އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަވީއަށް ނަރަކައިން ސަލާމަތްވާނެ މަގު ފެނުނު ހުވަފެން - އެންމެންނަށްވެސް ޢިބްރަތެއް!

ޝަވީއަށް ނަރަކައިން ސަލާމަތްވާނެ މަގު ފެނުނު ހުވަފެން - އެންމެންނަށްވެސް ޢިބްރަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

ޝަވީއަކީ 30 ވަރަކަށް އަހަރުގެ ޒުވާނެކެވެ. ކިޔަވައިގެން ހުރި ޒުވާނެކެވެ. ޒިންމާދާރު މަސައްކަތްތަކެއް ކޮށް ރަނގަޅު އާމްދަނީއެއްވެސް ހޯދަމުން އަންނަ ޒުވާނެކެވެ. މުސްލިމެކެވެ. ނަމަވެސް އިސްލާމް ދީނުގެ ކަންކަމަށް އެހައި ފަރުވާތެރިއެއް ނޫނެވެ.

އެކަމާއިމެދު ވިސްނައި ހިތާމަވެސް ކުރެއެވެ. އެންމެ ފުރިހަމަ މުސްލިމަކަށް ބަދަލުވާން ބޭނުންވެއެވެ. ނަމަވެސް ދިރިއުޅެވޭ މާހައުލުގެ ސަބަބުންނާއި އެކުގައި އުޅެވޭ ބައެއްގެ ސަބަބުން ބޭނުންވާ ގޮތަށް ބަދަލު ނުވެވެނީއެވެ.

އެއްރެއަކު ނިދުނީ އެކަމާއިމެދު ވިސްނަން އޮއްވައެވެ. ހުވަފެނުގައި ފެނުނީ އޭނާގެ އާދައިގެ މަތިން އާދީއްތަ ދުވަހެއްގެ ހުރިހާ އުފާތަކެއް އެކުވެރިންނާއިއެކު ޙާޞިލުކުރުމަށްފަހު ލަވަކިޔަމުން ކާރު ދުއްވަމުން އަންނަނިކޮށް ކުއްލިއަކަށް އެކްސިޑެންޓްވާތަނެވެ. އަދި މަރުވެސްވާތަނެވެ.

މަރުވެފައި އޮތް އިރު ޝަވީގެ ހިތަށް އަރަމުން ދިއައެވެ. އަޅެ ކިހައި ދެރަހެއްޔެވެ؟ އަހަރެން މި މަރުވީއެވެ. އިރުކޮޅަކުން ހިނަވައި އަހަރެން ވަޅުލާނެއެވެ. ކައްވަޅުގެ ސުވާލުތަކާއި ކުރިމަތިލާންޖެހޭނެއެވެ. އަހަރެންނަށް ޖަވާބު ދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ ހާދަ ދެރައެވެ. އަހަރެން ބޭނުން ގޮތަށް ހަޔާތް ބަދަލު ނުކުރެވިގެން އުޅެނިކޮށް ކުއްލިއަކަށް މަރުވީއެވެ. ދެންވާނީ ކިހިނެއްހެއްޔެވެ؟ އަހަރެންވެސް ހަމަ ނަރަކައަށް އެއްލައިލެވޭނީ ހެއްޔެވެ؟ އެ ހޫނުގަދަ އަލިފާނުގައި އަނދައަނދައި އޮންނަން ޖެހޭނީ ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑުވެސް ބިޔަވެ ދަތެއް އުހުދުފަރުބަދަ ވާނީ ހެއްޔެވެ؟ ތިންދުވަހުގެ ރާސްތާއަކަށް ހަންގަނޑު ބޯވެ އަނދަމުން ދާނީ ހެއްޔެވެ؟ ނަރަކައިގެ މަލާއިކަތުންގެ ހަންމުށިތަކުގެ ބާރުގަދަ ހަމަލާތައް ހަށިގަނޑަށް އަރާނީ ހެއްޔެވެ؟

ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ޝަވީ ބިރުން ތުރުތުރު އަޅަނީ ވަކި ވަރަކަށް ނޫނެވެ. ޔާ ﷲ! މިއަޅާއަށް އަދި އެއް ފުރުޞަތު ދެއްވަވާނދޭވެ! ކިޔައި އަޑުގަދަކޮށް ގަނެވުނެވެ.

އެއާއިއެކު ޝަވީއަށް ކުއްލިއަކަށް ނިދީން ހޭލެވުނެވެ. އެއިރުވެސް މީހާގެ ހަށިގަނޑު ބިރުން ތުރުތުރުއަޅަނީ ވަކިވަރަކަށް ނޫނެވެ. ގިސްލަގިސްލާފައި ރޮވެނީއެވެ.

ނިދީން ހޭލެވުމުން ބިސްމިﷲ ކިޔައި އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ނުކުމެ އެދުވަހު ނުކުރެވި ހުރި ހުރިހާ ނަމާދެއް ކުރިއެވެ. އަދި ވިތުރި އާއި ދަމު ނަމާދުވެސް ކުރިއެވެ. ހޭލާހުރެ ގޮސް ޖަމާއަތުގައި ފަތިސް ނަމާދުވެސް ކުރިއެވެ.

ދުވަހުގެ އިރު އަރައި އާދައިގެ މަތިން ދުވަސް ފެށިއްޖެއެވެ. ޝަވީގެ ރައްޓެހިންނަށް މިއަދު ފެންނަނީ މުޅިން ތަފާތު ޝަވީއެއްގެ ގޮތުގައެވެ. ރައްޓެހިން ކުރާ ހުރިހާ ނުބައި ކަންކަން މަނާކުރަން މަސައްކަތްކުރާ ދީނީ ޢިލްމުވެރިއެއްގެ ގޮތުގައެވެ.

ފޯނުން މިޔުޒިކް ޖަހައިލި ނަމަވެސް އެއީ ޝައިޠާނާގެ ދުންމާރީގެ އަޑުކަމަށް ބުނެއެވެ. ސިގިރެޓެއް ރޯކޮށްލި ނަމަވެސް އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަކީ ޙަރާމް ކަމެއް ކަމަށް ބުނެއެވެ. ބަރަހަނާ ފޮޓޯއަކަށް ފޯނުން ބަލައިލި ނަމަވެސް އެއީ ހަރާމް ކަމެއް ކަމަށްވެސް ބުނެއެވެ. ނަމާދު ވަގުތު ޖެހުމުން މިސްކިތަށް ދާން ދައުވަތު ދެއެވެ. ނަމާދުކޮށް ނިމުމުން ޛިކުރުކޮށްލަން މިސްކިތުގައި މަޑުކޮށްލަންވެސް ބުނެއެވެ.

ދުވަސްކޮޅެއްވީއިރު އެކުވެރިންގެ ތެރެއިން ގިނަ ބައަކު ވަނީ ޝަވީ އާއި ވަކިވެފައެވެ. އެކުގައި ތިބީ ،2 3 އެކުވެރިއެކެވެ. ޝަވީގެ މަސައްކަތުން ފުދޭވަރެއްގެ ޢާމްދަނީއެއް ލިބޭތީ އައީ ހުރިހާ ރައްޓެހިންނަށް ޚަރަދުވެސް ކުރަމުންނެވެ. ނަމަވެސް ޝަވީގެ ދިރިއުޅުން ބަދަލުވުމުން އެކުވެރިންކޮޅު ޝަވީ ދޫކޮށް ދިއައީއެވެ. އެމީހުން އުފާ ކަމުގައި ދެކެމުން އައި ކަންކަމަށް ޝަވީ ހުރަސްއަޅާތީއެވެ. ޝަވީ އެކަމާ އެއްވެސް ވަރަކަށް ދެރައެއް ނުވެއެވެ. ޝަވީ އެއިރުވެސް ރައްޓެހިންނަށް ޚަރަދުކުރަމުން އައީ ވަކި ބަޖެޓެއްގެ ތެރެއިންނެވެ. މިހާރުވެސް ހަމަ އެއަދަދަށް ޚަރަދުވެސް ކުރެއެވެ. އެކުގައި ތިބި ،2 3 އެކުވެރިންނަށް ޚަރަދުކުރުމަށްފަހު އިތުރުވާބައި ފަޤީރުންނަށް ޞަދަޤާތް ކުރަނީއެވެ. ލިބޭ އާމްދަނީން ޞަދަޤާތް ކުރުމުގެ އިތުރުންނެވެ.

ޝަވީގެ ދިރިއުޅުން ބަދަލުވެގެންދިއައީ ފެނުނު ހުވަފެނަކުންނެވެ. އޭނާވެސް އެފަދަ ބަދަލަކަށް އެދިއެދި ހުރީތީއެވެ. ކޮންމެ މީހަކަށް އެފަދަ ހުވަފެނެއް ނުފެނިދާނެއެވެ. އެހެން މީހުންނަށް ފެންނަ ހުވަފެނުން އިބްރަތް ޙާޞިލުކުރުމަކީވެސް ހަޔާތަށް ބަދަލު ގެނެވިދާނެ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް