރިވަރުންނަށްތޯ ބަލަން އަޅެ ނިކަން އެކުދިންނާއި ސުވާލުކޮށްލައްވަބައްލަވާށެވެ!

މިފަދަ އެތައް ކަމެއް މެދުވެރިވެ ދީނީ ރޫހު ނެތިގެން މިދަނީ ބޭރުގެ ފަރާތްތަކުން ކުރާ ކަމަކުން ނޫންކަން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ވީމާ ހަޤީޤަތް އޮޅޭ ގޮތަށް ކޮންމެ ޚުޠުބާއެއްގައި ތަކުރާރުކޮށް ކިޔަމުން ދިއަ ނަަމަވެސް ހަޤީޤަތް ނޫން ކަމެއް ހަޤީޤަތަކަށް ނުހެދޭނެއެވެ.

އަދާވާތްތެރިން އަބަދުވެސް ދާނީ ހަމަލާތައް ދެމުންނެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. އަދާވާތްތެރިންގެ ޙަމަލާތަކަށް ރައްކައުތެރިވުމަށް ނަޞޭޙަތް ދިނުމަކީ ހަމަ ގިނަގިނައިން ކުރަން ޖެހޭނެ ކަމެކެވެ. ހަމައެއާއިއެކު އިސްލާމް ދީން މަތިވެރިކޮށް އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް އަމަލުކުރަމުން ގެންދިއުމަކީ އެންމެ މުހިންމު ކަންތަކެވެ. މުޖުތަމައުގައި ހުރި އިޞްލާޙްކުރަންޖެހޭ ކަންކަމުގެ ވާހަކަތައް ނުދައްކައި ކަންކަން އިޞްލާޙް ކުރެވޭނެ ގޮތެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ވީމާ ޢީދު ޚުޠުބާ ފަދަ ތަފާތު މުނާސަބަތުތަކާއި ގުޅިގެން ކިޔާ ޚުޠުބާތަކުގައި މުޖުތަމައުގައި ހުންނަ އިޞްލާޙްކުރަން ކޮންމެހެން ޖެހޭ ކަންކަމުގެ ވާހަކަތައް ހމެނުމުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑު ކަމަށް ގިނަ ބައަކު ދެކެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް